ކ. މާލެ
|
14 ނޮވެންބަރ 2022 | ހޯމަ 08:06
އެމްއެމްއޭ
އެމްއެމްއޭ
ޔޫސުފް ސޮފްވާން ރަޝީދު
ބަޖެޓު ލަފާ
ނުސީދާ ގޮތެއްގައި ވެސް ތަކެއްޗާއި ޚިދުމަތުގެ އަގުތައް 2.2 އިންސައްތަ ޕޮއިންޓަށްވުރެ ވެސް އިތުރަށް އުފުލުން އެކަށީގެންވޭ - އެމްއެމްއޭ
2023 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ސީދާގޮތެއްގައި އިންފްލޭޝަން ރޭޓް އުފުލިގެން ދާނެކަމަށް ލަފާކުރެވެނީ 2.2 ޕަސެންޓޭޖް ޕޮއިންޓުން
ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ރޭޓްތަކަށް ގެނެވޭ ބަދަލުތަކުގެ އެންމެ މުހިއްމު ބޭނުން ކަމަށްވާ ދައުލަތުގެ ޑެފިސިޓު ކުޑަކުރުން، ހުށަހަޅާފައިވާ ބަޖެޓުން ހާސިލް ކުރެވިފައިނުވޭ
އިގްތިސާދަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކަށް ރިއާޔަތްކޮށް، ޚަރަދުތައް ކުޑަކުރުމަށް އިސްކަންދިނުން މުހިއްމު

ނުސީދާ ގޮތެއްގައި ވެސް ތަކެއްޗާއި ޚިދުމަތުގެ އަގުތައް 2.2 އިންސައްތަ ޕޮއިންޓަށްވުރެ ވެސް އިތުރަށް އުފުލުން އެކަށީގެންވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

2023 ވަނަ އަހަރަށް ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީ އާއި ދައުލަތުގެ ޚަރަދާއި ފައިނޭންސިން އަދި މުޅި ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ލަފާގައި ބުނެފައިވަނީ 2023 ވަނަ އަހަރަށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ސިޔާސަތަކީ 1 ޖަނަވަރީ 2023 އިން ފެށިގެން ޓީޖީއެސްޓީ ރޭޓް 16 އިންސައްތަ އަށް ޖީޖީއެސްޓީ 8 އިންސައްތައަށް އިތުރުކުރުމެވެ. އެ އޮތޯރިޓީއިން ތައްޔާރުކޮށްފައިވާ އިންފްލޭޝަން ފޯކާސްޓްގެ އަންދާޒާތަކަށް ބަލާއިރު، 2023 ވަނަ އަހަރު އިންފްލޭޝަން ހުންނާނެކަމަށް ބެލެވެނީ 5.4 އިންސައްތައިގައި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

އަދި މި އަދަދުގެ ތެރެއިން ޖީޖީއެސްޓީ ރޭޓް އިތުރުކުރުމުގެ ސަބަބުން 2023 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ސީދާގޮތެއްގައި އިންފްލޭޝަން ރޭޓް އުފުލިގެން ދާނެކަމަށް ލަފާކުރެވެނީ 2.2 ޕަސެންޓޭޖް ޕޮއިންޓުންނެވެ. މީގެ އިތުރުން، ޖީޖީއެސްޓީ ރޭޓް އިތުރުކުރުމުގެ ސަބަބުން، އެ ފުރުސަތުގައި ވިޔަފާރީގެ ފައިދާ އިތުރުކުރުމަށް ބައެއް ވިޔަފާރިތަކުން އަގުތައް މަތިކުރުން ފަދަ މާކެޓް ބިހޭވިއާއަށް ކުރިމަތިވާ ބަދަލުތަކާއެކު ނުސީދާ ގޮތެއްގައި ވެސް ތަކެއްޗާއި ޚިދުމަތުގެ އަގުތައް 2.2 ޕަސެންޓޭޖް ޕޮއިންޓަށްވުރެ ވެސް އިތުރަށް އުފުލުން އެކަށީގެންވާ ކަމުގައި ދެކޭކަމަށް އެމްއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2023 ވަނަ އަހަރަށް ޓެކްސް ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކަކީ ދުނިޔޭގެ މާލީ އިދާރާތަކުންވެސް ކުރިން ލަފާދީފައިވާ ކަންކަމެވެ. އެހެންނަމަވެސް، ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ޓެކްސް ރޭޓްތަކަށް ގެނެވޭ ބަދަލުތަކުގެ އެންމެ މުހިއްމު ބޭނުން ކަމަށްވާ ދައުލަތުގެ ޑެފިސިޓު ކުޑަކުރުމަށް ހުށަހަޅާފައިވާ ބަޖެޓުން ހާސިލް ކުރެވިފައިނުވާކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. އަދި ހަމަމިއާއެކު، މިދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި އިގްތިސާދީ ހާލަތު ދަށްވެފައިވާ ދުވަސްވަރެއްކަމުން، މި ދަނޑިވަޅުގައި ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓެކްސް ރޭޓް އިތުރުކުރުމުގެ ބަދަލުގައި، މިފަދަ ސިޔާސަތެއްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކަށް ރިއާޔަތްކޮށް، ޚަރަދުތައް ކުޑަކުރުމަށް އިސްކަންދިނުން މުހިއްމުކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭގެ ބަޖެޓް ރިވިއުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ ރޭޓް އިތުރުކުރުމަށް ހުށަހަޅާފައިވާއިރު، ޓީޖީއެސްޓީއަށް ގެންނަ ބަދަލުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އަންނާނެ ބަދަލުތައް ދުރާލާ ދެނެގަނެވިފައި އޮތުމަކީ މުހިއްމުކަމެއް ކަމުގައި އެ އޮތޯރިޓީއިން ދެކޭ ކަމަށެވެ. ވަކިން ހާއްސަކޮށް، ޓީޖީއެސްޓީ ރޭޓަކީ ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ބަދަލުކުރާ ސިޔާސަތަކަށް ނުހެދުމަށް ވެސް އެ އޮތޯރިޓީއިން ލަފާއަރުވާފައިވެއެވެ.

- ކޮމެންޓް