Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 10:41
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަޖިލީހަށް ހާޒިރު ކުރުން. / 07.05.2025
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަޖިލީހަށް ހާޒިރު ކުރުން. / 07.05.2025
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
މިއީ ލޮނުގެ އަސަރު ކުރާ ތަނެއް ކަމުން ވެހިކަލްތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް
މިއަހަރުގެ ޑިސެމްބަރު މަހު ނުވަތަ އަންނަ އަހަރު މި ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް

މި އަހަރު ނިމޭއިރު ވެސް ޓެކްސީ ލައިނުގެ ޚިދުމަތް ފެށޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާ ޑިސެމްބަރު ނޫނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލަށް ޖަވާބު ދިނުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރުވެފައިވެ އެވެ. މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ސަރުކާރަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުން ނިންމާފައިވަނީ އިލެކްޓްރިކް ވެހިކަލް (އީވީ) ގެންނަން ކަމަށާ ނަމަވެސް އެކަމުގައި ވެސް ގިނަ ދަތިތަކެއް ހުރި ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެއަކީ އައިލެންޑް ނޭޝަން އަކަށް ވުމާއެކު މިއީ ލޮނުގެ އަސަރު ކުރާ ތަނެއް ކަމުން ވެހިކަލްތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

މި މާހައުލަށް އީވީ ވެހިކަލްތައް އުފައްދާ ކުންފުނިތަކުގަ އީވީ ވެހިކަލްވީމަ ވަރަށް ބައިވަރު މައްސަލަތަކާ އަދި އެ މާހައުލަކަށް ފެތޭގޮތަށް ބަދަލުތައް ގެންނަން ޖެހޭ. އެހެންވީމަ އަޅުގަނޑުމެން އެ ޕްރޮސެސް މިހާރު ހަމަ ކުރިއަށް އެބަދޭ. އެކަމު މީ ލޮނުގެ އަސަރުކުރާ ސަރަހައްދަކަށްވެފަ، އަޅުގަނޑުމެންނަކީ އައިލެންޑް ނޭޝަންއަކަށް ވީމަ މީގަ މޮޑިފިކޭޝަންސް ތަކެއް މި އުފައްދާ ފަރާތްތަކުން ކޮންމެސް ވަރަކަށް ގެންނަން ޖެހޭތީ އެ ބަދަލާއެކީގަ ކުޑަ ލަސްވުމެއް މި އަންނަނީ. އެކަމަކުވެސް މިއަހަރު ނިމޭ ހިސާބުގަ އެހެން ނޫނީ އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގަ ޓެކްސީ ލައިނުގެ ޚިދުމަތް ފެށިގެންދާނެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މިނިސްޓަރު ވިދާޅުވީ ދަތިތައް ހުރި ނަމަވެސް މިއަހަރުގެ ޑިސެމްބަރު މަހު ނުވަތަ އަންނަ އަހަރު މި ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ޚިދުމަތް ފެށުމަށް އެންމެ ފުރަތަމަ ހަމަޖެއްސީ ޖުލައި މަހުގެ ތެރޭގައެވެ. މިކަން ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިއުލާނު ކުރެއްވީ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ޖުލައި މަހުގައި ޚިދުމަތް ނުފެށުމުން، އޮގަސްޓް މަހަށް ފަސްކުރި ނަމަވެސް، އަދިވެސް މި ޚިދުމަތް ފެށިފައެއް ނުވެ އެވެ. މިފަހަރު ވިދާޅުވީ ފެށޭނެ ތާރީޚެއް ދަންނަވަން ނޭންގޭ ކަމަށެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މިނިސްޓަރ އަމީން އޭރު ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެކަނި އެ ޚިދުމަތް ދިނުމަށް ބޭނުންވާ ކާރު ގެނައުމަކުން ޚިދުމަތް ނުފެށޭނެ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޕްރޮޑަކްޝަންގެ މައްސައްކަތް ޖޫން މަހު ފަށާނެ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން އެ އިންޓަވިއުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެއީ ސްޓޯރަކަށް ވަދެ ޝެލްފަކުން ގަންނަން ލިބޭ ކަހަލަ ތަކެއްޗެއް ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ސައިޒުގެ ޓެކްސީ އާއި ބޭނުންވާ ހުރިހާ ސާމާނެއް ހަރުކޮށްގެން ގެންނައިރު، ބައެއް ބަދަލުތަކެއް އަންނާނެ ކަމަށް ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަދެ، ޓެކްސީ ލައިންއެއް ތައާރަފު ކޮށްފައިވާއިރު، ޓެކްސީ ޑްރައިވަރުންގެ ނުރުހުން ވަނީ އެކަމަށް އަމާޒުވެފަ އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޓެކްސީ ވިޔަފާރިވެރިންގެ ވިޔަފާރި ފުނޑާލުމަށް ކަމަށް ބުނެ، ގިނަ ޓެކްސީ ޑްރައިވަރުންތަކެއް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ވެސް ކޮށްފަ އެވެ.

- ކޮމެންޓް