ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި ފަރާތްތަކަށް ހާއްސަކޮށްގެން ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އިން އައިވީއެފް ފަންޑެއް ހުޅުވާލައިފިއެވެ.
މި ފަންޑު ހުޅުވާފައިވަނީ ވޯލްޑް ފަރޓިލިޓީ ޑޭ ފާހަގަ ކުރުމަށް ބޭއްވި ގާލާ ޑިނަރގައެވެ. "އަ ނައިޓް އޮފް ހޯޕް"ގެ ނަމުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ގާލާގައި ފަންޑް ލޯންޗްކޮށްދެއްވީ ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އުފެދުނީއްސުރެ ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ފަރާތެއްކަމުގައިވާ މަރިޔަމް ޝެނިންއެވެ.
އައިވީއެފް ފަންޑަކީ، މާލީ ދަތިތަކާއި ހެދި އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޓްރީޓްމަންޓް ހެދުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމަށްޓަކައި އެ ޖަމިއްޔާއިން ހުޅުވާލާފައިވާ ފަންޑެކެވެ. މި ފަންޑްގެ އެހީގައި ކޮންމެ އަހަރަކު ވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އައިވީއެފް ފަންޑު ހުޅުވާލުމުގެ އިތުރުން ގާލާ ހަފްލާގައި އިންޑިއާގެ ޔާމީ ފާޓިލިޓީ ކްލިނިކާ އެކު ވަނީ އިތުރު ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އެކަމަށް ހާއްސަ އެމްއޯޔޫގައި ޔާމީ ފާޓިލިޓީ ކްލިނިކާ އެކު ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. އެ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސް އާޝާ ހުސެއިންއެވެ. އަދި ޔާމީ ފާޓިލިޓީ ކްލިނިކްގެ ފަރާތުން ސޮއިކުރެއްވީ އެ ކްލިނިކްގެ ފައުންޑަރު އަދި ޑިރެކްޓަރު ޑރ. ސަންކަލްޕް ސިންގްއެވެ.
އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވާލާފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ހާއްސަ ހާލަތްތަކެއްގެ ދަށުން ސިއްޚީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށް ވެސް ފަރޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނެއެވެ.
މި ފަންޑަށް އެދި ހުށަހަޅާއިރު އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނަގާނެއެވެ. އަދި, ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރެވިގެންދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.