ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 18:36
ނަފްސާނީ ބަލިމަޑުކަން ދައްކުވައިދޭ ކުރެހުމެއް
ނަފްސާނީ ބަލިމަޑުކަން ދައްކުވައިދޭ ކުރެހުމެއް
ނަފްސާނީ ބަލިމަޑުކަން
ނަފްސާނީ ބަލިމަޑުކަން، ހިމޭން ހަނގުރާމައެއްގެ ވޭން!
އަދިވެސް ނަފްސާނީ ބަލިތަކުގެ ހޭލުންތެރިކަން ވަރަށް ކުޑަ
ބޭސް ފަރުވާއަށް ހޭދަވާ މިންވަރު މާލީ ބުރައަކަށްވޭ

ބައެއް މީހުންނަށް، މާބޮޑަށް ނިދިއައުމެވެ. އަނެއްބައި މީހުންނަށް، އެއްގޮތަަކަށްވެސް ނިދި ނައުމެވެ. އެއްބަޔަކު އާދަޔާޚިލާފަށް މަސައްކަތުގައި ޝާމިލްވެ އުޅުމެވެ. އަނެއް ބަޔަކަށް އެއްގޮތަކަށްވެސް މަސައްކަތް ނުކުރެވުމެވެ. ބައެއް ފަހަރު ކިތަންމެ ގިނައިން ކެޔަސް ބަނޑުހައިވާހެން ހީވުމެވެ. އަނެއްބައި ފަހަރު އެއްގޮތަކަށްވެސް ބަނޑުހައި ނުވުމެވެ. ބައެއް ފަހަރު މި ހުރިހާ ކަމެކެވެ. މިކަންތައްތަކާއި އަދި މި ނޫނަސް އެތައް ކަމަކާ، ނަފްސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށް ވާ މީހާ ކުރިމަތިލާން ޖެހެއެވެ.

ހިތާމައަކީ މި ބައްޔަކީ ލޭގެ ޓެސްޓަކުން ނުވަތަ ބޭރުފުށުގެ ބަދަލަކުން ދެނެގަނެވޭ ކަމަކަަށް ނުވުމެވެ. އެއީ ގައިގައި ލާ ލަކުނަކުން، މީހާގެ ރޫފައަށް އަންނަ ބަދަަލަކުން ނުވަތަ ޖިސްމާނީ އެހެންވެސް ބަދަލަކުން އެނގޭކަމަކަށް ނުވުމެވެ. އެހެންކަމުން ހަމަލޮލަށް ނުފެންނަ ކަންްކަމަކީ ހަގީގަތުގައިވެސް ހިނގާ ކަމެއްތޯ ސުވާލު އުފެދެނީ ކަމަށް ވެދާނެއެވެ. ނަފްސާނީ ބަލީގެ ތަޖުރިބާކާރުން ފާހަގަކުރާގޮތުން، މި ބައްޔަކީ ހިމޭން ބައްޔެކެވެ. މި ބަލީގެ ޝިކާރައަކަށްވާ އެތައް ބަޔަކަށް ދިމާވާ އެންމެ ބޮޑު ހިތްދަތިކަމަކީ ދިރިއުޅޭ މާހައުލެވެ. ތިމާގެ އަމިއްލަ އާއިލާއާއި ރަހުމަތްތެރިންގެ ބަސްމަގެވެ. ގޭތެރެއާއި މަސައްކަތުގެ މާހައުލުން ލިބެންވާ އެއްބާރުލުން ލިބުމުގެ ބަދަލުގައި ލިބޭ ނިކަމެތި ބަސްތަކެވެ.

ބައެއް ފަަހަރު ނަފްސާނީ ބަލިތަކަކީ ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރުވާ ކަންކަމެވެ. ބަލާބެލުމަށް އަނެކާ ކަންނެތް ވަނީ ކަމަށް ހީވެދާނެއެވެ. އެހެންނަމަވެސް މި ބަލި ތަހައްމަލުކުރަމުންދާ މީހުންނަށް ބައެއް ފަހަރު އެނދުން ތެދުވެ ނޫޅެވޭ ވަރަށް ހަކަތަ ދަށްވާ ފަހަރު އާދެއެވެ. ކިތަންމެ ފަހަރަކު ކެއިން ބުއިމާއި އެ ނޫނަސް ޒަރޫރީ އެތައް ކަމެއް ހަނދާންނެތޭ ގޮތް ވެއެވެ. މުހިންމު ކަންކަން ހަނދާނުން ކައްސާލާގޮތްވެއެވެ. ނުވިތާކަށް ނަފްސަށް ގެއްލުން ދިނުމުގެ ޚިޔާލުތަކާއި ނަފްސާމެދު ނެގެޓިވް ޚިޔާލުތައް ނޭނގިނަމަވެސް ކުރެވޭ ގޮތްވެއެވެ.

އަދި ބުނެދޭން ނޭނގޭ އެތައް ހަނގުރާމައެއް އަމިއްލަ ނަފްސާ ކުރަންޖެހެއެވެ. ކައުންސެލިންގ ނުވަތަ ބޭހުން ފަރުވާ ހޯދަން މަސައްކަތްކުރާ މީހުންނަށްވެސް ދިމާވާ ދަތިކަމަކީ، މިއީ އަމިއްލައަށް ކުރާ ކަމެއް ކަމުގައި ދެކޭދެކުމެވެ. އެހީވުމުގެ ބަދަލުގައި މަލާމާތްކޮށް ފުރައްސާރަކުރުމެވެ. އަދި އެމީހާއަކީ ބަލިކަށި މީހެއް ކަމަށް ދެކުމެވެ. ހަމްދަރުދީވުމުގެ ބަދަލުގައި ގަނާކުރުމާ ކުރިމަތިލާން ޖެހުމެވެ. މުޖުތަމައެއްގެ ހައިސިއްޔަތުން މި ފަދަ ކަންކަމާމެދު އަދިވެސް އަޅުގަނޑުމެންގެ ހޭލުންތެރިކަން ކުޑައެެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ހޭދަ ކުރުމަކީ އާދައިގެ މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަޅުގަނޑުމެން ކުރަންޖެހޭ ދަތުރު ވަރަށް ދިގުވެފައި، އުނދަގުލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
11 އޮކްޓޯބަރ 2022 | އަންގާރަ 20:05
މުހައްމަދު ހުސެއިން
ނަފްސާނީ ބަލިމަޑުކަމެއް ތަހައްމަލް ކުރަމުން ގެންދާ މީހުންއަށް އެންމެ މުހިންމު ފަރުވާއަކީ އެހެންމީހުންގެ ލޯތްބާއި ހަމްދަރުދީ އާއި ކުލުނެވެ ސަބަބަކީ އެފަދަ ބައްޔެއް ތަހައްމަލް ކުރަމުންގެންދާ މީހުންއަށް ގިނަފަހަރަށް އެފަދަހާލަތަކަށްތިމާ ގޮސްފައިވާކަމުގެ އިހްސާސް ނުކުރެވި ހިގައިދެއެވެ. މިހެން މިކަން ހުރުމުގެ ސަބަބުން އެފަދަ މީހުން ދުވަހަކަށް ފަހު ދުވަހެއް ނަފްސާނީ ބަލީގައި ދަނީ އިތުރަށް ބަލިކަށިވެ ނިކަމެތި ވަމުންއެވެ.