ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 09:40
ޑރ. އައިޝަތު އަލީ ނާޒު 
ޑރ. އައިޝަތު އަލީ ނާޒު 
ރާއްޖެއެމްވީ
ނަފްސާނީ ބަލިތައް
ނަފްސާނީ ބައްޔާ މެދު ގެންގުޅޭ އެންމެ ބޮޑު ކުށްހީ އަކީ އަމިއްލަ އަށް ރަނގަޅުކޮށްލެވޭ ކަމެއް ކަމަށް ހީކުރުން: ޑރ.ނާޒް
އަވަހަށް ފަރުވާ ހޯދުން މުހިންމު، އެހެން ނޫން ނަމަ އިތުރަށް އުނދަނގޫވޭ
ނަފްސާނީ ބައްޔަކީ ވެސް ވާރުތަކުރާ ބައްޔެއް

ނަފްސާނީ ބައްޔާ މެދު ގެންގުޅޭ އެންމެ ބޮޑު ކުށްހީ އަކީ، އަމިއްލަ އަށް ރަނގަޅުކޮށްލެވޭ ކަމެއް ކަމަށް ހީކުރުން ކަމަށް ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ނަފްސާނީ ގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް ނަފްސާނީ ގޮތުން ބަލިކަށިވާ ފަދަ ޚިޔާލުތަކެއް ހުރިކަން ދެނެގަތުން މުހިންމު ކަމަށް ޑރ.ނާޒް ވިދާޅުވިއެވެ. ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރަން އެހެން މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނަފްސާނީ ބަލިތަކަކީ ބޭރުފުށަށް ނުފެންނަ ބައްޔަކަށް ވުމުން އެ ފަދަ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ވަރަށް ބޮޑެތި ދަތިކަމާއި ދިމާވާ ކަމަށް ޑރ.ނާޒް ވިދާޅުވިއެވެ. އެއީ ލޭގެ ޓެސްޓެއް ނުވަތަ އެހެން ޓެސްޓަކުން ދެނެގަނެވޭ ކަމަކަށް ނުވުމުން އެ ބައްޔާ މެދު އަދިވެސް އާއްމުންނަށް ގިނަ ކުށްހީތަކެއް ހީވެފައިވާކަމަށް ޑރ.ނާޒް ވިދާޅުވިއެވެ. މި ފަދަ ކަންކަން ވަނީ ބަލި މީހާގެ އިޚުތިޔާރުން ބޭރުގައިވާ ޚިޔާލުތަކެއްގެ ސަބަބުން ކަމަށް ޑރ.ނާޒް ފާހަގަކުރެއްވިއެވެ.

ތިއީ އަމިއްލަ އަށް ރަނގަޅު ކޮށްލެވޭނެ ކަމެއް ކަމަށް ހީކުރުން. އެހެންނަމަވެސް އެ ބަލި ތަހަައްމަލު ކުރާ މީހުންނަށް އެނގޭނީ މީ ކިހާވަރެއްގެ ކަމެއްކަން. ކިހާ ވޭން ހުރި ކަމެއް ކަން. މިއީ ސިކުނޑީގެ ދިޔަވަރަށް އަންނަ ބަދަލެއްގެ ސަބަބުން ވާ ކަމެއް. މިއީ އެއްވެސް ވަރަކަށް އެ ކުއްޖަކު ނޫނީ މީހަކު ގަސްތުގައި ކުރާ ކަމެއް ނޫން.
ޑރ.ނާޒް

ނަފްސާނީ ބައްޔަކީ ވެސް ވާރުތަކުރާ ބައްޔެއް ކަމަށާއި މިއީ ދިރިއުޅުމުގައި، ޚާއްސަކޮށް ޅަފަތުގައި ދިމާވާ ކަންކަމަށް ވެސް ވަރަށް ބޮޑަށް ބަރޯސާ ވާ ކަމެއް ކަމަށް ޑރ.ނާޒް ވިދާޅުވިއެވެ. އެގޮތުން ގެވެށި އަނިޔާ އާއި ޖިންސީ ގޯނާ އަދި ގަނާކުރުން ފަދަ ކަންކަން ދިމާވުމަކީ މީހާ ބަލިކަށިކޮށްލާ ކަންކަން ކަމަށް ޑރ.ނާޒް ފާހަގަކުރެއްވިއެވެ. ނަފްސާނީ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ މީހާ އަށް މާހައުލުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމަކީ އެފަދަ މީހަކަށް ލިބޭ އިތުރު ނިކަމެތިކަމެއް ކަަމަށް ވެސް ޑރ.ނާޒް ވިދާޅުވިއެވެ. ނަފްސާނީ ބައްޔަށް މީހަކު ހުށަހެޅުމަށް ކުރެވިދާނެ އެންމެ މުހިންމު ކަމަކީ އެކަން ދިމާވުމުން ލަސް ނުކޮށް އެކަމަށް ހައްލު ހޯދަން މަސައްކަތްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބަލި މީހާ އަށް ނަފްސާނީ ބަލި ހުރިކަން ނޭނގި ހިނގައިދާނެ ކަމަށާއި، އެއީ އުނދަނގޫ ކަމެއް ކަމަށް ޑރ.ނާޒް ވިދާޅުވިއެވެ. ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނި ނަމަވެސް ނަފްސާނީ ބަލިމަޑުކަމަށް ހުށަހެޅިދާނެ ކަމަށާއި، ދިރިއުޅޭ މާހައުލުން އެއީ އަމިއްލަ އަށް ކުރާ ކަމެއް ކަަމަށް ބުނާ ހިސާބުން އެފަދަ މީހުންނަށް އިތުރު ދަތިތަކާއި ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުޑަކުދިން ސްކޫލަށް ދާން ބޭނުން ނުވުމާއި، ފޫހިވުން ފަދަ ކަންކަން ދިމާވާ ނަމަ އެ ކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި އެފަދަ ކަންކަން ދިގު މުއްދަތަކަށް ދެމިގެންދާ ނަމަ އަޅާ ނުލާ ދޫކޮށްލައިގެން ނުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް