ކ. މާލެ
|
9 ޑިސެންބަރ 2022 | ހުކުރު 09:02
ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތެއް
ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތެއް
ރާއްޖެއެމްވީ
ނަފްސާނީ ބަލި
ނަފްސާނީ ބަލި ތަހައްމަލު ކުރާތާ 25 އަހަރު، މިއީ ހިތަށާއި ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު އަނިޔާއަކާއި ތަކުލީފެއް
މި ބަލީގައި މީހާ ނޯމަލްއަށްވުރެ ހައިވަމުން ހައިވަމުން ގޮސްދާނެ ހަމަ އޭނާ އެހުރީ ހަމަ ހެޔަކު ނޫން ކަމަށްވެސް ބުނެވިދާނެ
ފަރުވާ ހޯދަމުންދާ އިރުވެސް ވަރަށް ބޮޑަށް ގޯސްވޭ

ހިތާއި ސިކުނޑިއަށް ލިބޭ ވޭނަކީ ހަށިގަނޑަށް ލިބޭ ފުން ޒަހަމަކަށް ވުރެ ތަހައްމަލު ކުރަން އުދަނގޫ ބޮޑު ވޭނެކެވެ. ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވީ ނަމަވެސް ބަލީގެ ވާހަކަ ދައްކަނީ އަދިވެސް ވަރަށް މަދު ބައެކެވެ. ސަބަބުތަކެއް މީގައި ހުރެއެވެ. މިގޮތަށް މި ކަންތައް ވަނީ މުޅި މުޖުތަމައު އިން ނަފްސާނީ ބަލިތައް އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަލައި ނުގަންނާތީއެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަން ދިމާވާ އެންމެ ބޮޑުއެއް ގޮންޖެހުމަކީ މުޖުތަމުގެ މީހުންގެ ވިސްނުމެވެ. މިއީ ހުދު އަމިއްލަ އަށްވެސް ބައެއް ފަހަރު ގަބޫލުކުރަން ދަތިކަމެކެވެ.

ނަފްސާނީ ބަލިތަކަކީ އެހެން ބަލިތައް ފަދަ ބަލިތައްކަން ބަލައި ގަންނަން ޖެހެއެވެ. އެހެން ބަލިތަކަށް ފަރުވާ ހޯދޭހެން އިތުބާރާއެކު ނަފްސާނީ ބަލިތަކަށް ވެސް ފަރުވާ ހޯދެން ޖެހެއެވެ. މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން އެހެން މީހުންނަށް އެނގިދާނެތީ ކްލިނިކަށް ގޮސް ފަރުވާ ހޯދަން ފަސްޖެހެއެވެ. އެހެންނަމަވެސް ނަފްސާނީ ބަލިތަކަށް ވެސް މާ ލަސް ނުވަނީސް ފަަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. ނަފްސާނީ ބަލިތަކަކީ އެހެނިހެން ބަލިތައް ފަދަ ބައްޔެއްކަން ބަލައިނުގަނެ، ނަފްސާނީ ބަލި ހުންނަ މީހަކަށް އެގޮތަށް ވެފައި ވަނީ ވަކި ސަބަބެއްގެ ސަބަބުން ކަމަށް ބުނެ ވާހަކަ ދެއްކުމުން އެފަދަ މީހުންގެ ހައްގަށް އަރައިގަނެވެއެވެ.

ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތެއް - ރާއްޖެއެމްވީ

ނަފްސާނި ބަލި ތަހައްމަލުކުރަމުންދާ އަދި އެ ބައްޔާ މެދު ކުރީކޮޅުގައި ގަބޫލުކުރުންތަކެއް ނެތް ޒުވާނަކު އޭނާގެ ވާހަކަ ހިއްސާ ކުރަމުން ބުނީ، ބައެއް މީހުން ހީކުރަނީ އެފަދަ މީހުން ތިބެނީ މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހައިވެފަ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި، މި ބަލީގައި މީހާ ނޯމަލްއަށްވުރެ ހައިވަމުން ހައިވަމުން ގޮސްދާނެ ހަމަ އޭނާ އެހުރީ ހަމަ ހެޔަކު ނޫން ކަމަށްވެސް ބުނެވިދާނެ ކަމަށެވެ. އަދި އެމީހަކަށް ކުރެވޭ ކަންތައްތައް އެއީ ގަސްދުގައި ކުރާ ކަމެއް ނޫން ކަމަށް އޭނާގެ ތަޖުރިބާގެ އަލީގައި ހިއްސާކުރިއެވެ.

އަޅުގަނޑަށް ހީވާ ގޮތުގައި މި ބަލި އަޅުގަނޑަށް ފުރަތަމަ ފާހަގަކުރެވެން ފެށީ އަޅުގަނޑު ފިޒިކަލީ އަދި މެންޓަލީ ވެސް ގޮސް ފުލް ވަޒީފާއި އުޅެމުން ގޮސް ވަޒީފާގެ ޓްރެއިނިންއެއްގެ ތެރޭގައި އުޅެނިކޮށް. ނުވެސް އެނގޭ. ހީކުރީ އެއީ ސްޓްރެސް ކަމަށް. ދެން ބައްޔެއް ކަން އެނގުނީ އެތައް އަހަރެއް ފަހުން. 97 ގައި ޓްރެއިނިން ހެދިނަމަވެސް އަސްލު ބައްޔެއްކަން އަޅުގަނޑު ގަބޫލުކުރީ 2006 ހާއިރު.
ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތެއް

އޭނާ ބުނި ގޮތުގައި، ކުރިން ޑޮކްޓަރަށް ދައްކަން ފެށި އިރު މާބޮޑަށް ޑައިގްނޯޒްއެއް ނުކުރެވެއެވެ. އެކި ޑޮކްޓަރުން އެކި ގޮތަށް ޑައިގްނޯޒް ކުރާ ކަމަށާއި، ސެންޓަރ ފޮރ މެންޓަލް ހެލްތު އުފެއްދިފަހުން ފާހަގަކުރެވުނު އެއްކަމަކީ ތަނުގެ އޮންނަ ހިތްހަމަޖެހުމާއި، މީހާ އެތަނަށް ވަނީމަ އެ ލިބޭ ހިތްހަމަޖެހުން އަދި ރައްކާތެރި މާހައުލަކަށް ވަދެވުނުކަމުގެ އިހުސާސްކުރެވޭ ކަމަށެވެ. ހޮސްޕިޓަލަށް ވަންނަ އިހުސާސެއް ނުކުރެވޭ ކަމަށާއި، އެއީ ސަރުކާރުން އެއަށްވުރެ ހިތްގައިމުކޮށް ކުރެވިފައި އޮތްކަމެއް ކަމަށް އޭނާ ބުންޏެވެ.

މި ސަރުކާރުން ގާއިމްކުރި ސެންޓަރ ފޮރ މެންޓަލް ހެލްތުގައި ތިއްބަޔާ ޑޮކްޓަރުން ބަލި މީހުންނަށް ވަރަށް ބޮޑަށް އަޅާލާކަން އޭނާގެ ވާހަކައިގައި ފާހަގަކުރިއެވެ. އަދި އެމަރޖެންސީ ކަމެއް ދިމާވިޔަސް ބުނެލީމަ ވަގުތުން އެހީތެރިކަން ވެސް ލިބޭ ކަމަށާއި، މިއީ ނަފްސާނީ ބަލީގެ މީހުންނަށް ފަރުވާ ހޯދުމަށް މިފަދަތަނެއް އިހްލާސްތެރިކަމާއެކު މިފަދަކަމެއް ކޮށްދޭތީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ފާހަގަކުރިއެވެ.

ނަފްސާނީ ބަލީގެ ވޭން ކިޔައިދެމުން އެނާ ބުނީ "މިއީ ކުޑަކުޑަ ކަމެއް ނޫން. މިއީ ތަނެއް ކަނޑައިގެން ނުވަތަ ބިންދައިގެން ގޮސްފައި ހުރުމެއް ނޫން. މިއީ ހިތަށާއި ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު އަނިޔާއެއް އަދި ތަކުލީފެއް. އެހެންވީމަ ވަރަށް އުފާވޭ މިތަން އުފެއްދެވީމަ" އެވެ.

ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތެއް - ރާއްޖެއެމްވީ

ނަފްސާނީ ބަލީގެ ވޭނާއި ކެކުޅުމުގައި 17 އަހަރު ހޭދަކޮށްފައިވާ 3 ކުދިންގެ މަންމައަކު އޭނާގެ ވާހަކަތައް ހިއްސާކުރަމުން ދިޔައީ ވަރަށް ހިތްވަރާއެކުއެވެ. ބައްޔަށް ފަރުވާކުރަމުންދާތާ 17 އަހަރުވި މި އަންހެން މީހާ ބުނީ އޭނާގެ 3 ފިރިހެން ކުދިންނާއި މާމަ ދަރިފުޅެއް ވެސް ހުންނަ ކަމަށެވެ. ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވުމުގެ ކުރިން އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދައްކާ ކަމަށް ބުންޏެވެ. އަދި މާބޮޑަށް ގޯސްވީމަ ލަންކާ އަދި އިންޑިއާއަށް ގޮސްގެންވެސް ޑޮކްޓަރަށް ދައްކާ ކަމަށާއި، ޑޮކްޓަރަށް ދައްކައިގެން ބޭސް ބޭނުންކޮށްގެން ބޭސް ކުރާ ދުވަސްކޮޅު ރަނގަޅަށް ހުއްޓަސް، އަދި ބޭސް ކޮށްކޮށް ހުއްޓަސް ވަރަށް ބޮޑަށް ގޯސްވާން ފަށާ ކަމަށް އޭނާ ކިޔައިދިނެވެ.

އެއިރު ވާގޮތަކީ ޑޮކްޓަރަށް ދައްކަން ވެސް އަދި ބޭސް ހުސްވެގެން ހޯދަން ވެސް ފަސޭހަ ނޫނީ. އެއިރު ހަމައެކަނި ބޭސް ބޭނުންކުރީ. ބޭސް އެކަނި ބޭނުންކުރީމާ މާބޮޑު އެނގުމެއް ނާދޭ. ދެން ބޭރަށް ފުރައިގެން ދާއިރުވެސް ވާގޮތަކީ ކޮންމެވެސް ބައެއް ދާންޖެހޭ ކުދިން ސްކޫލަށް ދާއިރު ހަފްތާއަކު އެއްފަހަރު ނޫނީ އެމީހުން ބުނީމަ. ދާންވެސް ދަތި އަދި ހަރަދުގެ ގޮތުން ވެސް އެހާ ފަސޭހައެއް ނޫން ދާކަށް.
ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތެއް

ސެންޓަރު ހުޅުވިގެން މަސައްކަތް ކުރަން ފެށިފަހުން ވަރަށް ފަސޭހަވިކަމަށް އޭނާ ބުންޏެވެ. އަދި ފޭސްޓުފޭސްކޮށް ޑޮކްޓަރާއި ބައްދަލުނުވާނަމަ، އޮންލައިންކޮށްވެސް ވާހަކަ ދެއްކޭ ކަމަށާއި، ބޭހުގެ މުއްދަތު ހަމަވާން ކައިރިވީމަ، އެވާހަކަ ބުނުމުން އައު ބޭސް ސިޓީއެއް ލިޔެދޭކަމަށް ބުންޏެވެ.

އޭނާ ބުނީ މިދިޔަ އަހަރު ޑިސެމްބަރުގައި ލަންކާއަށް ދައްކައިގެން ބޭސްކޮށްފައި ހުރީމަ ރާއްޖެއިން ނުލިބޭ އެއްބޭސް ލިބޭ ކަމަށެވެ. އަދި އެ ބޭސް ނުކައިފިއްޔާ ވެސް ގެއްލުންތަކެއް ލިބޭ ކަމަށާއި، އެކަމަކު ކޮންމެ 6 މަހުން 6 މަހުން އެކޮޅަށް ދާން ބުނެފައި އޮންނަ ކަމަށެވެ. ނަމަވެސް ސެންޓަރ ފޮރ މެންޓަލް ހެލްތަށް ދައްކައިގެން ބޭސް ލިޔެފައި އައިޖީއެމްއެޗް މެދުވެރިކޮށް ބޭސް ލިބޭގޮތް ހެދީމަ އެއީވެސް ވަރަށް ބޮޑު ފަސޭހައެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަފްސާނީ ބަލި ތަހައްމަލުކުރަމުންދާ ފަރާތެއް - ރާއްޖެއެމްވީ

ސެންޓަރުގެ ހިދުމަތްތައް ކިޔައިދެމުން އޭނާ ބުނީ ތެރަޕީ ސެޝަންތަކާއި ގްރޫޕް ތެރަޕީ ސެޝަން ނަގާ ކަމަށެވެ. އަދި ވަކިން ސެޝަން ނެގުމަށްވުރެ ގްރޫޕް ސެޝަން އޮންނަނީ އެކި މާހައުލުތަކުން އައިސް ތިބޭ ތަފާތު އުމުރުގެ އަންހެނުންނާއި އަންހެންކުދިންނާއެކު ކަމަށެވެ. އެހެންވުމުގެ ސަބަބުން އެކަކު އަނެކަކަށް ވާހަކަތައް އަޑުއަހައި އެކަކު އަނެކަކަށް އެހީތެރިވެދީ ގާތްގުޅުމެއް އުފެދިގެން ވަރަށް ހިތްހަމަޖެހޭ މާހައުލެއްގައި އުޅެވޭ ކަމަށެވެ. އޭނާ ބުނީ ސެޝަންގައި ރިޕީޓްވުމައި އައު މީހުންނާއި އަދި ކުރިން އަންނަން ނުކެރިގެން ތިބޭ މީހުން ހިތްވަރެއް ލިބިގެން އަންނަން މަސައްކަތް ކުރަނީ އެހެންވެގެން ކަމަށެވެ. އޭނާ ބުނީ ސެންޓަރު ހުޅުވިގެން ހިދުމަތް ދޭން ފެށުމުން ވަރަށް ރަނގަޅު ކަމަށެވެ.

މުޅި ދުނިޔޭގައި ނަފްސާނީ ބަލީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށް ވަނީ ނަފްސާނީ ބަލީގެ ކޮންމެވެސް އެއް ކަމެއް ތަހައްމަލު ކުރަންޖެހިފައެވެ. އަދި ދުނިޔޭގައި ރިކޯޑުކުރެވޭ ކޮންމެ 100ން 1 މަރަކީ އަމިއްލައަށް މަރުވާ މަރުވުމެކެވެ. ހަގީގަތަކީ ނަފްސާނީ މައްސަލަތަކަކީ ވީހާވެސް އަވަހަށް އެކަމުގެ ފަރުވާ ފޯރުކޮށްދެވެންޖެހޭ ބާވަތުގެ މައްސަލަތަކެއް ކަމެވެ. ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ.

ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުންގެ އިތުރުން އެމީހުންގެ އެކުވެރިންނާއި އާއިލާގެ މީހުން ވެސް މިފަދަ ބަލިތަކަކީ ވެސް ބައްޔެއްކަން ގަބޫލުކޮށް އެފަރާތްތަކުން ފަރުވާ ހޯދުމަށް ބާރުއެޅުން ވެސް މުހިންމެވެ. ނަފްސާނީ ބަލި ޖެހެނީ ހަމައެކަނި ދިރިއުޅުމުގައި ދިމާވާ ބޮޑު ހިތާމައެއް ތަހައްމަލު ކުރަން ޖެހިފައިވާ މީހަކަށް އެކަންޏެއް ނޫނެވެ. އެމީހާ އަކީ ދުނިޔޭގައި ކިތަންމެ ކާމިޔާބު މީހަކަށް ވިޔަސް އޭނާއަށް ވެސް ނަފްސާނީ ބައްޔެއް ތަހައްމަލް ކުރަން ޖެހިދާނެއެވެ. އަދި ގެދޮރު ގިނަ، ފައިސާ ވެރިޔަކަށް ވިޔަސް، އަދި އާއިލާގެ އެންމެންގެ ލޯބި ލިބިފައިވާ މީހަކަށް ވެސް ނަފްސާނީ ކަމެއް ކުރިމަތި ވެދާނެއެވެ. އަދި މި ބައްޔަކީ ވަކި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމުން ދިމާވާ ކަމެއް ކަމަށްދެކޭ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް މިއީ މުޅިން ވެސް ކުށްހީތަކެކެވެ.

ތިމާގެ އެންމެ ގާތުގައިވާ ތިމާގެ ދައްތަ، ކޮއްކޮ ނުވަތަ އެންމެ ގާތް އެކުވެރިޔާ އަކީ ވެސް ނަފްސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހަކަށް ވެދާނެއެވެ. ކޮންމެ މީހެއްގެ ވެސް މިޒާޖާ އުޅުމަށް ރަނގަޅަށް ފަރުވާތެރިވެ ބަލާށެވެ. ނަފްސާނީ އެއްވެސް މައްސަލައެއް ހުރިތޯ ނުވަތަ ނޫންތޯ ޔަގީން ކުރާށެވެ. އަދި އެމީހަކަށް އަޅާލާ އެހީވާށެވެ. ނުވަތަ އަމިއްލައަށް ވެސް މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނޭތޯ ބަލާށެވެ. އަދި ހިތްވަރާއެކު އެކަމާ ކުރިމަތިލާށެވެ. ނުވަތަ އިތުބާރު ކުރެވޭ ފަރާތަކާ ހިއްސާ ކޮށްލާށެވެ. އެކަކު އަނެކަކަށް އަޅާލާއި އޯގާތެރިވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
9 ޑިސެންބަރ 2023 | ހޮނިހިރު 21:26
ކޯލްއައިޑީ
ނަފްސާނީ ބަލީގެ ފުރިހަމަ ފަރުވާޔަކީ ފަސްނަމާދު ޖަމާއަތުގާކޮއްް ބޭކާރު ވާހަކަ ދެއްކުން މަދުކޮއް ޒިކުރު ކުރުން ގިނަކޮއް މީހުންނާދޭތެދޭ އޮތް ހަސަދަވެރިކަން ހިތުތެރެއިން ފޮހެލުން ސާޅިސް ދުވަސްތެރޭ މީހާ ހުންނާނީ ސަލާމަތުން މުޅިއުމުރު މިގޮތުގަ ބާކީބައި ހޭދަކުރާ މީހާޔާ ހެއްްދެވި ފަރާތާ ގާތްވެ ދުވަހަކުވެސް މާޔޫސްވާކައް ނުޖެހޭނެ ނިކަން ތަޖުރިބާ ކޮއްލާ
12 ޑިސެންބަރ 2022 | ހޯމަ 08:31
ޢަލީ
ވަރަށް ފުރިހަމަ ލިޔުމެއް