'ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިޓޭޝަން ސެންޓަރ' އިން ވަަރަށް އަވަހަށް ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެ ކްލިނިކުން ބުނެފިއެވެ.
އެތަނުން މިކަން ހާމަ ކޮށްފައިވަނީ، ލޭ ކޮކާ މެޑިކަލް އެންޑް ރިހެބިލިޓޭޝަން ސެންޓަރ އިން މިދިޔަ ހުކުރު ދުވަހު އާޓިފިޝަލް ބީޗް ގައި ބޭއްވި ލޭކޮކާ ހަވީރުގެ ނަސީބުވެރިންނާއި އިނާމް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
'ލޭކޮކާގެ މެޑިކަލް އެންޑް ރިހެބިލިޓޭޝަން ސެންޓަރ'ގެ މެނޭޖިންގ ޕާރޓްނަރ އަޙުމަދު އަހުސަން ވިދާޅުވީ އެ ސެންޓަރުން މިހާރު ކައުންސެލިން ގެ އިތުރުން އެކިއެކި އެސެސްމަންޓްތައް ހަދައިދޭން ފަށާފައިވާ ކަަމަށެވެ. އަދި މެޑިކަލް ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް ވެސް ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވަރަށް އަވަހަށް އާސަންދަ ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދިއްތަ ދުވަހުގެ ރޭ މަޖީދިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި 11 ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފައިވެއެވެ. އެ އިނާމުތައް ހަދިޔާކޮށްފައި ވަނީ މޯލްޑިވިއަން، އެރޭނާ ހޮޓެލްސް، ރޯޒީ ވިލާ، ޕޮއިސް ޕަރފިއުމް، ޕޮއިސް ޕްރިމިއަމް، ބަނާނާ ލީފް، ލަވެރާ ޕިއްޒާ، ޕިއްޒާ ބޯނާ އަދި ފެސްޓިވޯ އިންސްޓިޓިއުޓް އޮފް އާރޓް އެންޑް ޑިޒައިން އިންނެވެ. އެ ރަސްމިއްޔާތުގައި ހުކުރު ދުވަހުގެ ހަވީރުކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމަށްއެހީވެދިން 45 ފަރާތަކަށް ހަދާނީ ފިލާ ވަނީ އަރުވާފައެވެ.
މި އަހަރު ގެ ޖޫން މަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް ފެށި ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިޓޭޝަން ސެންޓަރ އަކީ ނަފްސާނީ ބަލިތަކަށް ޙާއްސަކޮށް ފަރުވާ ދިނުމަށް އަމާޒުކޮށް ހުޅުވި ސެންޓަރ އެއް ކަމަށް ވީނަމަވެސް، މި ސެންޓަރުން އަންނަނީ ނަފްސާނީ ދުޅަހެޔޮ ކަމާއި ގުޅިގެން އެކިއެކި ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދަމުންނެވެ. އޮފީސްތަކުގެ މަސައްކަތު ގެ މާހައުލުގައި އެހެނިހެން އާންމު ދިރިއުޅުންތަކުގައި ދިމާވާ އެކިއެކި ކަންކަމަށް އަމާޒުކޮށް މި ސެންޓަރ އިން 'ސްޓެރެސް ބަޑީ' ގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ ގިނަބައެއް ގެ މެދުގައި މަޤުބޫލު ޕްރޮގްރާމެކެވެ.