Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 18:20
އަރުޝަދު ޚާލިދު
އަރުޝަދު ޚާލިދު
ފޭސްބުކް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ހައްޔަރުކޮށްފި
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައިވެސް އިސްކޮށް ހަރަކާތްތެރިވީ އޭނާކަމަށް ފުލުހުން ތުހުމަތުކުރޭ
2020 ވަނަ އަހަރު ހިންގި އޮޕަރޭޝަނެއްގައި އަރުޝަދު ހައްޔަރުކުރިނަމަވެސް، މައްސަލަ ސާބިތުނުވުމުން އޭނާ ދޫކޮށްލި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރާ, ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ، ލަންކާއިން އޭނާ ރާއްޖެއަށް ޑީޕޯޓްކޮށްލުމުން އެނބުރި ރާއްޖެއައުމުންނެވެ. އޭނާ ލަންކާއިން ޑީޕޯޓްކޮށްލީ އެ ގައުމުން ދުބާއީއަށް ދިއުމުން ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ލަންކާއަށް ފޮނުވާލުމުން ކަމަށްވެސް މައުލޫމާތުލިބެއެވެ.

"ރާއްޖެ އެމްވީ"އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަރުޝަދު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހައިކޯޓުގެ އަމުރު ތަންފީޒުކުރުމަށް ކަމަށްވެސް ފުލުހުން ބުންޏެވެ.

Advertisement

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއް ސާބިިތުނުވާތީ ކޯޓުން ދޫކޮށްލުމުން، މިދިޔަ އަހަރު އޭނާ ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު މާލެއާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސްމީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކޮށްފައިވާއިރު، އޭނާ ރާއްޖޭގައި ނެތުމުން ހައްޔަރެއްނުކުރެވުނެވެ. ފުލުހުން ބުނާގޮތުގައި، އެ މައްސަލައިގައިވެސް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރީ އަރުޝަދުއެވެ. އެގޮތުން އެ މައްސަލައިގައި ދެން ހިމެނޭ މީހުންނާ އޭނާ ބައްދަލުކޮށް، އެކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެފައިވާކަމަށާއި، މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ޚާލިދުއާއި މުހައްމަދު އަކްރަމް އަބްދުލް ހަންނާން ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ފަސް ގެއެއް ބަލައި ފާސްކުރިކުރުމުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދިއެވެ. އެގޮތުން މަސްތުވާތަކެތީގެ މި މައްސަލައިގައި، ފުލުހުން ހިންގި އޮޕަރޭޝަނުގައި 9 ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި 4 ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރީ މި ނެޓްވޯކުގެ އިސްމީހާކަމަށް ބުނާ އަރުޝަދުގެ އިތުރުން، އިތުރު 7 މީހެއްގެ މައްޗަށެވެ. އެހެންނަމަވެސް، މި މައްސަލަ ނިމިގެން ދިޔައިރު ކުށް ސާބިތުވީ 2 މީހުންގެ މައްޗަށެވެ. ދޫވި މީހުންގެ ތެރޭގައި އަރުޝަދު ހިމެނުނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް