ކ. މާލެ
|
7 އޮކްޓޯބަރ 2022 | ހުކުރު 22:40
ލޯންޗް ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ސަރަހައްދު
ލޯންޗް ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ސަރަހައްދު
ޕޮލިސް
ލޯންޗެއް ބަންޑުން ޖަހާލާ މީހަކު ގެއްލުން
ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ، އަދި ނުފެނޭ
ލޯންޗް ފުރާފައި ވަނީ ދެ ފިރިހެނުންނާ އެކު
ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:50 އެހާއިރު
ބަންޑުންޖަހާލި ލޯންޗް ފުރީ ބުރާސްފަތި ދުވަހު މެންދުރުފަހު 1:30ގައި

ބުރާސްފަތި ދުވަހު މެންދުރު ފަހު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި އޭނާ އަދި ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުންފުލުހުން ބުނީ ބަންޑުންޖަހާލި ލޯންޗް ފުރާފައި ވަނީ ދެ ފިރިހެނުންނާ އެކުގައި ކަމަށާއި އެ ލޯންޗް ފުރީ ބުރާސްފަތި ދުވަހު މެންދުރުފަހު 1:30 ގައި ކަމަށެވެ. އަދި އެ ލޯންޗު ފުރާފައި ވަނީ މާލާގެ ކުރީގެ ކުނިކޮއްޓާ ދިމާލުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ލޯންޗުގައި ދަތުރުކުރި އެކެއްގެ އާއިލާއިން އޭނާ މިދިޔަ ބުދަ ދުވަހު މެންދުރު ފަހުން ފެށިގެން ހަބަރެއް ނުވެގެން ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:50 އެހާއިރު ކަމަށެވެ.

އެލޯންޗު ބަންޑުން ޖަހާލައިފައި އޮއްވާ ފެނުނީ ހުކުރު ދުވަހުގެ ހެނދުނު ކަމަށާއި އެ ލޯންޗް ފެނިފައި ވަނީ އއ. މާޅޮސް ކައިރިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ލޯންޗުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ފެނުނީ ފެރިދޫ ފުއްޓަރު ފަރާތުން ކަމަށާއި ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފެނުނު މީހާ އަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިން ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ލޯންޗުން ދަތުރު ކުރި ދެ މީހުންގެ ތެރެއިން ގެއްލިފައިވާ މީހާ ފެނިއްޖެ ނަމަ ނުވަތަ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ 119 ނުވަތަ 3322111 ގުޅައި، އެ މައުލޫމާތު ފޯރުކޮށްދޭން ފުލުހުން ވަނީ އެދިފައެވެ.

- ކޮމެންޓް