ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 08:56
މިޞްރުގެ ސިޓީއެއް
މިޞްރުގެ ސިޓީއެއް
ރޮއިޓަސް
އޮލިމްޕިކް ގޭމްސް
2036 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ބާއްވަން މިޞްރުން ބިޑު ކުރަނީ
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ ވަނީ ބިޑު ހުށަހެޅުމަށް ފެހި ސިގްނަލެއް ދެއްވާފައި

2036 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ބޭއްވުމަށް ބިޑު ކުރުމަށް މިޞްރުން ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ އެ ޤައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޝްރަފް ސޮބްހީއެވެ. އޭނާ ވިދާޅުވީ 2036 ވަނަ އަހަރުގެ އޮލިޕިކް ގޭމްސް މިޞްރުގައި ބޭއްވުމަށް ބިޑު ކުރުމަށް ތައްޔާރުކަމަށެވެ. މިޞްރަށް ބިޑު ކާމިޔާބުވެއްޖެ ނަމަ، އެ ޤައުމު ވެގެންދާނީ އަރަބި ޤައުމުތަކުގެ ތެރެއިން އަދި އެފްރިކާގެ ޤައުމުތަކުގެ ތެރެއިން އޮލިމްޕިކް ގޭމްސް ބާއްވާނެ ފުރަތަމަ ޤައުމަށެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ ވަނީ ބިޑު ހުށަހެޅުމަށް ފެހި ސިގްނަލެއް ދެއްވާފައެވެ. މީގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާއި، ކެބިނެޓް މެމްބަރު ޤަބޫލު ކުރައްވާ ގޮތުގައި އޮލިމްޕިކް ގޭމްސް ބޭއްވުމުގެ ފެންވަރާއި ޤާބިލުކަން އެ ޤައުމުގެ ކުޅިވަރު ދާއިރާގައި އެބަ އޮތެވެ.

އެންމެ އަވަހަށް ދެން އޮލިމްޕިކް ގޭމްސް އޮންނާނީ 2024 ވަނަ އަހަރުއެވެ. އެ އަހަރުގެ ގޭމްސް އޮންނާނީ ޕެރިސްގައެވެ. 2028 ވަނަ އަހަރުގެ ގޭމްސް އޮންނާނީ އެމެރިކާގެ ލޮސް އެންޖެލެސްގައެވެ. އަދި 2032 ވަނަ އަހަރުގެ ގޭމްސް އޮންނާނީ އޮސްޓްރޭލިއާގެ ވެރި ބްރިސްބޭންގައެވެ.

މިޞްރުން 2036 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކޮށް، މަސައްކަތް ފެށި ނަމަވެސް މުބާރާތް ބޭއްވުމަށް ބިޑު ކުރުމުގެ ފުރުސަތު އަދި ހުޅުވާނުލައެވެ. ރިޕޯޓުތައް ބުނާ ގޮތުން މިޞްރުގެ އިތުރުން ޖަރުމަނާއި، މެކްސިކޯ، ތުރުކީ، ރަޝިޔާ، އިންޑިއާ އަދި ޤަތަރުން ވެސް އަންނަނީ އެ އަހަރުގެ އޮލިމްޕިކް ގޭމްސް ބޭއްވުމުގެ ޝައުޤުވެރިކަން ގެންގުޅެމުންނެވެ.

- ކޮމެންޓް