ކ. މާލެ
|
7 ފެބްރުއަރީ 2024 | ބުދަ 08:55
މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް
މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް
ގޫގުލް
މިސުރު
މިސުރުގެ އިދިކޮޅު ލީޑަރު ސަލާހަށް: އާމްދަނީގެ 20 ޕަސެންޓް ގައުމަށް ފޮނުވައިދީ؟
ބޭރު ފައިސާ މަދުވެ، މިސުރަށް ވަނީ އިގްތިސާދީ އަޑިގަނޑަކާ ކުރިމަތިލާން ޖެހިފައި

މިސުރުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގައުމަށް ވަންނަ ޑޮލަރު އިތުރު ކުރުމުގެ ގޮތުން، ލިވަޕޫލަށް ކުޅެމުން އަންނަ މިސުރުގެ ފޯވަޑް މުހައްމަދު ސަލާހަށް ހުށަހެޅުމެއް ހުށަހަޅައިފި އެވެ.

މިސުރުގެ އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ވަފްދް ޕާޓީގެ ލީޑަރު އަދި ކުރީގެ ރިއާސީ ކެނޑިޑޭޓް އަބްދުއްސަނާދް ޔަމާމާ ވިދާޅުވީ، ގައުމުން ބޭރުގައި ވަޒީފާ އަދާކުރާ އެއްވެސް މީހަކު އިސްތިސްނާ ނުވާ ގޮތަށް އައު ގާނޫނެއް ހަދާނެ ކަމަށެވެ. އޭނާ މިފަދައިން ވިދާޅުވީ ގޯސްވަމުންދާ މިސުރުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމާ ގުޅޭ ގޮތުން ޕާޓީތެރޭގައި ކުރެވިދިޔަ މަޝްވަރާ ބައްދަލުވުމުގަ އެވެ.

"މިސުރުން ބޭރުގައި ވަޒީފާ އަދާ ކޮންމެ މީހަކު ވެސް އެމީހެއްގެ މުސާރައިގެ 20 ޕަސެންޓް ޑޮލަރުން މި ސިރު ސަރުކާރަށް ދިނުމަށް ގާނޫނެއް ހަދަން ހުށަހަޅާނަން. މިކަމުގައި އެއްވެސް މީހަކު އިސްތިސްނާނުވާނެ. އެއީ މިސުރުގެ ތަރި މުހައްމަދު ސަލާހް ކަމަށްވިޔަސް ވަރިހަމަ. އެމީހަކު ޑޮލަރުން ސަރުކާރަށް ޖަމާކޮށްދޭ ފައިސާ މިސުރު ސަރުކާރުން މިސުރުގެ ފައިސާއިން އެމީހެއްގެ އާއިލާއަށް ރައްދުކޮށްދޭނެ،"
ޔާމާމާ ވިދާޅުވި އެވެ.
މިސުރުގެ އިދިކޮޅު ލީޑަރު އަބްދުއް ސަނާދް ޔަމާމާގެ ފޮޓޯއެއް - ގޫގުލް

އޭނާ ބުނީ ގައުމުން ބޭރުގައި ވަޒީފާ އަދާކުރާ މީހުންގެ އަތުން ޑޮލަރު ހޯދުމަކީ މިވަގުތު އިގްތިސާދު ރަނގަޅު ކުރުމަށް ބޭރު ފައިސާ ހޯދެން އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މިސުރުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ސަލާހް އަކީ އިނގިރޭސި ޕްރެމިއާ ލީގުގެ ތިން ވަނަ އަށް އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ އެވެ. އޭނާ އަށް އަހަރަކު މުސާރައިގެ ގޮތުގައި 25000 ޑޮލަރު ލިބެ އެވެ.

މިސުރަށް ވަނީ މި ފަހަކަށް އައިސް ދުވަހަކު ކުރިމަތިނުވާ ވަރުގެ އިގްތިސާދީ ދަތިތަކެއް މި ފަހަރުން ކުރިމަތިވެފަ އެވެ. ބޭރު ފައިސާ މަދުވެފެ، ތެލާއި ގޭސް ލިބުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާއިރު ތަކެތީގެ އަގު އިންތިހާއަށް ބޮޑެވެ. އިންފްލޭޝަންގެ ސަބަބުން އިގްތިސާދީ އަޑިގަނޑުން ސަލާމަތްވުމަށް ގައުމުގެ ސަރުކާރުންނާއި ސިޔާސީ ޕާޓީތަކުން ވަނީ ގުޅިގެން މަސައްކަތް ކުރަން ފަށައިފަ އެވެ. މިސުރަށް މިހާބޮޑަށް އިގްތިސާދީ މައްސަލަ ދިމާވެފައިވާ އެއް ސަބަބަކީ އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މިސުރަށް ގޮސްއުޅޭ ފަތުރުވެރިން މަދުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް