ކ. މާލެ
|
24 ޖެނުއަރީ 2024 | ބުދަ 06:44
މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު
މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު
ރޮއިޓާސް
މިޞްރު ޤައުމީ ޓީމު
ޞަލާޙު، ހަތަރު ހަފުތާ އަށް ކުޅުމާ ދުރަށް!
އޭނާގެ އެޖެންޓު ރަމީ ޢައްބާސް ބުނީ، އެންމެ ފުރަތަމަ ހީކުރެވުނު ވަރަށްވުރެ ޞަލާޙުގެ އަނިޔާ ސީރިއަސް ކަމަށް

ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު، ހަތަރު ހަފުތާއެއްހާ މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ލަފާ ކުރެވިއްޖެ އެވެ.

ޞަލާޙަށް އަނިޔާވީ، އެފްރިކަން ކަޕްގައި މިޞްރުން ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ޞަލާޙު ވަނީ ބަދަލު ވެސް ކޮށްފައެވެ. އެ މެޗު މިޞްރުން ނިންމާލަން ޖެހުނީ ވެސް އެއްވަރު ވެގެންނެވެ. ޞަލާޙު އަށް ލިބިފައި ވަނީ ފައިގެ ފަލަމަސްގަނޑުގެ އަނިޔާއެކެވެ. އެއާއެކު މިހާރު އޭނާ އަންނަނީ އަނިޔާ އިން ރަނގަޅުވުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

ޞަލާޙުގެ އަނިޔާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އޭނާގެ އެޖެންޓު ރަމީ ޢައްބާސް ބުނީ، އެންމެ ފުރަތަމަ ހީކުރެވުނު ވަރަށްވުރެ ޞަލާޙުގެ އަނިޔާ ސީރިއަސް ކަމަށެވެ. އެގޮތުން ގާތް ގަނޑަކަށް 21 ދުވަސް ނުވަތަ 28 ދުވަހުގެ މުއްދަތަކަށް ޞަލާޙު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޭގެ އިތުރުން އޭނާ ބުނީ، މިހާރު ކުރިއަށްދާ އެފްރިކަން ކަޕްގައި ޞަލާޙު އަށް ދެން ބައިވެރިވުމުގެ ފުރުސަތެއް އޮތީ، މިހާރު އިނގިރޭސި ވިލާތުގައި ކުރިއަށްދާ ރިހެބިލިޓޭޝަނަށްފަހު، އޭނާގެ އަނިޔާގެ ކަންކަމަށް ބެލުމަށްފަހު ކަމަށެވެ. އޭގެ ފަހުން، ޞަލާޙުގެ އަނިޔާ ރަނގަޅުވެއްޖެ ނަމަ، އޭނާ ޤައުމީ ޓީމާ އަލުން ގުޅޭނެ ކަމުގައި ވެސް ޢައްބާސް ބުންޏެވެ.

ޞަލާޙު އަކީ ލިވަޕޫލްގެ އިތުރުން، މިޞްރުގެ ޤައުމީ ޓީމުގެ ވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އެފްރިކަން ކަޕާ ދިމާކޮށް، ޤައުމީ ޓީމަށް ޞަލާޙު ދޫކުރަން ޖެހުމުގެ ކަންބޮޑުވުން ލިވަޕޫލަށް ވެސް އޮތެވެ،. އެއީ ލީގުގައި އެ ޓީމުން މިހާރު ނެރެމުން އަންނަ ނަތީޖާ އާއި، ޓީމުގައި ޞަލާޙުގެ ދައުރު ބޮޑުވުމުގެ ސަބަބުންނެވެ. ނަމަވެސް، ޤައުމީ ޓީމަށް ޞަލާޙު ދޫކުރުމަށްފަހު ވެސް ލިވަޕޫލުން އަންނަނީ ރަނގަޅު ނަތީޖާއެއް ނެރެމުންނެވެ.

ޞަލާޙު އަށް އަނިޔާވި ފަހުން، މިޞްރުން ވަނީ ގުރޫޕް ސްޓޭޖުގައި ދެ މެޗު ކުޅެފަ އެވެ. ދެ މެޗުން ވެސް އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ނަމަވެސް، ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ގުރޫޕްގެ ދެ ވަނަ ހޯދައިގެން މިޞްރު ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ގަދަ 16 ވަނަ ބުރުގައި މިޞްރުން މި މަހުގެ 29 ވަނަ ދުވަހު ކުޅެން އޮތް މެޗުގައި ވެސް ޞަލާޙަށް ނުކުޅެވޭނެ އެވެ.

ޞަލާޙު އަށް އަނިޔާވުމާ އެކު، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް