ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 05:57
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަދި އެ ޓީމަށް ކުޅެމުން އަންނަ މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަދި އެ ޓީމަށް ކުޅެމުން އަންނަ މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު
ރޮއިޓާސް
ލިވަޕޫލް
މިޞްރު އަދި ލިވަޕޫލް ވެސް ބޭނުންވަނީ އެންމެ ކަމެއް، އެއީ ޞަލާޙު ފިޓުވުން: ކްލޮޕް
ބޭނުންވަނީ، ޞަލާޙު އަށް ބޭނުންވާ އެންމެ ރަނގަޅު ފަރުވާ ދީގެން، އޭނާ އަނިޔާ އިންް ރަނގަޅު ކުރަން ކަމަށް ވެސް ކްލޮޕް ބުނި

ލިވަޕޫލް އަދި މިޞްރު ޤައުމީ ޓީމު ވެސް ބޭނުންވަނީ އެންމެ ކަމެއް ކަމަށާއި، އެއީ މުޙައްމަދު ޞަލާޙު ފިޓުވުން ކަމަށް، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނީ، ޞަލާޙުގެ އަނިޔާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެފްރިކް ކަޕްގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޞަލާޙު އަށް ވަނީ އަނިޔާވެ، ބަދަލު ކޮށްފަ އެވެ. އޭގެ ފަހުން އޭނާގެ އެޖެންޓް ރަމީ ޢައްބާސް ބުނީ، އެންމެ ފުރަތަމަ ހީކުރެވުނު ވަރަށްވުރެ ޞަލާޙުގެ އަނިޔާ ސީރިއަސް ކަމަށެވެ. އެގޮތުން ގާތް ގަނޑަކަށް 21 ދުވަސް ނުވަތަ 28 ދުވަހުގެ މުއްދަތަކަށް ޞަލާޙު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. މިހާރު ޞަލާޙު އަންނަނީ އިނގިރޭސި ވިލާތުގައި ހުރެގެން، އަނިޔާ އިން ރަނގަޅުވުމުގެ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކްލޮޕް ބުނީ، އެފްރިކާގައި މަޑުކޮށް، ޞަލާޙު އަށް އެންމެ ރަނގަޅު ފަރުވާ ނުދެވިއްޖެ ނަމަ، އޭނާ ކުޅުމުގެ ތެރެއަށް އައުން އަނެއްކާ ވެސް ފަސް ވެގެން ދާނެ ކަމަށެވެ. އޭނާ ބުނީ އިނގިރޭސި ވިލާތަށް ޞަލާޙު ގެނައީ، މިޞްރުގެ ޤައުމީ ޓީމާ އޭނާ ދުރުކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭނުންވަނީ، ޞަލާޙު އަށް ބޭނުންވާ އެންމެ ރަނގަޅު ފަރުވާ ދީގެން، އޭނާ އަނިޔާ އިންް ރަނގަޅު ކުރަން ކަމަށް ވެސް ކްލޮޕް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ލިވަޕޫލް އަދި މިޞްރު ވެސް މިވަގުތު ބޭނުންވަނީ އެންމެ ކަމެއް ކަމަށެވެ. އެއީ ޞަލާޙުގެ އަނިޔާ އިން ރަނގަޅުވެ، އޭނާ އަލުން ކުޅުމުގެ ތެރެއަށް އައުން ކަމަށް ވެސް ކްލޮޕް ބުންޏެވެ. އެކަން ފާހަގަކޮށް ކްލޮޕް ބުނީ، އިނގިރޭސި ވިލާތުގައި ހުރެގެން ޞަލާޙުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަނީ ދެ ފަރާތް ވެސް އެއްބަސްވެގެން ކަމަށެވެ. އެހެންކަމުން، ޞަލާޙު އަނިޔާ އިން ރަނގަޅުވެ، އެފްރިކަން ކަޕްގެ ފައިނަލަށް މިޞްރު ގޮސްފި ނަމަ، ޤައުމީ ޓީމާއެކު ޞަލާޙު ހުންނާނެ ކަމަށް ކްލޮޕް ބުންޏެވެ.

ޞަލާޙު އަށް އަނިޔާވި ފަހުން، މިޞްރުން ވަނީ ގުރޫޕް ސްޓޭޖުގައި ދެ މެޗު ކުޅެފަ އެވެ. ދެ މެޗުން ވެސް އެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ނަމަވެސް، ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ގުރޫޕްގެ ދެ ވަނަ ހޯދައިގެން މިޞްރު ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. ގަދަ 16 ވަނަ ބުރުގައި މިޞްރުން މި މަހުގެ 29 ވަނަ ދުވަހު ކުޅެން އޮތް މެޗުގައި ވެސް ޞަލާޙަށް ނުކުޅެވޭނެ އެވެ.

ޞަލާޙު އަކީ ލިވަޕޫލްގެ އިތުރުން، މިޞްރުގެ ޤައުމީ ޓީމުގެ ވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އެފްރިކަން ކަޕާ ދިމާކޮށް، ޤައުމީ ޓީމަށް ޞަލާޙު ދޫކުރަން ޖެހުމުގެ ކަންބޮޑުވުން ލިވަޕޫލަށް ވެސް އޮތެވެ،. އެއީ ލީގުގައި އެ ޓީމުން މިހާރު ނެރެމުން އަންނަ ނަތީޖާ އާއި، ޓީމުގައި ޞަލާޙުގެ ދައުރު ބޮޑުވުމުގެ ސަބަބުންނެވެ. ނަމަވެސް، ޤައުމީ ޓީމަށް ޞަލާޙު ދޫކުރުމަށްފަހު ވެސް ލިވަޕޫލުން އަންނަނީ ރަނގަޅު ނަތީޖާއެއް ނެރެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް