ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 07:44
މިޞްރުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަށް ހުރި ރުއީ ވިޓޯރިއާ
މިޞްރުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަށް ހުރި ރުއީ ވިޓޯރިއާ
ރޮއިޓާސް
މިޞްރު ޤައުމީ ޓީމު
އެފްރިކަން ކަޕުން ކެޓުމާއެކު، މިޞްރުގެ ކޯޗުކަމުން ވިޓޯރިއާ ވަކިކޮށްފި
ޕޯޗުގަލަށް އުފަން ވިޓޯރިއާ، މިޞްރުގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު

މިޞްރު ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަޤާމުން، ރުއީ ވިޓޯރިއާ ވަކި ކޮށްފި އެވެ.

އުމުރުން 53 އަހަރުގެ ވިޓޯރިއާ މަޤާމުން ވަކި ކުރީ، އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިޞްރުގެ ޤައުމީ ޓީމަށް ލިބުނު ނާކާމިޔާބާ ގުޅިގެންނެވެ. މިހާރު ކުރިއަށްދާ މުބާރާތުން މިޞްރު ކެޓީ ގަދަ 16 ވަނަ ބުރުންނެވެ. މިޞްރުގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ، ވިޓޯރިއާ މަޤާމުން ވަކި ކޮށްފައިވާކަން ހާމަކޮށްފަ އެވެ. އެ ބަޔާނުގައި ވަނީ، މިޞްރުގެ ޤައުމީ ޓީމަށް ވިޓޯރިއާ ކޮށްދީފައިވާ ޚިދުމަތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ޕޯޗުގަލަށް އުފަން ވިޓޯރިއާ، މިޞްރުގެ ކޯޗުކަމާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން މިޞްރު ކުޅުނީ 18 މެޗެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 12 މެޗުން މޮޅުވެފަ އެވެ. ފަސް މެޗުން އެއްވަރުވެފައިވާއިރު، ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ނަމަވެސް، މިއަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އިން ކެޓުމާއެކު، ވިޓޯރިއާ މަގާމުން ދުރުކުރާނެ ކަމުގެ އަޑުތައް މީގެ ކުރިން ވެސް އޮތީ ފެތުރިފަ އެވެ. މިއަހަރުގެ މުބާރާތަށް މިޞްރު ކުރިމަތިލީ، ރަނގަޅު ކާމިޔާބެއް ހޯދުމުގެ މަޤްސަދުގަ އެވެ.

ވިޓޯރިއާ އޭނާގެ ކޯޗިން ކެރިއަރު ފެށީ، 2002 ވަނަ އަހަރު ޕޯޗުގަލްގެ ކުލަބަކުންނެވެ. އޭނާ ވަނީ މިހާތަނަށް އަށް ކުލަބެއްގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ޕޯޗުގަލްގެ ބެންފީކާ އަދި ސައުދީ އަރަބިޔާގެ އަލް ނަސްރު ފަދަ ކުލަބުތައް ވެސް ހިމެނެ އެވެ. މިޞްރުގެ ޤައުމީ ޓީމަކީ މިހާތަނަށް ވިޓޯރިއާ އިރުޝާދު ދިން ހަމައެކަނި ޤައުމީ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް