ރާއްޖޭގައި ދޫކުރާ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރަން ފަށައިފިއެވެ.
ރާއްޖޭގެ ލައިސެންސް މެލޭޝިއާގައި ބޭނުންކުރަން ފެށުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޯގަސްޓު މަހުއެވެ. މިކަމަށްޓަކާ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރުގެ އޮފީހުގައެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. ވީކާ ސިއޮންގް އެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ސޮއިކުރާ ތާރީހުން ފެށިގެން 30 ދުވަސް ފަހުންކަމަށް އޭރު ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ހޯމަ ދުވަހުން ފެށިގެން ރާއްޖޭގައި ދޫކުރާ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ވަނީ ބޭނުންކުރަން ފަށާފައެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ މެލޭޝިއާއާއެކު ވެފައިވާ މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވާއިރު، ގިނަ ދިވެހީންނަށް އެކަމުގެ ފަސޭހައާއި ލާބަ ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން މެލޭޝިއާ ލައިސަންސް ވެސް ރާއްޖޭގައި ބޭނުންކުރެވޭނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ މިއީ ދެގައުމުގެ ދެމެދުގައި އޮތް އިތުބަރާއި ބަދަހި ގުޅުން ދައްކުވައިދޭ ކަމެއް ކަމަށް ބުނެފައެވެ.
އަދި ރާއްޖޭގައި ދޫކުރާ އިންޖީނުލީ އެއްގަމު އުޅަނދުގެ ހުރިހާ ލައިސަންސެއްވެސް މި އެއްބަސްވުމުގެ ދަށުން ބޭނުންކުރެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.