ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 19:27
އާހްތޫ މެލޯ
އާހްތޫ މެލޯ
ގެޓީ އިމޭޖަސް
ސަމަރ ޓްރާންސްފަރ
ޔުވެންޓަސްގެ އާހްތޫ ލިވަޕޫލަށް
އާހްތޫ ލިވަޕޫލަށް ބަދަލުވީ ލޯނު އުސޫލުން 4.5 މިލިއަން ޔޫރޯއަށް

ޔުވެންޓަސްއަށް ކުޅެމުންއައި ބްރެޒިލްގެ މިޑްފީލްޑަރު އާހްތޫ މެލޯ ލިވަޕޫލަށް ބަދަލުވެއްޖެއެވެ.

އާހްތޫ ލިވަޕޫލަށް ބަދަލުވީ ލޯނު އުސޫލުން، 4.5 މިލިއަން ޔޫރޯއަށެވެ. އަދި މި ސީޒަންގެ ކުޅުމަށް ބަލާފައި ލިވަޕޫލްއިން އޭނާއާއެކު ދާއިމީ އެއްބަސްވުމެއް ހަދާނަމަ 37.5 މިލިއަން ޔޫރޯ ޔުވެންޓަސްއަށް ދައްކަން ޖެހޭނެއެވެ.

އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ވަނީ މިދިޔަ ސީޒަންގައި ޔުވެންޓަސްއަށް 31 މެޗު ކުޅެދީފައެވެ. ނަމަވެސް މި ސީޒަންގެ އެއްވެސް މެޗެއްގައި ޔުވެންޓަސް ޓީމުން އާހްތޫއަށް ފުރުސަތު ދީފައެއްނުވެއެވެ. ބްރެޒިލްގެ ގައުމީ ޓީމުގައި އާހްތޫ 22 މެޗު ކުޅުނެވެ. އަދި ގައުމީ ޓީމާއެކު އޭނާ ވަނީ 2019 ވަނަ އަހަރުގެ ކޮޕަރ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ.

އާހްތޫ ލިވަޕޫލަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އެޓީމުގެ މެދުތެރެއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމެވެ. ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ އިތުރުން ތިއާގޯ އަލާކަންޓަރާ އާއި ނަބީ ކޭޓާ އަދި އެލެކްސް ޗެމްބާލައިންވެސް ވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރރުގައި މަޑުކުރަން ޖެހިފައެވެ.

ލިވަޕޫލަށް ބަދަލުވުމަށްފަހު އާހްތޫ ބުނީ އެޓީމަށް ކުޅުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އަދި ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ރޫހުގައި އޭނާ ހުރިކަން އާހްތޫ ފާހަގަކުރިއެވެ.

- ކޮމެންޓް