ފ. އަތޮޅު ބިލެތްދޫގައި ފާޅުގައި ނުކުމެ ހިންދޫ ދީނަށް އަޅުކަން ކުރަން ފަށާފައިވާ ކަމަށް ބުނެ މީސްމީޑިއާއާއި ބައެއް މީޑިއާތަކުގައި ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި, އެ ވާހަކަތަކަކީ ބިލެތްދޫ ބަދުނާމުކުރަން ދައްކަމުންދާ ވާހަކަތަކެއްކަަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ބިލެތްދޫ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ, ބިލެތްދޫގައި 3 ބިދޭސީން ބުދަށް އަޅުކަންކުރިކަން ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަަމަށެވެ. އެއާއެކު ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައިވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ މަންޒަރު ފެނިފައި ވަނީ ރަށުގެ މަދު ބަޔަކަށް ކަމަށާއި، މިއީ އެފަދަ ކަމެއް ފެންމަތިވި ފުރަތަމަ ފަހަރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާޅުގަ އެކަމެއް ނުކުރޭ. ފުލުހުން އެ މީހުން މިހާރު ނިލަންދޫއަށް ގެންގޮސްފަވީ. މިހާތަނަށް އެނގުނީ އެ މީހުންނަށް ރާއްޖޭގަ މި ކަން ނުކުރެވޭކަން ކުންފުނީގެ ފަރާތުން އެންމެ ރަނގަޅަށް ބުނެދެވިފަ ނެތްކަން. ފާޅުގަ އެކަން ކުރާކަމަށް ބުނެ ދެކެވެނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް.ކައުންސިލްގެ ރައީސް
އެރަށުގައި ބިދޭސީންތަކެއް ހިންދޫ ދީނަށް އަޅުކަން ކުރާ ވީޑިއޯ އެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އަދި އެކަމަށް އާއްމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެ ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުދަށް އަޅުކަންކުރުން ހުއްޓުވުމަށް ކައުންސިލުން މަސައްކަތް ނުކުރާކަމަށްބުނެ ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގުވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ދުވަހަކުވެސް ކައުންސިލުން ބަލައިގަންނާނޭ ކަމެއް ނޫންކަމަށް ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.