ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 10:16
އާސެނަލުން ކުޅުނު މެޗުގެ ތެރެއިން
އާސެނަލުން ކުޅުނު މެޗުގެ ތެރެއިން
ޕްރިމިއަރ ލީގު
ފަހަތުން އަރައި ފުލަމް ބަލިކޮށް އާސެނަލް އެއްވަނަ އަށް
އަމިއްލަ ދަނޑުގައި އާސެނަލުން ފުލްހަމްގެ މައްޗަށް ކުރި ހޯދީ 2-1 އިން

ފަހަތުން އަރައި ފުލަމް ބަލިކޮށް އާސެނަލުން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

އައު ސީޒަނަށް ހޯދި ކުޅުންތެރިންނާއެކު އާސެނަލް އަންނަނީ މި ސީޒަން ފަށައިގެން ރަނގަޅު ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.

އަމިއްލަ ދަނޑުގައި އާސެނަލުން ފުލަމްގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ފުލަމް އިންނެވެ. ދެ ވަނަ ހާފު ފަށައިގެން މެޗުގެ 56 ވަނަ މިނެޓުގައި ފުލަމް އަށް ލީޑު ނަގައިދިނީ އަލެކްސަންޑާ މިޓްރޮވިޗްއެވެ. އޭގެ ފަހުން ލަނޑު ޖެހުމަށް އާސެނަލުން ކުރި މަސައްކަތް ކާމިޔާބުވީ 64 ވަނަ މިނެޓުގައެވެ. ބުކާޔޯ ސަކާގެ އެހީތެރިކަމާއެކު އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިނީ މާޓިން އޮޑެގާޑްއެވެ.

އެ ލަނޑަށްފަހު ވެސް އާސެނަލުން ވަނީ އިތުރު ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. މެޗުން އާސެނަލަށް ތިން ޕޮއިންޓް ހޯދައިދިން ލަނޑު 85 ވަނަ މިނެޓުގައި ޖެހީ ގަބްރިއެލްއެވެ. މިއީ 2005-2004 ވަނަ ސީޒަންގެ ފަހުން ލީގުގެ ފުރަތަމަ ހަތަރު މެޗުން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ.

ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލްގެ އެއް ވަނައިގައެވެ. ދެ ވަނަ މަގާމުގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ހަތަރު މެޗުން ލިބެނީ 10 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ބްރައިޓަން އަށް ވެސް ލިބެނީ 10 ޕޮއިންޓެވެ. ސިޓީ ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ހަތަރު ވަނަ މަގާމުގައި އޮތް ޓޮޓެންހަމާއި، ފަސް ވަނަ މަގާމުގައި އޮތް ލީޑްސް ޔުނައިޓެޑް އަދި ހަ ވަނަ މަގާމުގައި އޮތް ޗެލްސީއަށް ލިބެނީ ހަތް ޕޮއިންޓެވެ.

- ކޮމެންޓް