ކ. މާލެ
|
14 އޯގަސްޓް 2022 | އާދީއްތަ 08:29
އިބްރާހިމް ނާހިލް ނިޒާރު
އިބްރާހިމް ނާހިލް ނިޒާރު
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތަށްވުމުން ގިނަ ކަންކަން ދަސްވި: ނާހިލް
 
ގޭމްސްގައި ލޯންގް ޖަންޕްގެ ރެކޯޑު މުގުރާލުމަށް އުންމީދު ކުރި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަކީ ބައިވެރިވެވުނު ބައިނަލްއަޤުވާމީ ފުރަތަަމަ މުބާރާތަށްވުމުން ގިނަ ކަންކަން ދަސްވިކަމަށް އިބްރާހިމް ނާހިލް ނިޒާރު ބުނެފިއެވެ.

މިއަހަރުގެ މެއި މަހު އޮތް އިިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުން ވިދާލި ނާހިލް ވަނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޤައުމީ ރެކޯޑެއް މުގުރާލާފައެވެ. ތުރުކީގެ ކޮންޏާގައި ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ނާހިލް ވަނީ 13 އަހަރުވީ ޤައުމީ ރެކޯޑެއް މުގުރާލާފައެވެ. އެއީ ޤައުމީ ޓީމުގެ ކުރީގެ އެތުލީޓު ހުސެއިން ހަލީމް ހަދާފައިވާ ލޯންގް ޖަމްޕް ރެކޯޑެވެ. ހަލީމް އަތުގައި އެ ރެކޯޑު އޮތީ 2009 ވަނަ އަހަރު އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 6.47 މީޓަރު ދުރަށް ފުއްމައިގެންނެވެ. މިފަހަރުގެ ގޭމްސްގައި ނާހިލް ވަނީ 6.71 މީޓަރު ދުރަށް ފުއްމައިގެން އެ ރެކޯޑު މުގުރާލާފައެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނާހިލް ބުނީ ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތުން ގިނަ ކަންކަން ދަސްވެ، ރަނގަޅު ތަޖުރިބާއެއް ލިބުނު ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށް ވެސް ނާހިލް ވަނީ ބުނެފައެވެ. ނާހިލް ވަނީ މިހާ ހިސާބަށް އައުމަށް އޭނާ އަށް އެހީތެރިވެދިން ރައުހަތާއި، ފާއިލް ކޯޗަށް ޝުކުރު އަދާކޮށްފައެވެ.

ނާހިލް ބުނީ ކޮންމެ ދުވަހަކު ވެސް ވަރަށް ބުރަކޮށް ތަމްރީނުތައް ޤަވާއިދުން ކުރިއަށް ގެންދާ ކަމަށެވެ. މީގެ އިތުރުން ގޭމްސްގައި ލޯންގް ޖަންޕްގެ ރެކޯޑު މުގުރާލުމަށް އުންމީދު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ވަރަށް އެކްސްޕެކްޓު ކުރިން ހަމަ، ލޯންގް ޖަންޕް ރެކޯޑު މުގުރާލަން. ވަރަށް އެކްސްޕެކްޓުކޮށްގެން މިތަނަށް (އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަށް) އާދެވުނީ. އެއްވެސް ކަހަލަ ޕްރެޝަރެއް ނާދޭ. މައިންޑް އިނީ ހަމަ ލޯންގް ޖަންޕް ރެކޯޑު މުގުރާލަން. ދެން ޓާގެޓެއް ވެސް އިން. އެ ޓާގެޓަށް އެކަމު ނުދެވުން. ދެން އަންނަ ފަހަރެއްގައި އެ ޓާގެޓަށް އިރާދަކުރެއްވިއްޔާ ދާނަން.
އިބްރާހިމް ނާހިލް ނިޒާރު / 13 އަހަރުވީ ލޯންގް ޖަންޕް ރެކޯޑު މުގުރާލި އެތުލީޓު

މިއަހަރުގެ މެއި މަހު އޮތް އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ނާހިލް ވަނީ ވާދަކޮށްފައެވެ. އެ މުބާރާތުން ވިދާލި ނާހިލް އަކީ ގދ. އަތޮޅު ތައުލީމީ މަރުކަޒަށް ނިސްބަތްވާ ދަރިވަރެކެވެ. އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ނާޙިލް ވަނީ ފަސް ރެކޯޑެެއް މުގުރާލާފައެވެ. މީގެ އިތުރުން ނާހިލް ވަނީ މުބާރާތުގެ 17 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ވެސް ހޯދާފައެވެ.

އެ މުބާރާތުގައި ނާހިލް ވަނީ ލޯންގް ޖަންޕާއި، ޖޫނިއަރ ޤައުމީ ރެކޯޑު މުގުރާލާފައެވެ. މީގެ އިތުރުން 100 މީޓަރާއި 200 މީޓަރުގެ ދުވުމުގެ ރެކޯޑު ވެސް ނާހިލް ވަނީ ހަދާފައެވެ. ޓީމު އިވެންޓުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ހަތަރު ގުނަ 200 މީޓަރު ދުވުމުގެ ރެކޯޑު ވެސް މުގުރާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
33%
0%
67%
ކޮމެންޓް