އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެން ސްވިމިންގެ 100 މީޓަރުގެ ބަޓަފްލައިގައި ވާދަކޮށް މެރާލް އައިން ލަތީފް ޤައުމީ ރެކޯޑު މުގުރާލައިފިއެވެ.
މި ރެކޯޑު ކުރިން އޮތީ 2004 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި އައިޝަތު ސައުސަން އަތުގައެވެ. އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ސައުސަން ވަނީ 01:21.8 ސިކުންތުގެ ޓައިމިންއަކުން އިވެންޓު ނިންމާފައެވެ.
ތުރުކީގެ ކޮންޏާގައި ކުރިއަށްދާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްްސްގައި އަންގާރަ ދުވަހު ކުރިއަށް ދިޔަ ސްވިމިންގެ 100 މީޓަރުގެ ބަޓަފްލައި އިވެންޓުގައި ވާދަކޮށް މެރާލްގެ ޓައިމިން އަކީ 1:20.80 ސިކުންތެވެ.
އަންގާރަ ދުވަހު ކުރިއަށްދިޔަ އެހެނިހެން އިވެންޓުތަކަށް ބަލާއިރު، ފިރިހެން 50 މީޓަރުގެ ބެކްސްޓްރޯކުގައި އަލީ އިމާން ވަނީ ވާދަކޮށްފައެވެ. މި އިވެންޓުގެ ހަތަރު ވަނަ ހީޓުގައި ވާދަކޮށް އިމާން އިވެންޓު ނިންމީ 29.92 ސިކުންތުންނެވެ. ފިރިހެން 100 މީޓަރުގެ ފްރީ ސްޓައިލްގެ ދެ ވަނަ ހީޓުގައި ދާއިން އަޙުމަދު ޝަގީފް ވަނީ ވާދަކޮށްފައެވެ. ދާއިންގެ ޓައިމިން އަކީ 1:01.95 ސިކުންތެވެ.
އަންހެން 100 މީޓަރުގެ ބަޓަފްލައިގެ ހީޓު އެކެއްގައި ވާދަކުރީ ޙަނާން ހުސެއިން ޙަލީމްއެވެ. ޙަނާންގެ ޓައިމިން އަކީ 1:30.69 ސިކުންތެވެ. މީގެ އިތުރުން އަންހެން 50 މީޓަރުގެ ބެކްސްޓްރޯކުގެ ހީޓު އެކެއްގައި ފާތިމަތު ޒުހާ ޒިޔާދު ވާދަކުރިއިރު، އޭނާގެ ޓައިމިން އަކީ 41.33 ސިކުންތެވެ. ހީޓު ދޭއްގައި ވާދަކުރި ޒައިނަބް އަބްދުﷲ ޝަފީގްގެ ޓައިމިން އަކީ 39.14 ސިކުންތެވެ.
އަންހެން ހަތަރެއް ގުނަ 100 މީޓަރުގެ ފްރީ ސްޓައިލް ރިލޭގައި ވެސް ރާއްޖެއިން ވަނީ ވާދަކޮށްފައެވެ. މި އިވެންޓުގައި ވާދަކުރީ އައިޝަތު އުލްޔާ ޝާއިގް، މެރާލް، ޒައިނަބު އަދި އީން އައްބާސް ޝަރީފްއެވެ. މި އިވެންޓުގައި ރާއްޖެ ދިޔައީ ފުލަށެވެ. އެއީ 5:04.08 ސިކުންތުން ނިންމައިގެންނެވެ. އެއް ވަނަ އަށް ދިޔަ ތުރުކީއިން ވަނީ 3:52.21 ސިކުންތުން ނިންމާފައެވެ.