ކ. މާލެ
|
18 އޯގަސްޓް 2022 | ބުރާސްފަތި 09:31
ރާއްޖޭގެ ފިރިހެން ސްވިމިން ޓީމް
ރާއްޖޭގެ ފިރިހެން ސްވިމިން ޓީމް
އެމްއޯސީ
އިސްލާމިކް ސޮލިޑާރިޓީ ގޭމްސް
ހަތަރު ގުނަ 100 މީޓަރު މެޑްލީ ރިލޭގެ ޤައުމީ ރެކޯޑު ރިލޭ ޓީމުން މުގުރާލައިފި
 
ތުރުކީގެ ކޮންޏާގައި ކުރިއަށް ދިޔަ ގޭމްސްގައި ފިރިހެން ޓީމުން ވަނީ 4:38.75 ސިކުންތުން ރިލޭ ނިންމާފައި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ސްވިމިން ފިރިހެން ރިލޭ ޓީމުން ހަތަރެއް ގުނަ 100 މީޓަރު މެޑްލީގެ ޤައުމީ ރެކޯޑު މުގުރާލައިފިއެވެ.

ތުރުކީގެ ކޮންޏާގައި ކުރިއަށް ދިޔަ ގޭމްސްގައި ފިރިހެން ޓީމުން ވަނީ 4:38.75 ސިކުންތުން ރިލޭ ނިންމާފައެވެ. މި ޓީމުގައި ހިމެނެނީ، އަލީ އިމްއާން، ޙުސެއިން ޙާއިޝް، ޢަބްދުﷲ ނާވީ އަދި އިބްރާހިމް މައިޝަން ޝަހީމްއެވެ. ކުރިން މި ރެކޯޑު އޮތީ 2018 ވަނަ އަހަރު އޮތް 18 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރި ޓީމު އަތުގައެވެ. އެ ޓީމުގައި ހިމެނެނީ ޙަސަން އަޝްރަފް، މިބާލް އައްޒާމް އިބްރާހިމްގެ އިތުރުން މިފަހަރު ރެކޯޑު މުގުރާލި ޓީމުގައި ހިމެނޭ އިމްއާން އަދި ހާއިޝްއެވެ. އެފަހަރުގެ ޓައިމިން އަކީ 4:47.94 ސިކުންތެވެ.

މީގެ އިތުރުން ދެން ކުރިއަށް ދިޔަ އިވެންޓުތަކަށް ބަލާއިރު، އަންހެން 50 މީޓަރުގެ ފްރީސްޓައިލްގެ ހީޓު ދޭއްގައި ވާދަކުރި އައިޝަތު އުލްޔާ ޝާއިގްގެ ޓައިމިން އަކީ 31.44 ސިކުންތެވެ. ހީޓު ހަތަރެއްގައި ވާދަކުރީ އީން އައްބާސް ޝަރީފްއެވެ. އީންގެ ޓައިމިން އަކީ 34.75 ސިކުންތެވެ.

އަންހެން 50 މީޓަރުގެ ފްރީސްޓައިލް ސެމީ ފައިނަލްގެ ދޭއްގައި އުލްޔާ ވަނީ ވާދަކޮށްފައެވެ. މީގެ އިތުރުން އަންހެން ހަތަރެއް ގުނަ 100 މީޓަރުގެ މެޑްލީ ރިލޭގައި އަންހެން ރިލޭ ޓީމު ވަނީ ވާދަކޮށްފައެވެ. މި ޓީމުގައި ހިމެނެނީ، އުލްޔާ، ޒައިނަބް އަބްދުﷲ ޝަފީގް، މެރާލް އައިން ލަތީފް އަދި އީން އެވެ.

ފިރިހެން 50 މީޓަރުގެ ބަޓަފްލައި އިވެންޓުގެ ހީޓު ދޭއްގައި ވާދަކުރި ނާވީގެ ޓައިމިންއަކީ 29.49 ސިކުންތެވެ. މި އިވެންޓުގެ ތިން ވަނަ ހީޓުގައި ވަދަކުރި ޙާއިޝްގެ ޓައިމިން އަކީ 28.41 ސިކުންތެވެ.

މިފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ފިރިހެން ޓީމުން ވަނީ ޖުމުލަ ދެ ރެކޯޑެއް މުގުރާލާފައެވެ. އެންމެ ފުރަތަމަ ފިިރިހެން ޓީމުން މުގުރާލީ، ހަތަރެއް ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑެވެ.

ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އިވެންޓުތައް މިހާރު ރާއްޖެއަށް ވަނީ ނިމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް