Advertisement
ކ. މާލެ
|
10 އޯގަސްޓް 2022 | ބުދަ 13:12
ފާޅުގައި ދީނަށް ފުރައްސާރަ ކޮށްގެން ދައުވާ އުފުލި ރުސްތުމް
ފާޅުގައި ދީނަށް ފުރައްސާރަ ކޮށްގެން ދައުވާ އުފުލި ރުސްތުމް
ރާއްޖެއެމްވީ
އިސްލާމް ދީނަށް ފުރައްސާރަ ކުރުން
ފާޅުގައި ދީނަށް ފުރައްސާރަކުރި ރުސްތުމްގެ އިއުތިރާފާއެކު ކުށް ސާބިތުވެއްޖެ
އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެ، އެ އިއުތިރާފު ބުދަ ދުވަހުގެ އަޑުއެހުމުގައިވެސް ދަމަހައްޓާފައި
މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އަދަބާ ގުޅޭގޮތުން ވާހަކަދެއްކުން އޮންނާނެ
ކީރިތި ރަސޫލާއަށާއި، އިސްލާމް ދީނަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަ ދައްކާފައިވޭ

ފާޅުގައި ދީނަށް ފުރައްސާރަ ކުރަމުންދިޔަ މުޙައްމަދު ރުސްތުމް މުޖުތަބާގެ މައްޗަށް އުފުލާފައިވާ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ރުސްތުމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ދީނީ އެއްބައިވަންތަކަށް ނަގާލުމަށް މަސައްކަތް ކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެ، އެ އިއުތިރާފު ބުދަ ދުވަހުގެ އަޑުއެހުމުގައިވެސް ދަމަހައްޓާފައެވެ.

ދައުލަތުން ބުނާ ގޮތުގައި އޭނާ އިއުތިރާފުވެފައިވާތީ ދީނީ އެއްބައިވަންތަކަށް ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގައި އަންނާނެ އަދަބަކީ 108 ދުވަހުގެ ޖަލު ޙުކުމެކެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އޭނާއަށް އަންނާނީ 18 ދުވަހުގެ ޖަލު ޙުކުމެއްކަން ދައުލަތުން ފާހަގަ ކުރެއެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކުރީ 10 ސެޕްޓެމްބަރު 2019 ގައެވެ. އޭނާ ބަންދު ކުރުމަށް މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ 11 ސެޕްޓެމްބަރު 2019 ގައެވެ.

އޭގެ ފަހުން 10 އޮކްޓޯބަރު 2019 ގައި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރު ނެރެފައެވެ. އެ އަމުރު ބާތިލު ކޮށްފައިވަނީ 10 މާރޗު 2020 ގައެވެ. ވުމާއެކު، އޭނާ ބަންދުން ދޫކޮށްލީީ އޭގެ ދެ ދުވަސްފަހުން 12 މާރޗު 2020 ގައެވެ.

Advertisement

މި އަޑުއެހުމުގައި އޭނާ ވަނީ އޭނާގެ މައްޗަށް ކުރާ 2 ދައުވާއަށްވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އިއުތިރާފުވާކަން ބަޔާންކޮށް އޭނާގެ އިއުތިރާފު ދަމަހައްޓާފައެވެ. ވުމާއެކު ގާޒީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވާފައެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭނާ ބަންދުގައި 185 ދުވަސް ހޭދަކޮށްފައިވަތީ އޭނާގެ މައްޗަށް ކުށް ސާބިތުވެ 126 ދުވަހުގެ ޖަލު ޙުކުމެއް އައި ނަމަވެސް، އޭނާ ތަންފީޒު ކުރަން ޖެހޭނެ ޙުކުމެއް ނޯންނާނެއެވެ.

މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އަދަބާ ގުޅޭގޮތުން ވާހަކަދެއްކުން އޮންނާނެއެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރުކުރީ 2019 ވަނަ އަހަރުއެވެ. އޭރު ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށް ބުނެ ކުރި ޓްވީޓަކާއި ގުޅިގެން އޭނާ ހައްޔަރު ކުރިއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ދީނާއި ޚިލާފު ބޮޑު ޖަލްސާތައް ވެސް ބާއްވާނެ ކަމަށް އޭނާ އޭރު ބުނެފައިވެއެވެ.

އަދި ސޯޝަލް މީޑިޔާގެ ޕްލެޓްފޯމުތަކުގައި ކީރިތި ރަސޫލާއަށާއި، އިސްލާމް ދީނަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަ ދައްކާފައިވެއެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި ކޯޓަށް ހުށައަޅާފައިވަނިކޮށް އޭނާ ވަނީ އޭރު ދޫކޮށްލާފައެވެ.

އޭރު އޭނާ ދޫކޮށްލުމަށްފަހުވެސް ދީނާއި ޚިލާފު އެކި ވާހަކަތައް އޭނާ ދައްކާފައިވެއެވެ. އެގޮތުން އޭނާ އަލުން ހައްޔަރު ކޮށްފައިވަނީ އިސްލާމްދީނަށް ތައުހީން ކުރުމުގެ ނިޔަތުގައި، އިސްލާމްދީނަށް ފާޑުކިޔައި، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް މުޖުތަމައުގައި ސުލްހަމަސަލަސްކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް، އޭނާގެ މައްޗަށް ތުހުމަތު ކޮށްފައެވެ. އެއީ 2020 ވަނަ އަހަރުއެވެ.

އިސްލާމްދީނަށް ފާޑުކިޔައި، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމުންވެސް އޭރު އޭނާ ވަނީ އެކަމަށް އިއުތިރާފުވެ، ދީނާއި ޚިލާފު ވާހަކަތައް ދައްކާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް