ކ. މާލެ
|
4 އޯގަސްޓް 2022 | ބުރާސްފަތި 13:21
މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޑަ އައްޔަ
މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޑަ އައްޔަ
ކުޅިވަރާ ބެހޭ ވުޒާރާ
ވިޒިޓް މޯލްޑިވްސް ޕްރޯ 2022
ވާދަވެރި ހީޓެއްގައި އައްޔަގެ މައްޗަށް، ދުނިޔޭގެ ރޭންކިން ދެވަނަ ޓަނާ ކުރި ހޯދައިފި
ކުއާޓާ ފައިނަލްގައި އައްޔަގެ މައްޗަށް ޓަނާ ކުރި ހޯދީ 1.10 ގެ ތަފާތަކުން

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ފިރިހެން އޯޕަން ބައިގެ ކުއާޓާ ފައިނަލްގެ ތިން ވަނަ ހީޓުގައި ރާއްޖޭގެ އަލީ ޚުސްރުވާން އަޙުމަދު (ކުޑައައްޔަ)ގެ މައްޗަށް ދުނިޔޭގެ ރޭންކިން ދެ ވަނައިގަ އޮތް ޓަނާ މެޑް ޑެނިއެލް ކުރި ހޯދައިފިއެވެ.

ކުއާޓާ ފައިނަލްގައި އައްޔަގެ މައްޗަށް ޓަނާ ކުރި ހޯދީ 1.10 ގެ ތަފާތަކުންނެވެ. ހީޓުގެ ދެ ރާޅުގައި ޓަނާއަށް ލިބުނީ ޖުމުލަ 13.80 ގެ ސްކޯއެކެވެ. އެއީ ފުރަތަމަ ރާޅުގައި ލިބުނު 7.00 ސްކޯއާއި ފަސް ވަނަ ރާޅުގައި ލިބުނު 6.80 ސްކޯއިންނެވެ. ހީޓުގައި އައްޔައަށް ލިބުނީ ޖުމުލަ 12.70 ގެ ސްކޯއެކެވެ. އެއީ ތިން ވަނަ ރާޅުގައި ލިބުނު 6.25 ސްކޯއާއި ހަތަރު ވަނަ ރާޅުގައި ލިބުނު 6.45 ސްކޯއިންނެވެ. މިއީ މި މުބާރާތުގައި އައްޔައާ ވާދަކުރި ތިން ވަނަ ފަަހަރެވެ. މީގެ ތެރެއިން ޓަނާ އައްޔަގެ މައްޗަށް ދެ ފަހަރު ކުރި ހޯދިއިރު، އައްޔަ ވަނީ ޓަނާގެ މައްޗަށް އެއް ފަހަރު ކުރި ހޯދާފައެވެ.

ކުއާޓާ ފައިނަލްގައި މިއަދު ކުރިއަށް ދިޔަ އެހެން ހީޓުތަކަށް ބަލާއިރު، ފުރަތަމަ ހީޓުގައި ފްރާންސްގެ އަމައުރީ ލަވާންހޭ ވަނީ އެ ޤައުމުގެ ޕިއެރާ ލުއިސް ކޮސްޓެސްގެ މައްޗަށް ކުރި ހޯދާފައެވެ. މި ހީޓުގައި އަމައުރީއަށް ޖުމުލަ 13.50 ގެ ސްކޯއެއް ލިބުނު އިރު، ލުއިސް އަށް ލިބުނީ 12.65 ގެ ސްކޯއެކެވެ. ލުއިސް އަކީ ދުނިޔޭގެ ރޭންކިންގެ 15 ވަނައިގައި އޮތް އެތުލީޓެކެވެ. އަމައުރީ އަކީ ރޭންކިންގެ 22 ވަނައިގައި އޮތް އެތުލީޓެެކެވެ.

ފިރިހެން އޯޕަން ޑިވިޝަންގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ހީޓުގައި ވާދަކުރީ ފްރާންސްގެ ފެބިއެން ތަޒާ އާއި ސައުތު އެފްރިކާގެ ޓްރިސްޓަން ރޮބާޓްސްއެވެ. ޓްރިސްޓަން އަކީ މިވަގުތު ރޭންކިންގެ އެއް ވަނަ މަގާމުގައި އޮތް އެތުލީޓެވެ. މި ހީޓުގައި ޓްރިސްޓަން ވަނީ ތަޒާގެ މައްޗަށް ކުރި ހޯދާފައެވެ. ޓްރިސްޓަން ވަނީ މި ހީޓުގައި ޖުމުލަ 13.25 ގެ ސްކޯއެއް ހޯދާފައެވެ. ތަޒާއަށް ހޯދުނީ ޖުމުލަ 9.25 ގެ ސްކޯއެކެވެ.

ފިރިހެން އޯޕަން ބައިގެ ފަހު ހީޓުގައި ޑޭވިޑް ހަބާޑް ވަނީ އާމިދޭ ސޮލިވެރޭސްގެ މައްޗަށް ކުރި ހޯދާފައެވެ. އެއީ ދެ ރާޅުން ލިބުނު ޖުމުލަ 15.00 ގެ ސްކޯއިންނެވެ. އާމިދޭ އަށް ދެ ރާޅުން ލިބުނީ 12.75 ގެ ސްކޯއެކެވެ.

މުބާރާތުގެ ޑްރޮޕް ނީގެ ސެމީ ފައިނަލްގައި ރާއްޖޭގެ ކުޑަ އައްޔަ ވާދަކުރާނެއެވެ. ސެމީ ފައިނަލްގައި އައްޔަ ނިކުންނާނީ ހަބާޑްއާ ދެކޮޅަށެވެ. ހަބާޑަކީ ޑްރޮޕް ނީގެ ބައިން ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް އެތުލީޓެވެ.

- ކޮމެންޓް