މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ބޮޑީބޯޑިން ލީގު ރަސްމީކޮށް ލޯންޗުކޮށްފި އެވެ.
ހޯމަ ދުވަހު ހެންވާރު ބޯޅަގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ލީގު ރަސްމީކޮށް ލޯންޗުކޮށް ދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އެވެ. މީގެ އިތުރުން އެ ޕްރެސްގައި އެމްބީބީއޭގެ ރައީސް ޢަބްދުﷲ ޢަރީފް (ފުކޫ) އަދި ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ވެސް ވަނީ ބައިވެރިވެފަ އެވެ. އެ ޕްރެސްގައި ވާހަކަ ދައްކަވަމުން ޝިމާޒް ވިދާޅުވީ، ބޮޑީބޯޑިން އަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުން އަންނަ ކުޅިވަރެއް ކަމަށެވެ. އެހެން ނަމަވެސް ލީގެއްގެ ގޮތުގައި އެ ކުޅިވަރު މިދިޔަ އަހަރު ރަސްމީކޮށް ތަޢާރަފް ކުރެވުނު ކަމަށާއި، އެއީ ސަރުކާރުން މޫދު ކުޅިވަރު ތަރައްޤީ ކުރުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. ހަމައެއާއެކު ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވެސް ދިވެހި އެތުލީޓުން ވާދަކުރާއިރު، ޤައުމީ ލީގުގެ ސަބަބުން އެކަމަށް ބޮޑު އެހީތެރިކަމެއް އަދި ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް ޝިމާޒް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން އެމްބީބީއޭގެ ރައީސް ޢަރީފް ވިދާޅުވީ، އެންމެ ފުރަތަމަ ޤައުމީ ލީގު ފެށުމަށް ނިންމާފައި އޮތީ މިދިޔަ މެއި މަހު ކަމަށެވެ. ނަމަވެސް ލީގު މިހާރު އޮތް ތާރީޚަށް ފަސް ކުރަން ޖެހުނީ އޭރު ސްޕޮންސަރުންގެ ކަންކަން ހަމަނުޖެހިގެން ކަމަށެވެ. މިއަހަރުގެ ޤައުމީ ލީގު ކުރިއަށް ގެންދިޔުމަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ޢަރީފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ހަމައެއާއެކު މީގެ ކުރީ އެއްވެސް ސަރުކާރަކުން ބޮޑީބޯޑިން އަށް ނުދޭ އަހައްމިއްޔަތުކަން މި ސަރުކާރުންދޭ ކަމަށާއި، އެކަމަށްޓަކައި ސަރުކާރަށް ވެސް ޢަރީފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މުބާރާތް ކުރިއަށް ގެންދާނެ ސަރަހައްދެއްގެ ގޮތުގައި ފުވައްމުލައް ހަމަޖެއްސީ، އެ ސިޓީން ގިނަ ބޮޑީބޯޑަރުންތަކެއް އުފެދެމުން އަންނާތީއެވެ. އަނެއްކޮޅުން ޤައުމީ ޓީމުގަައި އެ ސިޓީގެ ބޯޑަރުން ހިމެނުމާއި، އެ ސަރަހައްދުގައި މި ކުޅިވަރު އާލާ ކުރެވޭނެ ކަމަސް ފެންނާތީ ކަމަށް ވެސް ޢަރީފް ވަނީ ވިދާޅުވެފަ އެވެ. އަހަރުގެ ތިން ވަނަ އިވެންޓު ތުލުސްދޫގައި ކުރިއަށް ގެންދަން ނިންމީ، އެ ސަރަހައްދުގެ ރާޅަކީ ބޮޑީބޯޑިން އަށް ވަރަށް އެކަށީގެންވާ ރާޅަކަށް ވުމުން ކަމަށް ޢަރީފް ވިދާޅުވިއެވެ. އަދި ތުލުސްދޫގެ ކުދިން މި ކުޅިވަރަށް އިތުރަށް ހޭލުންތެރި ކުރަން ޖެހޭ ކަމަށާއިި، ދަތުރު ފަތުރު ކުރުމަށް ވެސް ފަސޭހަވާނެތީ ކަމަށް އަރީފް ވަނީ ވިދާޅުވެފަ އެވެ.
ފުވައްމުލައް ކަނޑަ އެޅީ، ފުވައްމުލަކުގައި ފުދޭ ވަރަކަށް ގިނަ ކުދިން އުފެދެމުން އެބަ އާދޭ. ދެން ޤައުމީ ޓީމުގައި ވެސް ބައެއް ކުޅުންތެރިން ހިމެނޭ. އެހެންވީމާ ފުވައްމުލަކުގައި މި ކުޅިވަރު އާލާ ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮވޭ. ދެ ވަނަ ތަނަކަށް ތުލުސްދޫ ނެގީ، ތުލުސްދޫ ރާޅަކީ ބޮޑީބޯޑު ކުރުމަށް ވަރަށް އެކަށީގެންވާ ރާޅެއް. ދެން އަނެއްކޮޅުން ތުލުސްދޫގައި އެބަ ބޭނުންވޭ ތުލުސްދޫގެ ކުދިން މި ކަމަށް ހޭލުންތެރި ކުރުމަށް.ޢަބްދުﷲ ޢަރީފް (ފުކޫ) / އެމްބީބީއޭގެ ރައީސް
މިއަހަރުގެ ޤައުމީ ލީގު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަތަރު އިވެންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ އިވެންޓަކީ ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖެވެ. މި އިވެންޓު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި ޖޫން މަހުގެ 17 އިން 23 އަށް މާލޭ ސިޓީ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގަ އެވެ. މިއީ މީގެ ފަސް ވަނަ ސީރީސް އެވެ. ދެ ވަނަ އިވެންޓަކީ ފުވައްމުލަށް ބޮޑީބޯޑިން ޗެލެންޖެވެ. މި އިވެންޓު ކުރިއަށް ދާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 21 އިން 29 އަށް ފުވައްމުލަކު ސިޓީގަ އެވެ. މި އިވެންޓު އެންމެ ބާއްވަން ހަމަޖެއްސީ ޖޫން މަހު އެވެ.
އަހަރުގެ ތިން ވަނަ އިވެންޓަކީ ރަންދާ ބޮޑީބޯޑިން ޗެލެންޖެވެ. މި އިވެންޓު ކުރިއަށް ދާނީ އޮކްޓޫބަރު 13 އިން 21 އަށް ކ.ތުލުސްދޫގަ އެވެ. އަހަރުގެ ފަހު އިވެންޓަކީ ޤައުމީ ބަނޑުފިލާ ޗެލެންޖެވެ. އެ އިވެންޓު ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 23 އިން ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަށް ވަރުނުލާ ރާާޅުގަނޑުގަ އެވެ. ޤައުމީ މުބާރާތް އެންމެ ފުރަތަމަ ބާއްވަން ފެށީ 2019 ވަނަ އަހަރު އެވެ. އެއީ އެމްބީބީއޭ އަށް ޤައުމީ ހައިސިއްޔަތު ލިބުމާއެކު އެވެ.