ކ. މާލެ
|
28 ޖުލައި 2022 | ބުރާސްފަތި 13:17
ހައްޖުވެރިން އެނބުރި އައުން
ހައްޖުވެރިން އެނބުރި އައުން
ހައްޖު ކޯޕަރޭޝަން
ހައްޖުވެރިންނަށް ހަމަޖެހިފައިހުރި އިންތިޒާމުތައް
މިއަހަރުގެ އިންތިޒާމުތައް ފުރިހަމަ، ހައްޖުވެރިން ތިބީ އުފަލުން
 
ހައްޖު ކޯޕަރޭޝަނުން ވަނީ ހައްޖުވެރިންގެ ކަންކަން ވަރަށް ފުރިހަމައަށް ބަލަހައްޓާފައި
 
މިއަހަރު ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ވަނީ ހަމަޖެހިފައި
 
ފާއިތުވި އަހަރުތަކުގައި ހައްޖުވެރިންގެ ފަރާތުން ގިނަ ޝަކުވާތަކެއް އައިސްފައިވޭ

ކޮންމެ އަހަރެއްގެވެސް ހައްޖު މަހާ ދިމާކޮށް، އެތައް މިލިއަން ބަޔަކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދާއިރު، އަބަދުވެސް ހައްޖުވެރިންގެ ގިނަ ޝަކުވާތަކެއް ހުރެއެވެ. ކެއުމުގެ ކަންކަން ހަމަޖެހިފައި ހުރި ގޮތާއި، ދަތުރުފަތުރުގެ ކަންކަން ހަމަޖެހިފައިހުރި ގޮތާއި، ތިބުމުގެ ކަންކަމާއި އަދިވެސް މިނޫން އެތައް ކަމެއްގެ ޝަކުވާ ހައްޖުވެރިން ކުރެއެވެ. އެހެންނަމަވެސް މިއަހަރު ހައްޖުގެ އަޅުކަން ނިންމާލާފައި އެނބުރި ރާއްޖެ އައި ހައްޖުވެރިންގެ ވާހަކަތައް އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ތަފާތެވެ. އެމީހުން ތިބީ ވަރަށް ބޮޑަށްވެސް ހިތްހަމަޖެހިފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި މީހަކު ރާއްޖެއެމްވީއާ ވާހަކަދައްކަމުން ވަނީ މިއަހަރު ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ހަމަޖެހިފައި ހުރިކަން ފާހަގަކޮށްފައެވެ. ކެއުމުގެ ކަންކަން ހަމަޖެހިފައި ހުރިލެއް ފުރިހަމަކަމާއި، އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ދަތުރުކުރެވުމާއި، ހައްޖުވެރިންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ވަރަށް ރަނގަޅަށް ފޯރުކޮށްދީފައިވާކަން އޭނާ ފާހަގަކުރިއެވެ. ވަކިން ޚާއްސަކޮށް މި ހުރިހާ ކަމެއްވެސް ވަރަށް ޕްރޮފެޝަނަލްކޮށް ގޮސްފައިވާކަމަށް އޭނާ ބުންޏެވެ.

ހައްޖުވެރިން - ހައްޖު ކޯޕަރޭޝަން

މިއަހަރު ރާއްޖެއިން 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސްފައިވާއިރު، އެމީހުންނާ ހަވާލުވެތިބީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުންނެވެ. ހައްޖުވެރިންނަށް ބޭނުންވާ ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ހަމަޖައްސައިދިނުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ދުރާލާ އެކަމުގެ ތައްޔާރީތައް ވެފައެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ހަމީދު ވިދާޅުވީ ދަތުރުގެ ހުރިހާ ކަމެއްވެސް ރަނގަޅަށް ރޭވި އެންމެ ހިތްހަމަޖެހޭގޮތަށް ކުރިއަށްގެންދެވިފައިވާކަމަށެވެ.

އެންމެ ފުރަތަމަ ކަމަކަށް ހައްޖުވެރިން މައްކާއާއި ހަރަމްފުޅާ ދޭތެރޭ ކުރާ ދަތުރުތަކަކީ ފަސޭހަ ދަތުރުތަކަކަށް ހަދައިދިނުމަށް ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން ދަތުރުފަތުރުގެ އިންތިޒާމު ވަރަށް ފުރިހަމައަށް ހަމަޖައްސައިދީފައިވާނެ ކަމަށް ހަމީދު ވިދާޅުވިއެވެ. އެތަނުން ހައްޖުވެރިންނަށް ލިބޭ ކެއުން ރަނގަޅު ނޫންކަމަށް ހައްޖުވެރިން ކުރާ ޝަކުވާއަށް ހައްލެއް ހޯދައިދެއްވުމަށް މިއަހަރު ރާއްޖެއިން ދިޔަ ހައްޖުވެރިންނަށް ވަރަށް ފުރިހަމައަށް ދިވެހި ކެއުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްޖުވެރިން - ހައްޖު ކޯޕަރޭޝަން

މީގެ އިތުރުން ހައްޖުވެރިންގެ ކަންކަން ބެލުމަށާއި، މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކޮށްދިނުމަށް 24 ގަޑިއިރު މީހުން ހަރަކާތްތެރިވެފައިވާނެ ކަމަށާއި، ސިއްހީ ކަންކަން ބެލުމަށް ޑޮކްޓަރުންނާއި، ނަރުހުންވެސް ހަރަކާތްތެރިވެފައިވާކަމަށް ހަމީދު ވިދާޅުވިއެވެ. ހުރިހާ ފަރާތްތަކެއް ގުޅިގެން މިއަހަރު ހައްޖުވެރިންނަށް ރަނގަޅު ޚިދުމަތްތަކެއް ދެވިފައިވާކަން ހަމީދު ފާހަގަކުރެއްވިއެވެ. ހަމީދު ވިދާޅުވީ މިއަހަރު ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ބައެއް ހައްޖުވެރިން ޑޮކްޓަރަށް ދައްކާފައިވާއިރު، މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީ ރޯގާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް އެނބުރި ރާއްޖެ އައިސްފައިވާއިރު، މިއަހަރު ވަރަށް ފަސޭހަކަމާއެކު ހައްޖުގެ އަޅުކަން އަދާކުރެވުނު ކަން ހައްޖުވެރިން ފާހަގަކޮށްފައިވާކަމަށް ހަމީދު ވިދާޅުވިއެވެ. ހައްޖުވެރިން ތިބީ ވަރަށް ހިތްހަމަޖެހިފައިކަން ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި