ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 23:28
މިފަހަރުގެ ހައްޖުގެ އިންތިޒާމްތައް ފެނުނީ ވަރަށް ފެންވަރު ދަށްކޮށް
މިފަހަރުގެ ހައްޖުގެ އިންތިޒާމްތައް ފެނުނީ ވަރަށް ފެންވަރު ދަށްކޮށް
ރާއްޖެއެމްވީ
ޙައްޖު 1445
މިނާ އާއި އަރަފާތުގައި ދިވެހި ހައްޖުވެރިން ތިބެން ރަނގަޅު ތަންތަން ހޯދާނަމޭ ބުނި، ފެނުނީ ރެފިއުޖީ ކޭމްޕެއްގެ ސިފަ!
މީހަކު ސިފަކޮށްފައިވާ ގޮތުން ހައްޖުވެރިން ތިބީ "ރެފިއުޖީ ކޭމްޕެއްގައި" ފެންނަ ގޮތުން ކަނީވެސް ނިދަނީވެސް އެ ތިބި ތަނެއްގައި ތިބެގެން.
ހައްޖުވެރިން ތިބުމުގެ އިންތިޒާމުތައް މާ ފުރިހަމަ އަށް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވި، އެކަމަކު ކަން އޮތީ ބުނި ގޮތަކަށް ނޫން.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މުހިންމު އެއް އިރުޝާދަކީ ރާއްޖެ އިން ހައްޖަށް ދާ މީހުން މިނާ އާއި އަރަފާތުގައި ތިބޭ އިރު އެ މީހުންނަށް ސައޫދީ އަރަބިއްޔާ އިން ރަނގަޅު ތަންތަން ހޯދައި ދިނުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މިހެން ވިދާޅުވެ، ރާއްޖޭން މި އަހަރު ހައްޖަށް ދާން ފުރުސަތު ލިބުނު މީހުންނަށް ބޮޑު އުއްމީދެއް ދެއްވީ، މި އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ރޭ "އަހާ" ގެ ނަމުގައި ސަލްޓަންޕާކުގައި ބޭއްވި ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނާ އާއި އަރަފާތުގައި ދިވެހިން ތިބޭ ތަނާއި ދިވެހިންނަށް ލިބޭ ހިދުމަތް މި ފަހަރު، ކުރިއަށް އޮތް ހައްޖުގައި ﷲ އިރާދަކުރެއްވިއްޔާ ތަފާތު ވާނެ. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެ ދަނީ އެ ކަމަށްޓަކައި މަސައްކަތް ކުރަމުން. ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ވަނީ އެކަން އަޅުގަނޑުމެން އެދުނު ގޮތަށް ހަމަޖައްސަވައި ދެއްވާފައި.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް

ކޮންމެއަކަސް، މިއަހަރު ރާއްޖޭން ހައްޖަށް ދިޔަ މީހުން އަރަފާތުގައި އަދި މިނާގައި ތިބި މަންޒަރުތައް ހާމަ ވެއްޖެއެވެ. ސޯޝަލް މީޑިއާގައި ދިވެހި ހައްޖުވެރިން މިނާގައި ތިބި ގޮތުގެ އެތައް ފޮޓޯ އަކާ ވީޑީއޯ ދަނީ ދައުރުވަމުންނެވެ. މި މަންޒަރުތައް ފެނުމުން ރައީސް ޑރ. މުއިއްޒު ދެއްވި އިރުޝާދާ އެއް ގޮތައް ހައްޖުވެރިންނަށް އެތަންތަނުން ލިބުނު ޚިދުމަތް ރަނގަޅު ވެފައި ތަފާތުވީ ކޮން ގޮތަކުންތޯ ސުވާލު އުފެދެއެވެ.

މިނާގައި ހައްޖުވެރިން ތިބީ ވަރަށް ހާލުގައި ކަން ސޯޝަލް މީޑިއާ ގައި ހާމަވި ވީޑިއޯ ތަކުންނާ ފޮޓޯ ތަކުން ވަރަށް ރަނގަޅަށް ފެނެއެވެ.

އެއް ވީޑިއޯ އިން ފެންނަ ގޮތުގައި ހޫނު ގަދަ ކަމުން އެ ޓެންޓުގައި ތޮއްޖެހިފައި ތިބި އަންހެނުންތަކެއް ތިބީ ކަރުދާސް ގަނޑަކުން ހޫރުވައިގެން، ހަށިގަނޑަށް ވައިކޮޅެއް ލިބޭތޯ އަވަދިނެތިއެވެ.

ފިރިހެނުން ތިބި ޓެންޓުގެ މަންޒަރުތަކުން ވެސް ފެނުނީ ތޮއްޖެހި ފިތި ބާރުވެގެން މީހުން ތިބި ތަނެވެ.

ވީޑިއޯ އިން ފެންނަ ގޮތުން މީހުންތައް ތިބީ މަސް އަވީލާފައި ހުންނަ ގޮތައް މީހަކާ ޖެހި މީހެއް އަރިއަކަށް އަތުރާފައެވެ. ފެންނަ ގޮތުގައި މީހުން ތިބީ އެ މީހަކު އޮތް އަރިއަށް ނޫން އަނެއް އަރިއަށް އެނބުރި ލިޔަސް ޖެހިގެން އޮތް މީހާ އަށް އުނދަގޫ ވާހާ ގާތްގާތުގައި ޖެހިޖެހިގެންނެވެ.

ގެންގުޅޭ ސާމާނުތަކާއި އެކު އެތައް ބަޔަކު އެއްތަނެއްގައި ތޮއްޖެހިފައި ތިބި އިރު އެތަނުގެ މާހައުލު އޮންނާނެ ގޮތް ހިތައް ގެންނާކަށް އެހާ އުނދަގުލެއް ނޫނެވެ. މީހަކު ސިފަކޮށްފައިވާ ގޮތުން ހައްޖުވެރިން ތިބީ "ރެފިއުޖީ ކޭމްޕެއްގައެވެ" ފެންނަ ގޮތުން ކަނީވެސް ނިދަނީވެސް އެ ތިބި ތަނެއްގައި ތިބެގެންނެވެ.

ސަރުކާރުން ހުރިހާ ކަމެއްވެސް ފުރިހަމަ އަށް ގެންދާކަން ދެއްކުމަށް ދައުލަތުގެ މީޑިއާގެ ނޫސްވެރިން ސައުދީ އަރަބިއްޔާ އަށް ގެންގޮސް ރިޕޯޓުތައް އާއްމު ކުރަމުން ދާއިރު އެ ދައްކާ ވާހަކަ ތަކާއި ދިވެހިން ތިބި ހާލު ފެންނަ ގޮތާ އުޑާ ބިމާހާ ތަފާތު ކަމަށް ފެނެއެވެ.

އިންތިޒާމްތައް މިހާ ދަށްވި ގޮތާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އެކި މީހުން ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅު ކުރަމުން ގޮސްފައިވެއެވެ. އެކަކު ބުނި ގޮތުގައި މިއީ ހައްޖުގެ އިންތިޒާމު އެންމެ ފީކަޅާ އަހަރެވެ. މިކަން މިހެން ވީ ގޮތް ކިޔައިދެމުން އެހެން މީހަކު ބުނެފައިވަނީ، މިހެން މި ދިމާވީ ޚަރަދު ކުޑަކޮށް ކަންކަން ކުރަން ހައްޖު ކޯޕަރޭޝަނުން އުޅުމުން ކަމަށެވެ.

ހައްޖުވެރިން ތިބުމުގެ އިންތިޒާމުތައް މާ ފުރިހަމަ އަށް ކުރާނެ ކަމަށް ބުނެ އަދި ސައުދީ ސަރުކާރުން އެކަންކަން ހަމަޖައްސައިދީފައިވާ ކަމަށް ބުނެ ސަރުކާރުގެ ވެރިން ރައްޔިތުންގެ ކުރިމަތީގައި ވާހަކަ ދައްކާފައިވާ އިރު، އިންތިޒާމުތައް ހުރި ގޮތާ މެދު ހިތްހަމަ ނުޖެހޭ މީހަކު ބުނެފައިވަނީ ހައްޖަށް ދިޔަ އާއްމުން ހާލުގައި ޖެހުނީ ވީއައިޕީ އިންނަށް ބޮޑު ޖާގަޔާ އެއަރކޯން ޓެންޓު ދޭން ޖެހުމުން ކަމަށެވެ.

އެކްސްގައި ހިތްހަމަ ނުޖެހި ޝުއޫރު ފާޅު ކުރި އެހެން މީހަކުވެސް ވަނީ ހަމަ މިކަން މިގޮތައް ފާހަގަ ކޮށްފައެވެ. އޭނާ ބުނީ، ހައްޖަށް ގެންދިޔަ މީހުން ހާލުގައި ޖައްސާފައި، ވެރިން ތިބީ ވީއައިޕީ ޓެންޓު ތަކުގައި އަރާމު ކުރަން ކަމަށެވެ.

ހައްޖުވެރިން ތިބެން ޖެހުނު ދަތި އުނދަގުލުގެ ސަބަބުން އެކަކު އަނެކަކާ ޒުވާބު ކުރުމާއި، ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންނާ ހައްޖަށް ދިޔަ މީހުންނާ ޒުވާބު ކުރާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެން މީހަކު ބުނެފައިވަނީ، ކަންތައްތައް ދާގޮތް ވަރަށް ދެރަ ކަމަށާއި، އެންމެން އެއްތާކަށް އަޅާލީމާ ނޭވާ ލެވޭ ވަރުވެސް ނުވާ ކަމަށެވެ.

ހައްޖަށްދާ މީހުންގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނުގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ، އެ ކުންފުނިން ކުރިއަށްގެންދާ ޙައްޖު ދަތުރުތަކަކީ އެކަށީގެންވާ ހެޔޮއަގެއްގައި ރަނގަޅު ފެންވަރެއްގައި އިންތިޒާމުކުރެވޭ ދަތުރުތަކެއް ކަމަށެވެ.

"ޙާޖީންއަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޒަމާނާއެކަށޭނެ ޚިދުމަތްތަކެވެ." ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

ރާއްޖޭން ހައްޖަށް ދާ މީހަކަށް ހައްޖަށް ދެވެނީ 69,965 ރުފިޔާގެ ބޮޑު އަގެއް ދައްކުމުގެ އިތުރުން، އެތައް އަހަރަކު ކިއޫގައި މަޑު ކުރުމަށްފަހުގައެވެ.

ދިވެހި ހައްޖުވެރިންނަށް ކަންކަން ކޮށްފައި ހުރިލެއް ފީކަޅާ ވާހަކަ ދެއްކި ބައެއް މީހުން ވަނީ މިނާގައި އެހެން ބައެއް ގައުމުތަކުގެ މީހުންނަށް އިންތިޒާމުތައް ހަމަޖެހިފައި ހުރިލެއް ފުރިހަމަ ކަން ފެންނަ ވީޑިއޯވސް ޕޯސްޓު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
100%
0%
0%
0%
ކޮމެންޓް