Advertisement
ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 14:50
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ރާއްޖެއެމްވީ
ބަންގްލަދޭޝްގެ ވެއިޓަރު މަރާލުން
އާބިދަށް ކުރާ ދައުވާގެ ޝަރީއަތް ފަށައިފި، އޮކްޓޯބަރަށް ނިންމަން މަސައްކަތް ކުރަނީ
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު
މި ދައުވާ ސާބިތުވެއްޖެނަމަ އާބިދަށް އަންނާނީ މަރުގެ އަދަބު
ދައުލަތުން ބުނާ ގޮތުގައި އާބިދު ވަނީ ޝަމީމްގެ މޫނަށާއި މެޔަށް ވަޅިން ޙަމަލާ ދީފައި

ހުޅުމާލޭގެ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ މުހައްމަދު އާބިދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފަށައިފިއެވެ.

މި މައްސަލައިގެ ޝަރީއަތް ފަށާފައިވަނީ ހޯމަ ދުވަހުއެވެ. މި އަޑުއެހުމުގައި ދައުލަތުން ފުރަތަމަ ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ.

ދައުލަތުގެ އޭނާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން ބުނާ ގޮތުގައި އާބިދު ވަނީ ޝަމީމްގެ މޫނަށާއި މެޔަށް ވަޅިން ޙަމަލާ ދީފައެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ އާބިދަށް އަންނާނީ މަރުގެ އަދަބެވެ. ދައުވާ ސާބިތުނުވެ، އަމަލުގައި އެހީތެރިވިކަން ނުވަތަ ކުށް ކުރަން އުޅުނުކަން ސާބިތުވެއްޖެނަމަ އަންނާނީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެކެވެ.

ދިފާއުން އިފްތިތާޙީ ބަޔާން އިއްވަމުން ވަނީ ދައުވާއަށް އިންކާރުކުރާ ސަބަބާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން ޤަސްތުގައި ޝަމީމް މަރާލުމުގެ ނިޔަތުގައި ވަޅިން ޙަމަލާ ދީފައި ނުވާނެ ކަމަށާއި، އޭނާ އަމަލު ހިންގި ނަމަވެސް، ޤަސްތުގައި އަނިޔާއެއް ދީފައިނުވާނެކަމަށް އާބިދުގެ ފަރާތުން ފާހަގަ ކުރެއެވެ.

އާބިދުގެ ވަކީލު ވިދާޅުވި ގޮތުގައި އޭނާއަށް ޝަމީމަށް ޙަމަލާ ދެވިފައިވާނީ އޭނާގެ އަމިއްލަ ނަފްސުގެ ދިފާއުގައެވެ.

Advertisement

މި މައްސަލައިގައި ދައުލަތުން 18 ޝަފަހީ ހެއްކެއް ހުށައަޅާފައިވާއިރު، އޭގެ ތެރެއިން 11 ހެއްކަކީ ޕާކިސްތާނު އަދި ބަންގްލަދޭޝް ރައްޔިތުންކަމަށްވާތީ ދައުލަތުގެ އެދުމުގެ މަތިން، ކުރިއާލާ ހެކިބަސް ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުގެ މަތިން 8 ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު، ބާކީ އަދި 3 ހެއްކަކާއި، ޝަފަހީ 8 ހެއްކެއް އެބަތިއްބެވެ. އެހެންނަމަވެސް، ޝަފަހީ 8 ހެކިންގެ ތެރެއިން ދައުލަތުން މިހާރު ނަގަން ބޭނުންވަނީ ހަމައެކަނި މި މައްސަލައިގެ މެޑިކޯ ލީގަލް ރިޕޯޓާއި ގުޅިގެން ހާޒިރުކުރަން ބޭނުންވާ ދެ ހެކިންގެ ހެކިބަސް އެކަންޏެވެ.

ވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ އަންނަ އޯގަސްޓު މަހުގެ 8 ވަނަ ދުވަހު މި މައްސަލައިގެ ބަކީ ތިބި 5 ހެކިންގެ ހެކިބަސް ނެންގެވުމަށް އަޑުއެހުންތައް ފެއްޓެވުމަށް ނިންމަވާފައެވެ.

ގާޒީ ވިދާޅުވީ، ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް