ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ކުރީގެ ފިނޭންސް މިނިސްޓަރ ބަސިލް ރާޖަޕަކްސައަށް ލަންކާއިން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އާއިލީ ދެ ބޭފުޅުންނަށް ގައުމުން ބޭރަށް ވަަޑައިނުގެންނެވޭނެ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ ރައީސް ގޮތަބަޔާ ގައުމުން ފިއްލަވައި ވަޑައިގެންނެވުމާ ގުޅިގެންނެވެ.
ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާއި ގުޅިގެން މީގެ ދެމަސް ކުރިން މަހިންދަ ތާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި މި އިގްތިސާދި ކާރިސާގެ ތެރެއިން ބަސިލްވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ގޮތަބަޔާ ލަންކާއިން ފިއްލަވައިގެން އެންމެ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެވެ. ރާއްޖޭގެ އެއް ދުވަހު މަޑުކުރެއްވުމަށްފަހު މިހާރު ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ. ލަންކާގެ ރައީސްގެ މަގާމުން ގޮތަބަޔާ އިސްތިއުފާދެއްވީ ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު ބުރާސްފަތި ދުވަހުއެވެ. މިއާއެކު މިހާރު އެގައުމުގެ ވަގުތީ ރައީސްގެ މަގާމަށް ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވަނީ އައްޔަންކުރައްވާފައެވެ.
އަންނަ ހަފްތާގެ ބުދަ ދުވަހު ބާއްވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައު ރައީސް ކަނޑަ އެޅިގެންދާނެއެވެ.