ކ. މާލެ
|
3 ސެޕްޓެންބަރ 2022 | ހޮނިހިރު 05:22
ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ
ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ
ގޫގުލް
ގޮތަބަޔާ އެނބުރި ލަންކާއަށް ވަޑައިގެންނެވުން
ފިއްލަވައިގެން އުޅުއްވުމަށްފަހު އެންމެފަހުން ގޮތަބަޔާ އެނބުރި ލަންކާއަށް
ގޮތަބަޔާ އެނބުރި ލަންކާއަށް ވަޑައިގަންނަވާފައިވަނީ ސިންގަޕޫރު އެއަރލައިންގެ ބޯޓެއްގައި ތައިލެންޑް މަގުން
ގޮތަބަޔާ ވަޑައިގަންނަވާތީ އެއާޕޯޓްގެ ސެކިޔުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައި
ގޮތަބަޔާ ލަންކާގައި ހުންނަވާނީ ކުރީގެ ރައީސުންނަށް ލިބިދޭ ހުރިހާ އިނާޔަތްތަކާއި ރައްކާތެރިކަމާއެކު

ގައުމުން ބޭރުގައި ފިއްލަވައިގެން އުޅުއްވާތާ މަސް ދުވަސް ފަހުން، ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަންނަވައިފިއެވެ.

ސްރީލަންކާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮތަބަޔާ އެނބުރި ލަންކާއަށް ވަޑައިގަންނަވާފައިވަނީ ސިންގަޕޫރު އެއަރލައިންގެ ބޯޓެއްގައި ތައިލެންޑް މަގުންނެވެ. އެނބުރި ވަޑައިގަތީ ހޮނިހިރު ދުވަހުއެވެ.

ކޮލޮމްބޯގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ މިނޭލޭ ފެރްނާންޑޭޒް ވަނީ ގޮތަބަޔާ އެނބުރި ލަންކާއަށް ވަޑައިގެންނެވިކަން ކަށަވަރުކޮށްދީފައެވެ. އަލްޖަޒީރާގެ ނޫސްވެރިޔާ އިތުރަށް ބުނީ ބެލެވޭގޮތުގައި ގޮތަބަޔާ ވަޑައިގެންނަވާނީ ގޮތަބަޔާގެ ޕްރައިވެޓް ގެކޮޅަކަށެވެ. އެއާޕޯޓްގައި ތިބި މީހުންނާ ހަވާލާދީ ނޫސްވެރިޔާ ބުނެފައިވަނީ ގޮތަބަޔާ ހުންނެވީ އެނބުރި ގައުމަށް ވަޑައިގެންނެވުމުން ވަރަށް ހިތްހަމަޖެހިވަޑައިގެން ކަމަށެވެ.

ޑެއިލީ މިރަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮތަބަޔާ ވަޑައިގަންނަވާތީ އެއާޕޯޓްގެ ސެކިޔުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ބައެއް ވަޒީރުން ގޮތަބަޔާއަށް މަރުޚަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.

މީގެއިތުރުން ގޮތަބަޔާ ހުންނަވާނީ ކޮލަމްބޯގައި ހުންނަ ސަރުކާރުގެ ބަންގަލޯ އެއްގައި ކަމަށާއި އެސަރަހައްދުގެ ސެކިޔުރިޓީގެ ކަންކަން ވަރަށް ވަރުގަދައަށް ބަލަހައްޓަމުން ގެންދާނެކަމަށްވެސް ޑެއިލީ މިރަރ އިން ބުނެއެވެ.

ގޮތަބަޔާ ގައުމުދޫކުރައްވައި ފިއްލެވީ ކޮރަޕްޝަނާއި ގައުމުގެ އިގުތިސާދު ބަނގުރޫޓުކޮށްލެއްވިކަމުގެ ތުހުމަތުތައް ކުރެވެމުން ދިޔަ ދަނޑިވަޅެއްގައެވެ. އަދި ގައުމުގެ ހާލަތު ގޯހުން ގޯހަށް ގޮސް، އާންމު ރައްޔިތުން ނުކުމެ މުޒާހަރާކުރަމުންދާތާ އެތައް މަހެއް ވެފައިވަނިކޮށް ގައުމުން ފިއްލަވައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެއަށެވެ. އެއީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. އެއަށްފަހު ސިންގަޕޫރަށް ވަޑައިގެން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވިއެވެ. ސިންގަޕޫރުގައި ހުންވާ މުއްދަތު އިތުރުކުރެއްވުމަށް ތިން ވަނަ ފަހަރު ހުށަހެޅުއްވުމުން އެމުއްދަތު ސިންގަޕޫރު ސަރުކާރުން އިތުރު ކޮށް ނުދިނުމުން ގޮތަބަޔާ ވަޑައިގެންނެވީ ތައިލެންޑަށެވެ. ތައިލެންޑްގައި ހުންނެވިއިރު ސަލާމަތީ ސަބަބުތަކަށްޓަކައި ހުންނެވި ހޮޓަލުން ބޭރަށް ވަޑައިނުގަތުމަށް ވަނީ އިރުޝާދުދީފައެވެ.

ބޭނުންފުޅުވާ ތަންތަނަށް ވަޑައިގެންނެވުމުގައި ކުރިމަތިވެވަޑައިގެންނެވި ދަތިތަކާހެދި ގޮތަބަޔާ ލަންކާއަށް އެނބުރި ވަޑައިގަތުމަށް ނިންމެވިއެވެ. ޑެއިލީ މިރަރ އިން ބުނާގޮތުގައި ގޮތަބަޔާ ލަންކާގައި ހުންނަވާނީ އެމެރިކާގައި ދިރިއުޅުމަށް ދޫކުރާ ދާއިމީ ރަށްވެހިކަން ނުވަތަ ގްރީން ކާޑު ލިބިވަޑައިގަންނަވަންދެންނެވެ.

ގޮތަބަޔާ ލަންކާގައި ހުންނަވާނީ ކުރީގެ ރައީސުންނަށް ލިބިދޭ ހުރިހާ އިނާޔަތްތަކާއި ރައްކާތެރިކަމާއެކުއެވެ.

ގޮތަބަޔާ އިސްތިއުފާ ދެއްވުމުގެ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވިއެވެ. އަދި ރާޖަޕަކްސަ އާއިލާގެ އިތުރު ތިން މެމްބަރުން ކެބިނެޓްގެ ވަޒީރުކަމުން އިސްތިއުފާދެއްވިއެވެ.

ގޮތަބަޔާއަށް ފަހު ލަންކާގައި ރައީސަކު ހޮވުމަށް މަޖިލީހުގައި ނެގުނު ވޯޓު ކާމިޔާބުކުރެއްވި ވަގުތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވަނީ ރައީސްކަމަށް އައްޔަންކުރެވިފައެވެ. އަދި ރަނިލް ވަނީ އެތައް މަސްތަކެއްވަންދެން ކުރިޔަށްދިޔަ މުޒާހަރާތައް ހުއްޓުމަކަށް ގެނައުމުގައި ކާމިޔާބު ހޯއްދަވާ ރާޖަޕަކްސަ އާއިލާ އާއި ސަޕޯޓަރުންނަށް އަލުން އަނބުރާ ލަންކާއަށް އައުމަށް އެހީތެރިވެދެއްވާފައެވެ.

ރާޖަޕަކްސަ އާއިލާ އާއި ދެކޮޅަށް މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ނުޒްލީ ހަމީމް ބުނީ ކުރީގެ ރައީސް އެނބުރި ވަޑައިގަތުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ގޮތަބަޔާ ކުރެއްވިކަންކަމަށް ގޮތަބަޔާ ޒިންމާވެވަޑައިގެންނަވަންޖެހޭކަމަށް ނުޒްލީ ބުންޏެވެ.

އެވެސް ލަންކާގެ ރައްޔިތެއްކަމަށާއި އެހެންކަމުން އެނބުރި ގައުމަށް ވަޑައިގަތުމަށް އެއްވެސް މީހަކަށް ހުރަސްނޭޅޭނެކަމަށް ނުޒްލީ ބުންޏެވެ. ނަމަވެސް ގޮތަބަޔާ ހިންގަވާފައިވާ ކޮރަޕްޝަންގެ ކަންކަން ބެލި ފިޔަވަޅު އެޅި އިންސާފު ގާއިމުވެގެންދާންޖެހޭކަމަށް އޭނާ ބުންޏެވެ. ގޮތަބަޔާ އާއި ދެކޮޅަށް ދައުވާ ކުރެވެންޖެހޭނެކަމަށް އޭނާ ބުންޏެވެ.

ގޮތަބަޔާ ފިއްލަވައިގެން ވަޑައިގެންނަވާނެކަމަށް އުންމީދުނުކުރާކަމަށްވެސް ނުޒްލީ ބުންޏެވެ. ސިޔާސީ ކަންކަމުގައި ގޮތަބަޔާ ހަރަކާތްތެރިނުވާހާ ހިނދަކު އެއްވެސް މައްސަލައެއް ނެތްކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް