ޤައުމުގެ ހާލަތު ގޯހުން ގޯހަށް ދިއުމުން ކުއްލި ގޮތަކަށް ޤައުމު ދޫކުރައްވާ ފިއްލެވުމަށް ފަހު ސިންގަޕޫރުގައި ހުންނަވައިގެން އިސްތިއުފާ ދެއްވި ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަލުން އަނބުރާ ޤައުމަށް ވަޑައިގަންނަވާ އުޅުއްވާކަން އެނގިވަޑައިނުގަންނަވާ ކަމަށް، ސްރީލަންކާގެ އަދުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ރައީސް ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ޓީވީއަކަށް ދެއްވި ބަސްދީގަތުމުގައި ބުރާސްފަތި ދުވަހު ވިކްރަމަސިންހަ ވިދާޅުވީ، ޢާއިލާގެ ގާތް މެންބަރަކު ވިދާޅުވެފައިވާ ފަދައިން އޯގަސްޓް 24 ވަނަ ދުވަހު ގޮތަބަޔާ ސްރީލަންކާއަށް ވަޑައިގަންނަވާ ކަމުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ސްރީލަންކާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ ނިއުސްފަސްޓްއިން ބުދަ ދުވަހު ވަނީ، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ގޮތަބަޔާ ސްރީލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ބުނެފައެވެ. މަސްދަރެއްގެ ގޮތުގައި ހަވާލާދީފައި ވަނީ ސްރީލަންކާގެ ކުރީގެ އެމްބެސެޑަރަކަށެވެ.
ރައީސް އޮފީހުގައި ހުންނަވައިގެން ރޮއިޓަރޒްއަށް ދެއްވި ބަސްދީގަތުމުގައި ވިކްރަމަސިންހަ އިތުރަށް ވިދާޅުވީ، ބޮއްސުންލާފައި އޮތް ލަންކާގެ އިގުތިސޯދު، އޭނާގެ މަސައްކަތްޕުޅުން ސްޓޭބަލް ކުރެވި، ހަމައަކަށް އެޅުވިފައިވާ ކަމަށެވެ.
ފާލުން ނެއްޓިގެން ދިޔަ އިގުތިސޯދުގެ ސަމުގާގަ ހިފުނު. ހެޔޮ ބަދަލުތަކެއް އައި ކަމަށް ޤަބޫލު ކުރަން. ހަމަ ޔަޤީނުންވެސް އަދި އޮންނަން ވާ ހިސާބަކަށް ނުދެވޭ. އެކަމަކު، ހެޔޮ ބަދަލުތަކެއް އަތުވެއްޖެ. އެއީވެސް ކާމިޔާބެއް ކަމަށް ބަލަނީ. ދެވަނަ ކަމަކަށް، ބަދަލު ބޭނުންވާކަން ޤަބޫލު ކުރަން. ކުޑަކުޑަ ބަދަލެއް ނޫން. މުޅި މުޖުތަމައު ރީސްޓްރަކްޗަރ ކުރަން ވިސްނަނީ. އެކަންވެސް އެބަދޭ ކުރިއަށް. ފާހަގަ ކުރަން ބޭނުން، މަރޗްމަހު މިތަނަށް އައީ ސުލްހަވެރި މުޒާހަރާއެއްގެ ބައިވެރިން. އެކަމަކު އެމީހުން ބޭރުކޮށްލި. ތިން ވަނަ ކަމަކަށް ފާހަގަ ކޮށްލަން ޖެހޭ، އިގުތިސޯދީ އަދި ސިޔާސީ ގޮތުން އަހަރެންނަށް ހަމަޖެހުންތަކެއް ގެނެސްދެވިއްޖެކަންރަނީލް ވިކްރަމަސިންހަ؛ ސްރީލަންކާގެ ރައީސް
އިންތިހާއަށް ދަރަނިވެރިވެ، ބަނގުރޫޓުވެފައިވާ ސްރީލަންކާގެ މައިގަނޑު ކްރެޑިޓަރުން ކަމަށް ވާ ޗައިނާއާއި އިންޑިއާ ހިމެނޭހެން މަޝްވަރާތަކަށް ދިއުމަށް އެ ޤައުމުތަކަށް ދައުވަތު ދިނުމަށް، ޖަޕާނުގެ ކިބައިން ސްރީލަންކާ އެދޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އެ މަޝްވަރާތަކަކީ މިދިޔަ 70 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް ސްރީލަންކާއަށް ކުރިމަތިލާން ޖެހިފައި ނުވާ ވަރުގެ އިގުތިސޯދީ ހީނަރުކަމުގެ ތެރެއަށް ޤައުމު ވެއްޓިފައި އޮތް މި ދަނޑިވަޅުގައި، އެ ޤައުމުން ދަރާފައި ވާ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމާ ގުޅޭ ވާހަކަތައް ދެކެވޭނެ މަޝްވަރާތަކެއް ކަމަށް ބެލެވެއެވެ.
ގޮތަބާޔާގެ ވެރިކަމުގައި ސްރީލަންކާގެ އިގުތިސޯދީ މަސްރަހު ގޯހުން ގޯހަށް ގޮސް، ޤައުމު އިންތިހާއަށް އިނދަޖެހި ބިކަވެގެން ދިޔައެވެ. އާންމު ރައްޔިތުންގެ ރުޅިވެރިކަން ކޮޅުން ލާ، އެތައް ހަމަނުޖެހުންތަކެއް ހިންގިއެވެ. ހަމަނުޖެހުންތައް ހޫނު ވަމުން ގޮސް، ޖުލައި 9 ވަނަ ދުވަހު، ވިކްރަމަސިންހަގެ އަމިއްލަ ގެކޮޅުގައިވެސް ބަޔަކު ވަނީ ހުޅުޖަހާފައެވެ.
އެއީ ހަމަ ލިބުނު ބޮޑު ޝޮކެއް. މުޅި އުމުރު ދުވަހުގެ ތަޖުރީބާތައް ގެއްލިދިޔަ ފަދަ. ފުރަތަމަ އެއްޗަކީ ކުތުބުޚާނާ. ދެވަނަ ކަމަކަށް އެތާ ހުރި ފަންނުވެރި މަސައްކަތްތައް. އަލުން އެތާ ފާރު ރާނާ ކޮޅަށް ޖެހިދާނެ، އެކަމަކު ގެއްލި ދިޔަ އެ އެއްޗެއްސެއް އަނބުރާ އެތަނަކަށް ނުލެވޭނެ މަށަކަށްރަނިލް ވިކްރަމަސިންހަ؛ ސްރީލަންކާގެ ރައީސް
ސްރީލަންކާގެ އާންމު ރައްޔިތުން ދަނީ މިއަދު އެ ޤައުމު ވެއްޓިފައި އޮތް ހާލަތާ ގުޅިގެން، ރާޖަޕަކްސަ ހާންދާން ޖަވާބުދާރީ ކުރުވުމަށް ޑިމާންޑް ކުރަމުންނެވެ. ނަމަވެސް، ގޮތަބަޔާގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު ސްރީލަންކާގެ ބޮޑުވަޒީރަކަށް ހުންނެވި ވިކްރަމަސިންހަ ވަނީ، ފިޔަވަޅު އެޅޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.