ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ތައިލެންޑަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ބޭރުގެ ނޫހެއް ކަމަށްވާ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޮތަބަޔާ ތައިލެންޑަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުއެވެ.
ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިވަގުތު ހުންނެވީ ސިންގަޕޫރުގައެވެ. ގޮތަބަޔާ ސިންގަޕޫރުގައި އިތުރު 14 ދުވަހު ހުންނެވުމުގެ ހުއްދަޔަށް ރަސްމީކޮށް އެދިފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
ސްރީލަންކާގެ ގިނަ އަދަދެއްގެ ބަޔަކުނިކުމެ ސަރުކާރާ ދެކޮޅަށް ކުރަންފެށި މުޒާހަރާ ދިގުލައިގެން ދިއުމުން ގޮތަބަޔާ އިސްތިއުފާ ނުދެއްވާ ފުރަތަމަ ގައުމު ދޫކުރައްވާ ވަޑައިގެންނެވީއެވެ. އޭނާ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓު ކުއްލި ގޮތަކަށް ދިވެހިރާއްޖޭގައި ޖައްސާ، ރާއްޖޭގައި އެއްދުވަހު މަޑު ކުރެއްވުމަށް ފަހު ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. މަގާމުން އިސްތިއުފާ ދެއްވީ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހުއެވެ.
ގޮތަބަޔާ އެބުރި ގައުމަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ޚަބަރުތަކެއްވެސް ފެތިރިގެން ދިޔައެވެ. ނަމަވެސް މިއީ ގޮތަބަޔާ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަަންނަވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އެ ޤައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހެ ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވީ މި ވަގުތު ގޮތަބަޔާ އެނބުރި ވަޑައިގެންފިނަމަ ސިޔާސީ މަސްރަހުގެ ހަލަބޮލިކަން އިތުރަށް ގޯސްވުން އެކަށީގެންވާ ކަމަށެވެ. ވުމާއިއެކު، މިއީ އެމަނިކުފާނު އެނބުރި ލަންކާއަށް ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި އަވަސް މުސްތަޤުބަލެއްގައި އެމަނިކުފާނު އެނބުރި ވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ރަނިލް ވިދާޅުވިއެވެ.