މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު ކަންކަމުގައި އަޑުއުފުލުމާއި ސިޔާސީ ސްލޯގަންތައް ބޭނުންކުރުން މަނާވާނެ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.
އެ ޤައުމުގެ އެޓަރނީ ޖެނެރަލް ޝެއިޚް ސައުދު އަލް މުއާޖަބު މިހެން ވިދާޅުވީ ބުދަ ދުވަހު މައްކާގެ ޙައްޖު ޕްރޮސެކިއުޝަން އޮފީހުގެ ހަރަކާތްތައް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އޭނާ ވިދާޅުވީ މިއީ ދީނީ އަޅުކަމެއް ކަމަށާއި އަޅުކަން ކުރިއަށްދާއިރު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގުމަކީ މަނާކަމެއް ކަމަށެވެ.
ޝެއިޚް ސައުދު ވިދާޅުވީ އަޑުއުފުލައި ސިޔާސީ ސްލޯގަންތައް ބޭނުން ކުރާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މިއީ ޙައްޖުގެ އަޅުކަން އަދާ ކުރާ މީހުންގެ ރައްކާތެރިކަމާއި މައްކާގެ ބިމުގެ އަގު ހިފެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުވަތަ ކުށެއް ކޮށްފިނަމަ އެ މީހަކާ މެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝެއިޚް ސައުދު ވިދާޅުވިއެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ޖަލު ހުކުމް ވެސް ހިމެނެއެވެ.
ޙައްޖާޖީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިއަހަރު ގެފުޅުގައި ވަނީ އިތުރު 20 ޕްރޮސެކިއުޝަން ވިންގު ހުޅުވައިފައެވެ. ކުރީގައި ހުރި ވިންގުތަކާއެކު 27 ވިންގު މިހާރު ހުންނައިރު ހައްޖާޖީންގެ ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ތަންތަނުން މަސައްކަތް ކުރާނެއެވެ.