ސޫރިއާގެ ޚާރިޖީ ވަޒީރު އަސަދް ޙަސަން އަލް-ޝިބާނީ އަދި ދިފާއީ ވަޒީރު މުރްހަފް އަބޫ ޤަސްރާ، ސައުދީ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްޙާން އާއި ސައުދީ ގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން އާ ސައުދީ އަރަބިއްޔާގައި ބައްދަލު ކުރައްވައިފިއެވެ.
"އަޅުގަނޑުމެން ސޫރިއާގެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ސޫރިއާގެ ރައްޔިތުންގެ އުއްމީދާއި އެދުން ކަމުގައިވާ ރައްކާތެރިކަމާއި، ސުލްޙަވެރިކަމާއި، އެއްބައިވަންތަކަން ހޯދުމަށްޓަކައި ވަގުތީ ސިޔާސީ މަރުޙަލާ އަށް އެހީތެރިވެދެވޭނެ ގޮތްތަކެއް ބަލައިފީމު،" ޕްރިންސް ޚާލިދު ބައްދަލުވުމަށްފަހު ވިދާޅުވިއެވެ.
އަލް-ޝިބާނީ ސައުދީ އަރަބިއްޔާއަށް ވަޑައިގަތީ ބުދަ ދުވަހު ސޫރިއާ ސަރުކާރުގެ އެހެން ބައެއް އިސް ވެރިންނާއެކުގައެވެ.
މިއީ ބައްޝާރު އަލް-އަސަދު ވެރިކަމުން ދުރުކުރެއްވުމަށްފަހު ސޫރިއާގެ އައު ވެރިކަމުގެ ފަރާތުން ބޭރު ޤައުމަކަށް ކުރި ފުރަތަމަ ދަތުރެވެ.
"ޚާރިޖީ ވަޒީރު އަސަދް އަލް-ޝިބާނީ، ދިފާއީ ވަޒީރު މުރްހަފް އަބޫ ޤަސްރާ އަދި އާންމު އިންޓެލިޖެންސް ސަރވިސްގެ ވެރިޔާ އަނަސް ޚައްޠާބް ހިމެނޭ ސޫރިއާގެ ރަސްމީ ވަފުދެއް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް ޒިޔާރަތްކުރައްވައިފި،" ކަމަށް ސޫރިއާގެ ރަސްމީ ނޫސް ސާނާ އިން ރިޕޯޓުކޮށްފައިވެއެވެ.
މި ބަޔާނުގައި މި ދަތުރުފުޅަކީ "ސައުދީ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރެއްވި ފުރަތަމަ ރަސްމީ ބޭރު ދަތުރުފުޅު" ކަމަށް ބަޔާންކޮށްފައިވެއެވެ.
ފާއިތުވި މަހު، ސައުދީ ވަފުދެއް ދިމިޝްޤުގައި ސޫރިއާގެ އައު ވެރިޔާ އަޙްމަދު އަލް-ޝަރާޢާ ބައްދަލުކުރެއްވިއެވެ.
ފާއިތުވި ހަފްތާގައި، ސައުދީ އަރަބިއްޔާގެ އަލް-ޢަރަބިއްޔާ އަށް ދެއްވި އިންޓަވިއުއެއްގައި އަލް-ޝަރާޢު ވިދާޅުވީ "ސައުދީ އަރަބިއްޔާ ޔަޤީނުންވެސް ސޫރިއާގެ މުސްތަޤުބަލުގައި ބޮޑު ދައުރެއް އަދާކުރާނެ" ކަމަށާއި، "ހުރިހާ އަވައްޓެރި ޤައުމުތަކަށްވެސް ބޮޑެތި އިންވެސްޓްމަންޓް ތައް ކުރުމުގެ ފުރުޞަތުތައް" ސޫރިއާ ގައި އޮތް ކަމަށެވެ.
2011 ވަނަ އަހަރު ސޫރިއާ އަށް އިސްލާހް ގެނައުމަށް ގޮވާލާ ފެށި ސުލްޙަވެރި އިހުތިޖާޖުތަކެއް އަނިޔާވެރިކަމާއެކު ކޮންޓްރޯލު ކުރުމުން ފެށުނު ދާޚިލީ ހަނގުރާމަ، 13 އަހަރަށްވުރެ ދިގު ދެމިގެން ދިއުމުގެ ސަބަބުން ސޫރިއާގެ އިޤްތިޞާދާއި ޢުމްރާނީ ވަސީލަތްތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.