ކ. މާލެ
|
20 ޖޫން 2022 | ހޯމަ 09:20
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ރައީސް އޮފީސް
ކ.ގުރައިދޫ ޓާފް ދަނޑު
ކުޅިވަރާއި މުޅި މުޖުތަމައުގައި އެެކުވެރިކަން ދައްކަން ޖެހޭ: ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ރައްޔިތުންގެ ދުޅަ ހެޔޮކަމާއި، ތުއްތު ކުދިންގެ ދުޅަހެޔޮކަމުގެ އިތުރުން ހެލިފެލިވެ އުޅުމާއި ކުޅިވަރާއި މުނިފޫހިފުލުވުމަކީ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަންތައް
ގައުމުގައި ކުރިއަށް ދެވޭނީ އެކުވެރިކަން އޮވެގެން، އެންމެ އިސްކުރަން ޖެހޭ ކަމަކީ އެއީ

ކުޅިވަރާއި މުޅި މުޖުތަމައުގެ ތެރޭގައި އެކުވެރިކަން ދައްކަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުން ކ.ގުރައިދޫގައި ގާއިމުކުރި ޓާފް ފުޓުބޯޅަ ދަނޑު ހުޅުވުމަށް އެރަށުގައި އާދިއްތަ ދުވަހުގެ ހަވީރު އޮތް ރަސްމިއްޔާތު ޝަރަފުވެރުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައްޔިތުންގެ ދުޅަ ހެޔޮކަމާއި، ތުއްތު ކުދިންގެ ދުޅަހެޔޮކަމުގެ އިތުރުން ހެލިފެލިވެ އުޅުމާއި ކުޅިވަރާއި މުނިފޫހިފުލުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުން އިސްކަން ދެއްވާ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކުޅިވަރު ތެރޭގައްޔާއި މުޅި މުޖުތަމައުގެ ތެރޭގައި އެކުވެރިކަން އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން އެބަ ޖެހޭ ކުޅިވަރާއި، މުޅި މުޖުތަމުގެ ތެރޭގައި އެކުވެރިކަން ދައްކަން. އަޅުގަނޑުމެންނަށް ގައުމުގައި ކުރިއަށް ދެވޭނީ އަޅުގަނޑުމެންގެ އޮތް އެކުވެރިކަމަކުން. އެއީ އަޅުގަނޑުމެން އެންމެ އިސްކުރަން ޖެހޭ ކަމަކީ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިދިޔަ ދުވަސްތަކަކީ، އަހަރުތައް ވެގެންދިޔައީ ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން ދުވަހަކުވެސް ނުލިބޭފަދަ ރަން ވަނަތަކެއް އަޅުގަނޑުމެންނަށް ލިބިގެންދިޔަ ދުވަސްތަކަށް.
ފައިސަލް ނަސީމް / ރައީސުލްޖުމްހޫރިއްޔާގެ ނައިބު

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑުންނާއި ކުރީގެ ކުޅުންތެރިން ރާއްޖެއަށް ހޯދައިދިން ރީތި ނަން މަތިން ހަނދާންވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނަައިބު ވިދާޅުވީ އެމަކިނުފާނުގެ ސްކޫލް ހަޔާތުގައި ގުރައިދޫއަށް ގިނަ ގިނައިން އާދެވޭ ކަމަށާއި، އެރަށުގައި އޭރު އޮންނަ ފުޓުބޯޅަ ދަނޑުގައި ކުޅުއްވި ހަނދާންތައް އައުވާކަމަށެވެ. އަދި އިއްޔެގެ މެޗުގައި އެމަނިކުފާނު ބޭނުން ކުރެއްވި 20 ނަންބަރަކީ އޭރުވެސް އެމަނިކުފާނު ކުޅުއްވި ނަންބަރުކަމަށެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ ގުރައިދޫގެ ރައްޔިތުންނަކީ ވަރަށް ހިތްހެޔޮ އަދި ވަރަށް ރަނގަޅު ބައެއް ކަމަށެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ގުރައިދޫގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ "ރައްޒާގުބެ މެމޯރިއަލް ކަޕް 2022" އިފްތިތާހުކޮށްދެއްވާފައެވެ.

- ކޮމެންޓް