ކ. މާލެ
|
13 ޖޫން 2022 | ހޯމަ 18:11
ގަވަރުނަރު
ގަވަރުނަރު
މަޖިލިސް
ރާއްޖޭގެ ޔޫޒަބަލް ރިޒަރވް ވަކިން އާއްމުުނުކުރުން
ޔޫޒަބަލް ރިޒަރވް ވަކިން އާއްމުނުކުރަނީ އައިއެމްއެފްއިން އެގޮތަށް އިރުޝާދުދީފައިވާތީ: އެމްއެމްއޭ
މިހާރު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ޔޫޒަބަލް ރިޒަރވް ކަލްކިއުލޭޓް ކުރެވޭނެކަމަށް ގަވަރުނަރު ވިދާޅުވި

އިގުތިސާދާ ގުޅުންހުރި ތަފާސްހިސާބުތައް އާއްމުކުރާއިރު ޔޫޒަބަލް ރިޒަރވް ނުވަތަ ޚަރަދު ކުރެވޭ ރިޒަރވްގެ އަދަދު ވަކިން އާއްމުނުކުރަނީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން އެގޮތަށް އިރުޝާދުދީފައިވާތީ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ގަވަރުނަރު މިހެން ވިދާޅުވީ ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޔޫޒަބަލް ރިޒަރވަކީ އާއްމުކުރާ އަދަދެއް ނޫންކަމަށް ވިދާޅުވުމާގުޅިގެން، އެއީ ކިހިނެއް ވާ ކަމެއްތޯ މެމްބަރަކު ވަނީ ސުވާލު އުފައްދަވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، ނެޓް ރިޒަރވް ނުވަތަ ޖުމްލަ ރިޒަރވް އާއްމުކުރާ އުސޫލަށް ބަދަލު ގެނެސްފައިވަނީ އައިއެމްއެފްއިން އެގޮތަށް ލަފާ ދީފައިވާތީ ކަމަށެވެ. ނަމަވެސް މިހާރު އާއްމުކުރާ ތަފާސްހިސާބުތަކުން ވެސް އެ އަދަދު ބެލޭނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެންމެފަހުގެ ޑޭޓާވެސް މިހާރު އިންނާނީ ޕަބްލިޝްކޮށްފަ. އެ ޑޭޓާއިން އެބަ ދައްކާ ސްޓެބިލިޓީ ހުންނާނެކަން ނުވަތަ ނޫންކަން. ޔޫޒަބަލް ރިޒަރވްވެސް އެ ޑޭޓާއިން ކަލްކިއުލޭޓް ކުރެވޭނެ. 2018ވަނަ އަހަރު އައިއެމްއެފްއިން އިރުޝާދުދެނީ، އެއީ ވަރަށް ކުރީގަ ގެންގުޅުނު މެޝަރއެކޭ، އަޅުގަނޑުމެން އާ މިންގަނޑަށް ދާށޭ. އާ މިންގަނޑާ އެއްގޮތަށް އެއޮތީ ޑޭޓާ ޕަބްލިޝްކޮށްފަ. ބައެއް ބޭފުޅުންނަށް އެނގޭނެ އެ ޑޭޓާއިން ނެޓް ރިޒަރވް ކަލްކިއުލޭޓް ކުރެވޭނެ ގޮތް.
ގަވަރުނަރު އަލީ ހާޝިމް

ދައުލަތުގެ އިންފްލޭޝަން މައްޗަށްގޮސް، ރިޒަރވް ހުސްވެދާނެކަމަށް ބުނެ ދެކެވޭ ވާހަކަތަކަށްވެސް ގަވަރުނަރު ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ދައުލަތު ރިޒަރވް ހުރި ހާލަތާއި މިހާތަނަށް ފެންނަންހުރި ހިސާބުތަކުން، އެ ހާލަތަށް ދާނެކަމަށް ނުބެލެވޭ ކަމަށެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ނެޓް ރިޒަރވްގައި މިހާރު ހުރީ 216 މިލިއަން ޑޮލަރެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރު ނިމޭއިރު 214 މިލިއަން ޑޮލަރު ރިޒަރވުގައި ހުންނާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް