ކ. މާލެ
|
22 ޖުލައި 2024 | ހޯމަ 14:36
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭ
ގަވަރުނަރު ހާޝިމް ވަކިކުރުން
ގަވަރުނަރު ހާޝިމް ވަކި ކުރަން ރައީސަށް ލަފާދޭން މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓާއެކު
ވަކިކުރަން ފެންނަަކަމަށް ނިންމީ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް ގަވަރުނަރު ހާޝިމް އަދާނުކުރައްވާކަމަށް ބުނެ
ގަވަރުނަރުގެ މަގާމަށް ހާޝިމް އައްޔަނުކުރީ 8 ސެޕްޓެމްބަރު 2019 ގައި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓާއެކުއެވެ. ނުފެންނަ ކަމަށް 9 މެންބަރަކު ވޯޓު ދެއްވިއެވެ.

ގަވަރުނަރު ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިމަހުގެ 17 ވީ ބުދަ ދުވަހުއެވެ. އެއީ ކޮމިޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން ގަވަރުނަރު ހާޝިމްގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށެވެ.

އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ މާލިއްޔަތު ކޮމިޓީއަށް ގަވަރުނަރު ވަޑައިގެންފައި ނުވި ނަމަވެސް ލިއުމުން މަޖިލީހަށް ޖަވާބުދާރީވެފައިވެއެވެ.

އެގޮތުން ރާއްޖެއަށް އިގްތިސާދީ ކާރިސާއެއް ކުރިމަތިވީ ސަރުކާރަށް ދިން އިރުޝާދުތަކާ އެއްގޮތަށް އަމަލުނުކުރުމުން ކަމަށާއި، އެ މައުލޫމާތުތައް ހިއްސާ ނުކޮށް އޮވެގެންނެއް ނޫންކަމަށް ގަވަރުނަރު ވިދާޅުވެފައިވެއެވެ.

ގަވަރުނަރު ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާ ދިނުމަށް މެމްބަރުން ނިންމާފައިވަނީ އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ ކަމަށް ވިދާޅުވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ 8 ސެޕްޓެމްބަރު 2019 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް