ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބައެއް ވަޒީރު ބޭފުޅުން އިޚުލާސްތެރި ނޫން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ގާތްވުމަކީ އެ ބޭފުޅުންނަށް މަގާމުގައި ދެމިތިއްބެވޭނެ ސަބަބެއް ނޫން ކަމަށް ދިއްދޫ ދާއިރާގެ, ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގައި ވަޒީރުން ފޯނަށް ޖަވާބު ނުދެއްވާކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން މެންބަރު ލަތީފް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި މަޖިލީސް މެންބަރުން ވަޒީރުންނަށް ފޯނުކުރަންޖެހޭ ކަމަށާއި އެއީ، އެކި މަސައްކަތްތައް އަވަސްކޮށްދިނުމާއި ކަންކަން ފަހިކޮށްދޭން އެދި ކަމަށް އޭނާ ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ބައެއް ވަޒީރުން ޚުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް އިޚުލާސްތެރިކަމާ އެކު މަސައްކަތްކުރާކަން ކަށަވަރެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ، ބައެއް ވަޒީރު ބޭފުޅުން ރައީސް މުއިއްޒާ ގާތްވުމުން، އެ ބޭފުޅުން މަގާމުން ދުރުނުކުރެވޭނެ ކަމަށް ހީފުޅުކުރައްވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެހެން އެކަން އޮތް ނަމަވެސް މަޖިލީހުގެ މެންބަރުން ބޭނުންފުޅުވެއްޖެ ނަމަ ވަޒީރުން މަގާމުން ވަކިކުރެވޭނެކަން ހަނދާނުގައި ބަހައްޓަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީރުންނަށް ހީވާ ކަހަލަ، ރައީސުލްޖުމްހޫރިއްޔާއާ މާ ގާތްވީމާ އެ ބޭފުޅުންނަށް މަގާމުގައި ތެމިތިބެވޭނޭ ބައިވަރު ދުވަހު. 18 ވަނަ މަޖިލީހުގައި ވެސް އަޅުގަނޑުމެން ހުންނާނީ ވަޒީރުން މަގާމުން ވަކިކޮށްފައި.ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު
ލަތީފް ވިދާޅުވީ މިކަން މިހާރުވެސް ވަޒީރުންނަށް ހަނދާން ކޮށްދޭކަމަށާއި އަދި ކޮންމެ ވަޒީރަކަސް އިޚުލާސްތެރިކަމާ އެކު، ސަރުކާރަށާއި ރައްޔިތުންނަށް މަސައްކަތް ނުކޮށްދޭ ނަމަ، މަގާމުގައި ދެމިތިބެވޭނެ ކަމަށް ހީކޮށްގެން ނުވާނޭކަމަށެވެ. އަދި ބައެއް ވަޒީރުން ރައްޔިތުންނަށް ފިލައިގެން އުޅުއްވާކަމަށް ވެސް ލަތީ ތުހުމަތު ކުރެއްވިއެވެ.
ލަތީފް ވިދާޅުވީ، ސަރުކާރާއި ރައްޔިތުންނާ ގުޅުވަން ތިބޭ ބަޔަކީ މަޖިލީހުގެ މެންބަރުން ކަމަށާއި އެ ގުޅުން ކަނޑާލައިގެން ނުކުންނަ ނަތީޖާ ރަނގަޅުނުވާނެ ކަމަށެވެ. ވަޒީރުން ފޯނު ނުނަންގަވާ ވާހަކަ ވަރަށް ގިނަ ރައްޔިތުން ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސާއި މާ ބޮޑަށް ގާތްވީމާ މަގާމުގައި ދެމިހުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހިނގާ ވިހިވަނަ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުން ތިއްބެވިއިރު، އެ ސުޕަ މެޖޯރިޓީގެ ބޭނުން ހިފައި، ޕީއެންސީން ވަނީ މެންބަރުން ޕާޓީން ވަކިކުރި ނަމަވެސް އަދި އަމިއްލައަށް ޕާޓީން ވަކިވިޔަސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހެއް ވެސް ގެނެސްފައެވެ.