މުޅި ދުނިޔޭގެ އިގްތިސާދަށް ނުރަނގަޅު އަސަރެއް ކުރަމުންދާ މި ދަނޑިވަޅުގައި ޚަރަދުތައް ކުޑަކުރަން މަސައްކަތްކުރުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި އަދި ޚިދުމަތްކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއަދު މުޅި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށެވެ. ސްޓްރެޓީޖިކް ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔެ ވަންނަމުން މިދަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށް ކަމަށް ރައީސް ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ސިޔާސީ އޮއިވަރަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، މުޅި ދުނިޔޭގެ އިގްތިސާދަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ފޯރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، މިކަންކަމަށް ކުރިމަތިލައި، އެދެވޭ ނަތީޖާއެއް ނެރުމަށް ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށާއި، ކޮންމެ ކަމެއްގައިވެސް އިގްތިޞާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުން މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ. ކަރަންޓު ޚަރަދު ކުޑަކުރުމާއި ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ކަންކަމަކީ ފަރުދީ ގޮތުން ކުރަންޖެހޭ ކަންކަން. މިކަންކަމުން ކުޑަ ކުރެވޭ ޚަރަދުތަކުގެ ޖުމްލަ ނަތީޖާ މިފެންނަނީ ޤައުމީ ފެންވަރުގައި. އެއީ އިޤްތިޞާދީ ގޮތުން ޤައުމީ ފެންވަރުގައި އުފުލަންޖެހޭ ބުރަ ކުޑަވެގެން ދިއުން. އިޤްތިޞާދީ ހީނަރުކަމެއް މެދުވެރި ނުވެ، އިމްޕޯޓް އެކްސްޕޯޓް ނުހުއްޓި ކުރިއަށް ދިއުން. މިއީ އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދަކު އެދޭނެ ކަންކަންރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
މުޅި ދުނިޔޭގެ އިގްތިސާދަށްވެސް މިވަގުތު ވަނީ ވަރަށް ބޮޑު ނުރަނގަޅު އަސަރެއް ކުރަމުންނެވެ. މިކަމުގެ ސަަބަބުން ރާއްޖޭގެ އިގްތިސާދަށް ނުރަނގަޅު އަސަރެއް ކުރި ނަމަވެސް ރާއްޖެ ބަނގުރޫޓު ނުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ރިސްކެއް އޮތީ މިދިޔައަހަރު ކަމަށެވެ. އެއީ މި އަހަރުގެ ޖޫން މަހު ދައްކަން ޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސުކޫކު ވިއްކައިގެން އެ ބޮންޑުގެ 192 މިލިއަން ޑޮލަރު މިހާރު ދައްކާފައިވާ ކަމަށެވެ. މިއަހަރުގެ ޖޫން ފުރަތަމަ ހަފްތާގައި އިންޓްރެސްޓާއެކު ގާތްގަނޑަކަށް 62 މިލިއަން ޑޮލަރު ދައްކާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެ ފަންޑު މިހާރުވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، 2019އާ ގާތްކުރާ ވަރަށް އިތުރުވަމުން އަންނަ ކަމަށެވެ. މިހާރު ދުވާލަކަށް އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖްކޮށް ހަތަރުހާހުން މަތީގައި ހުންނަކަން ފާހަގަ ކުރެއްވިއެވެ. ބަޖެޓްގައިވެސް އަންދާޒާކުރިވަރަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ސިނާއަތްތައްވެސް ބަރާބަރަށް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ޖީޑީޕީ އަންދާޒާ ކުރިވަރަށް ކުރިއަރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އަންދާޒާ ކޮށްފައިވަނީ، 12 - 18 ޕަސެންޓާ ދެމެދު ޖީޑީޕީ ކުރިއަރާނެ ކަމަށް ކަމަށާއި، މިދިޔަ ހަފްތާތެރޭގައި އެމްއެމްއޭއާއެކު ޖީޑީޕީ ރިވައިސްކުރިި އިރުވެސް އެ އަންދާޒާއަށް ބަދަލު ނާންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެންމެ ވޯސްޓް ކޭސްގައިވެސް ރާއްޖޭގެ އިޤްތިސާދު 13 ޕަސެންޓް ކުރިއަރާނެ ކަމަށެވެ. މިކަމަށް ވަރަށް ޔަގީންކަން އެބައޮތް ކަަމަށް ވިދާޅުވިއެވެ.
މީރާއަށް ލިބޭ އާމްދަނީވެސް 2019ވަނަ އަހަރާ އަޅާބަލާއިރު ރަނގަޅު ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ރިސާރވް 2021 ނިމުނުއިރު ހުންނާނީ 700 މިލިއަން ޑޮލަރުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ރިސާރވްގައި ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށެވެ. ފާއިތުވިތަނަށް ބަލާއިރު، ރާއްޖޭގެ ރިސާރވް 2019ށްވުރެ މިހާރު ރަނގަޅުވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ބަގުރޫޓްވުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނެތްކަމަށް ވެސް ވިދާޅުވިއެވެ.