ރާއްޖެޓީވީން ގެނެސްދޭ ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ފައިނަލް ޝޯވ، ރެކޯޑް އަދަދެއްގެ މީހުން ބަލައިފިއެވެ.
ޑާޓާ ދައްކާގޮތުން 173،000 މީހުން ފޭސްބުކް މެދުވެރިކޮށް ޝޯވ ބަލާފައިވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި މިފަދަ ޝޯވއެއް ލައިވްކުރިއިރު، އެއްފަހަރާ މިހާ ގިނަ މީހުން ބެލި ފުރަތަމަ ޝޯވއެވެ. ފައިނަލް ޝޯވ ނިމިފައިވާއިރު، މިހާރު ވަނީ އެސްއެމްއެސް މެދުވެރިކޮށް ވޯޓު ދިނުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައެވެ.
އެސްއެމްއެސް ކުރުމުގެ ސުންގަޑިއަކީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އެވެ. އަދި ސެލެބްރިޓީ ޝޯވގެ ގްރާންޑް ފިނާލޭ އޮންނާނީ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރާ މީހަކު އެ ދުވަހު އިއުލާންކުރާނެއެވެ.
ފައިނަލް އެޕިސޯޑު ހޮނިހިރު ދުވަހުގެރޭ ދައްކާފައިވާ އިރު، މި ޝޯގައި 5 ޓާސްކެއް ބައިވެރިން ފުރިހަމަކޮށްފައިވެއެވެ.
ފުރަތަމަ ޓާސްކަކީ މުގޮށި ޗެލެންޖެވެ. މި ޗެލެންޖަކީ އޮބްސްޓަކަލްތަކެއް ހުރަސްކޮށް ނިންމަންޖެހޭ ޓާސްކެކެވެ. މި ޓާސްކަކީ ވަކިވަކިން ކުރިއަށްގެންދިޔަ ޓާސްތަކެއްކަމުން، މާކްސްވެސް ދީފައިވަނި ވަކިވަކިންނެވެ.
މުގޮށި ޗެލެންޖުގެ ނަތީޖާ
- ރޯމަން – 4:05 – 20 މާކްސް
- ދޮނާ – 3:20 – 19 މާކްސް
- ފުބޫ – 4:34 – 15 މާކްސް
- އައްޒަ – 5:38 – 10 މާކްސް
- ފަރީލާ – 6:30 – 02 މާކްސް
ދެވަނަ ޓާސްކަކީ ނާސްތާ ޗެލެންޖެވެ. މި ޗެލެންޖުގައި ބައިވެރިން ޖެހުނީ ގުރުއަތުން ދިމާވި ގުޅިއެއްގައި ކައިރި ހުއްޓި އެއަށް އަތްބާނައި، އެއިން ތަޅުދަނޑި ނަގައިގެން ދިމާވާ ފޮއްޓެއް ހުޅުވައިގެން އޭގަ އޮތް އެއްޗެއް ކާށެވެ. ތަޅުދަނޑި ލާފައި ހުރި 2 ގުޅި ހުރިއިރު އޭގެ އެކަތީގައި ހުރީ ކުރަތްޕާއި ނަންނުގައްޗެކެވެ. އަނެއް ގުޅީގައި ހުރީ ބޮއް އަޅާފައެވެ. އަދި ބައިވެރިން ކާން ހުރީ ގޮއްފުޅަނގި، ވެންބޮޅު އަދި ބޮޑު ހިނި ނުވަތަ ކަނޑައެވެ.
ނާސްތާ ޗެލެންޖުގެ ނަތީޖާ
- ދޮނާ – 00:15 – 25 މާކްސް
- އައްޒަ – 00:18 – 20 މާކްސް
- ރޯމަން – 00:21 – 15 މާކްސް
- ފުބޫ – 00:22 – 10 މާކްސް
- ފަރީލާ – 00:27 – 05 މާކްސް
ތިންވަނަ ޓާސްކަކީ ފުންގަނޑު ޗެލެންޖެވެ. މި ޗެލެންޖުގައި މޫދުގެ ވަކި ހިސާބެއްގައި ބޮއެއް ބާއްވާފައި އޮވެއެވެ. އަދި އެ ބޮޔާ ދިމާލުން އަޑީގައި ހުރި 2 ފޮށި ނަގައިގެން އެއްގަމަށް ގެނެސް، ނިންމަން ހަމަޖެހިފައިވާ ޕޮއިންޓަށް ގެންދަންޖެހެއެވެ. މިއީ ވެސް ވަކިވަކިން ޕޮއިންޓް ދޭގޮތަށް ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ.
ފުންގަނޑު ޗެލެންޖް ނަތީޖާ
- ފުބޫ – 00:37 – 25 މާކްސް
- ރޯމަން – 00:40 – 17 މާކްސް
- އައްޒަ – 00:51 - 15 މާކްސް
- ފަރީލާ – 1:05 – 10 މާކްސް
- ދޮނާ – 00:48 – 00 މާކްސް
ހަތަރުވަނަ ޗެލެންޖަކީ ކާށިހޮވާ ޗެލެންޖެވެ. ނަމަވެސް މި ޗެލެންޖުގައި ހޯސްޓް ދިން އިރުޝާދު އެއްވެސް ބައިވެރިއެއް ރަނގަޅަށް އަޑު އަހާފައި ނުވާތީ އެއްވެސް ބައިވެރިއަކަށް ޗެލެންޖް ފުރިހަމަ ނުކުރެވުނެވެ. އެއީ ކޮންމެ ބައިވެރިއަކު ވެސް 10 ކާށި ގެނެސް ފޮއްޓަށް ލާން ބުނިނަމަވެސް ކާށީގެ ބަދަލުގައި ގިނައިން ފޮއްޓަށް ލާފައިވަނީ ކުރޮޅިއާއި ބޮނބި އަދި މުޑިކާއްޓެވެ. އެހެންކަމުން މި ބުރުގައި އެއްވެސް މީހަކަށް ޕޮއިންޓެއް ނުލިބެއެވެ. މިއީވެސް ވަކިވަކިން ޕޮއިންޓް ލިބޭގޮތަށް ކުރިއަށް ގެންދިޔަ ޗެލެންޖެކެވެ.
ފަސްވަނަ ޗެލެންޖަކީ ތިންދާ ޗެލެންޖެވެ. މިއީވެސް ކޮންމެ ބައިވެރިއެއްވެސް ވަކިން ކުރިއަށްގެންދާ ޗެލެންޖެކެވެ. ޗެލެންޖުގެ ނަމާއެއްގޮތަށް މި ޗެލެންޖުގައި ބައިވެރިން ޖެހުނީ ވަގުތު ޖެއްސުމާއެކު އޮބްސްޓްކަލް މަތީގައި އަޅާފައި އޮތް ބެރީގެ މަތިން ހިނގާފައި ހުރަސްކޮށްފައި އޭގެ ކައިރީގައި އޮތް ބަސްތާ ނަގައިގެން ގޮސް، ފުރަތަމަ ދަލުގެ ކައިރީގައި ބަސްތާ ބާއްވާފައި އެ ދަލުން މައްޗަށް އަރައި ފައިބާށެވެ. މިހެން ތިން ދަލުގެ މަތިން ދާންޖެހެއެވެ. މި ޗެލެންޖުގައި ގަވާއިދުތަކާއި ޚިލާފުވެއްޖެނަމަ 5 މާކްސް އުނިކުރެވޭނެއެވެ. ޓާސްކް ފުރިހަމަ ނުކުރެވިއްޖެނަމަ އެއްވެސް ޕޮއިންޓެއް ނުލިބޭނެއެވެ.
ތިންދާ ޗެލެންޖުގެ ނަތީޖާ
- ރޯމަން – 1:09 – 25 މާކްސް
- އައްޒަ – 1:34 – 20 މާކްސް
- ދޮނާ – 1:35 – 15 މާކްސް
- ފުބޫ – 2:41 – 10 މާކްސް
- ފަރީލާ – 3:02 – 05 މާކްސް
ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ސީޒަން ދޭއްގެ ފައިނަލް އެޕިސޯޑުގެ ފައިނަލް ނަތީޖާތަކަށް ބަލާއިރު، މި 5 ޓާސްކުން އެންމެ ގިނަ މާކްސް ހޯދައިގެން ކުރީގައި އުޅެނީ ރޯމަންއެވެ. ރޯމަންއަށް 77 ޕޮއިންޓް ލިބުނު އިރު ދެވަނައަށް ދިޔައީ 65 ޕޮއިންޓާއެކު އައްޒައެވެ. ތިންވަނައަށް ދިޔަ ފުބޫއަށް 60 ޕޮއިންޓް ލިބުނު އިރު ދޮނާއަށް ލިބުނީ 59 ޕޮއިންޓެވެ. އެއީ ހަތަރުވަނައެވެ. ފުލުގައި އޮތީ 22 ޕޮއިންޓާއެކު ފަރީލާއެވެ.