އިޒްރޭލުގެ ބޮޑުވަޒީރާއި ކުރީގެ ދިފާއީ ވަޒީރު، އަދި ހަމާސްގެ އަސްކަރީ ކޮމާންޑަރު ހައްޔަރުކުރުމުގެ އަމުރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ފަނޑިޔާރުން ނެރެފިއެވެ.
ކޯޓުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރު ކުރުމުގެ މައްސަލަ ބެލުމުގެ އިހްތިސާސު ކޯޓަށް ނުލިބޭ ކަމަށް ބުނެ އިޒްރޭލުން ހުށަހެޅި ޗެެލެންޖް ބަލައި ނުގަންނަން ޕްރީ-ޓްރަޔަލް ޗެމްބަރަކުން ނިންމާފައިވާ ކަމަށާއި، ބެންޖަމިން ނެތަންޔާހޫ އަދި ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ.
އައިސީސީ އިން ވަނީ ހަމާސް ގެ ކޮމާންޑަރު މުޙައްމަދު ދީފް ހައްޔަރުކުރުމުގެ އަމުރެއްވެސް ނެރެފައެވެ.
ފަނޑިޔާރުން ބުނެފައިވަނީ އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގި ހަނގުރާމައިގައި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ ތުހުމަތުގައި މި ތިން މީހުން "ޖިނާއީ ޒިންމާ" އުފުލަންޖެހޭ ކަމަށް "އެކަށީގެންވާ ސަބަބުތަކެއް" ހުރި ކަމަށެވެ. އިޒްރޭލާއި ހަމާސް އިން ވަނީ ދެ ފަރާތުންވެސް މި ތުހުމަތުތައް ދޮގުކޮށްފައެވެ.
އަމުރު ނެރުމާއެކު އަމުރު ތަންފީޒު ކުރުމާ މެދު ގޮތެއް ނިންމުން އޮންނާނީ އައިސީސީގެ 124 މެމްބަރު ޤައުމުތަކުގެ މައްޗަށެވެ.
އިޒްރޭލާއި އެ ޤައުމުގެ އެކުވެރި އެމެރިކާ މެމްބަރު ޤައުމުތަކުގެ ތެރޭގައި ނުހިމެނެއެވެ.
ނަތަންޔާހޫ، ގަލަންޓް، ދީފް އަދި ހަމާސް ގެ އިތުރު ދެ ލީޑަރުން ހައްޔަރު ކުރުމަށް ވޮރަންޓް ނެރުމަށް އައިސީސީގެ ޕްރޮސެކިއުޓަރ ކަރީމް ޚާން އެކޯޓުގައި އެދުނީ މެއި މަހު އެވެ. އެ ދެ ލީޑަރުންނަކީ އިސްމާއިލް ހަނިއްޔާ އާއި ޔަހްޔާ ސިންވާރެވެ. މި ދެ ލީޑަރުން ވަނީ މިހާރު އަވަހާރަވެފައެވެ. އިޒްރޭލުން ޤަބޫލުކުރާ ގޮތުގައި ދީފް ވެސް ވަނީ މަރުވެފައެވެ. ނަމަވެސް ކޯޓުން ބުނެފައިވަނީ އޭނާގެ މަރު ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ.
ޕްރޮސެކިއުޓަރުގެ މައްސަލަ އެ މީހުންނާ ދެކޮޅަށް ހުށަހަޅާފައިވަނީ 7 އޮކްޓޯބަރު 2023 ގައި ހިނގި ހާދިސާއާ ގުޅިގެންނެވެ. އެ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ދެކުނަށް ހަމަލާދީ، 1،200 އެއްހާ މީހުން މަރާލައި، 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔައެވެ.
މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ވަނީ ހަމާސް ނައްތާލުމަށް ކަމަށް ބުނެ ޣައްޒާގައި އަނިޔާވެރި ރަހުމު ކުޑަ ހަނގުރާމައެއް ފަށާފައެވެ. މި ހަނގުރާމާގައި މަދުވެގެން 44،000 މީހުން ވަނީ މަރުވެފައެވެ.
ޚާން ވަނީ ހަމާސްގެ ލީޑަރުންނަށް އިންސާނިއްޔަތާ ދެކޮޅު ކުށްތަކާއި ހަނގުރާމައިގެ ކުށްތަކުގެ ތުހުމަތު ކޮށްފައެވެ. މީގެ ތެރޭގައި މީހުން މެރުމާއި، ރަހީނު ކުރުމާއި، ރޭޕްކުރުން އަދި އަނިޔާކުރުން ހިމެނެއެވެ.
އިޒްރޭލުގެ ލީޑަރުންނަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި އާންމު ރައްޔިތުންނަށް ގަސްތުގައި ހަމަލާދިނުމާއި، ހަތިޔާރެއްގެ ގޮތުގައި އިންސާނުން ބަނޑަށްޖެއްސުމާއި، މީހުން މެރުން ހިމެނެއެވެ.