ރާއްޖެޓީވީއިން ގެނެސްދޭ ރިއަލިޓީ ޝޯވް "ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް" ގެ ދެވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ޓްރެއިލަރ އާންމު ކޮށްފައިވާއިރު އެންމެ ފުރަތަމަ އެޕިސޯޑް މިވަނީ ދައްކާފައެވެ.
މި ޝޯވްގައި ފުބޫ ބުނީ ފަރިލާއަކީ ޑިސްރެސްޕެކްޓް ކުރުމާއި ވަރަށް ގޯސްކަން ފާހަގަވެގެން ދިޔަ ބައިވެރިޔެއް ކަމުގައެވެ. ސީރިއަސްކޮށް ޓާސްކްތައް ނަގާހެން ހީނުވާ ކަމަށް ބުނެ ފަރީލާ ބޭރުކުރަން ރޯމަން ވޯޓް ދީފައިވާއިރު ޓާސްކް ފުރިހަމަ ކުރިއިރު އެންގި ގޮތަށް ކުރިއަށް ނުގެންދިޔަ ކަމަށް ބުނެ ފަރީލާ ބޭރުކުރަން ރިޝްމީ ވެސް ވަނީ ވޯޓް ދީފައެވެ. ޝަރަފް ބުނީ ފަރީލާއަށް މަޑުކުރަން ޖެހޭ ކަމަށާއި އެއީ ވަރަށް ބަލައިގަންނަން އުނދަގޫކަމެއް ކަމަށެވެ. އެހެންކަމުން ޝޯވްއިން ފަރީލާ ބޭރުކުރަން ވޯޓް ދިނީ ކަމަށް ބުންޏެވެ.
ޝޯވްގެ ލޯންޗިންގ ދުވަހުން ފެށިގެން ވެސް ވަރަށް މައްސަލަތައް ޖެހުނު ކަމަށާއި ފަރީލާއާއެކު ފައިޓެއް ދިޔަ ކަމަށް ނޫރު ބުންޏެވެ. އަދި މީހުންނާއި ނުގުޅޭ ކަމަށްވެސް ބުންޏެވެ. ސުހާ ވެސް ވޯޓް ދިނީ ފަރީލާ ބޭރު ކުރުމަށެވެ.
އައްޒަ ވެސް ވޯޓް ދިނީ ފަރީލާ ބޭރު ކުރުމަށެވެ. އައްޒަވެސް ބުނީ ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް ކަމަށެވެ. އެހެން ކުދިންނާއި ފަރީލާ ނުގުޅޭ ކަމަށް ޝަބާ ބުންޏެވެ. އަދި ފަރީލާ ޝޯވްއިން ބޭރު ކުރުމަށް ވޯޓް ދިނީ އެހެންވެގެން ކަމަށް ބުންޏެވެ.
ގިނަ ބައިވެރިން ފަރީލާ ޝޯވްއިން ބޭރު ކުރުމަށް ވޯޓް ދީފައިވާއިރު ފަރީލާ ވަނީ ނޫރު ޝޯވްއިން ބޭރު ކުރުމަށް ވޯޓް ދީފައެވެ. ގިނަ މީހުން އެގޮތަށް ވޯޓް ދިން ނަމަވެސް އެއްވެސް ބައިވެރިޔަކު އެލިމިނޭޓް ނުކުރުމަށް ފަހުން ވަނީ ނިންމާފައެވެ.
ޖުމްލަ 11 ފަންނާނުންނާއެކު މި އަހަރު ކުރިއަށްގެންދާ މި ރިއަލިޓީ ޝޯވް އަކީ މިދިޔަ އަހަރު ގެނެސްދިން ޝޯވް އަށްވުރެ ފެންވަރު ރަނގަޅުކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ޝޯވް އެކެވެ. ލ އަތޮޅު ބަރެސްދޫ އަދި އެ ސަރަޙައްދުގެ ބައެއް ފަޅު ރަށްރަށާއި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި މި ޝޯވްގެ ޓާސްކުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޝޯވްގެ ޝޫޓިންގ މިހާރު އެއްކޮށް ނިންމާލާފައިވާއިރު، މި ޝޯވް އިން އެއްވަނައަށް އަންނަ ފަރާތެއް ކަނޑައެޅިގެންދާނީ ބެލުންތެރިންގެ އެސްއެމްއެސް ވެސް ހިމެނިގެންނެވެ.
ސެލެބްރިޓީ ރޭހަކީ ސަރވައިވަލް ޝޯވްއެއްގެ ގޮތުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ޝޯވް އެވެ. މި ޝޯވްގެ ފުރަތަމަ ސީޒަން ކުރިއަށް ގެންދިޔައީ ދ. އަތޮޅުގެ 11 ފަޅު ރަށެއްގައެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ޝޯވްގެ ފުރަތަމަ ސީޒަންވެސް ފޭސްބުކް މެދުވެރިކޮށް 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ.