ހިއުމަން ޓްރެފިކިންގ މައްސަލައެއްގައި އުމުރުން ދުވަސްވީ 2 ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހ. ސީސްޕީޑް މުޙައްމަދު ވަޙީދު (65) އާއި، ސ ހުޅުދޫ ރޯޝަނީމާގޭ މޫސާ ފަތުޙީ (55) އެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން 10 ދުވަހުގެ މުއްދަތަށް ބަންދު ކޮށްފައި ބޭތިއްބުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 16 އަށެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ޤަރީނާ ވަނީ ހުށައަޅާފައެވެ. އެގޮތުން ކުށުގެ ޝިކާރައަކަށްވީ ފަރާތް ދީފައިވާ ބަޔާނާއި، އިތުރު ހެކިން ދީފައިވާ ބަޔާންތަކުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބާރުދޭކަމަށް ވަނީ ބުނެފައެވެ. އެ ދެމީހުން ބަންދު ކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބަލައި، އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުވެސް އޮތުމުންކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ ގިނަ ބަޔަކު ހިމެނޭ މައްސަލައެއްކަމަށް ފުލުހުން ފާހަގަ ކުރެއެވެ. އަދި މި މައްސަލައިގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއްވެސް ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، މި މައްސަލައިގައި ހިމެނޭ މުޙައްމަދު ވަހީދު ވަނީ އޭނާއަކީ އުމުރުން ދުވަސްވެފައިވާ މީހަކަށް ވާތީ އެކަމަށް ރިއާޔަތް ކޮށްދެއްވުމަށް އެދިފައެވެ. އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ބަލި ކަމަށާއި، އޭނާގެ އާއިލާ ބަލަންޖެހޭ ފަރާތް ކަމަށްވާތީ ޝަރުތުތަކާއެކު ދޫކޮށްލުމަށްވެސް އެދިފައިވެއެވެ. ނަމަވެސް އޭނާ މިހާރުވެސް ކުށުގެ ޝިކާރައަށްވީ ފަރާތަށް ބިރު ދައްކައި ނުފޫޒު ފޯރުވަމުންދާކަމަށް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. އޭނާއަކީ އެބާވަތުގެ މައްސަލައިގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެކެވެ.
އޭގެ އިތުރުން، ބަލި ޙާލަތާއި ގުޅޭ ލިއެކިއުންތައް ދެން އޮންނަ އަޑުއެހުމަކަށްވާއިރަށް ހުށައެޅުމުން އެކަންކަމަށް އޮންނަ އުސޫލުގެ މަތިން ރިއާޔަތް ކުރާނެކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މުޙައްމަދު ވަޙީދުގެ އިތުރުން ދެން މި މައްސަލައިގައި ހިމެނޭ މޫސާ ފަތުޙީ ވަނީ މިއީ ރަހުމަތްތެރިއަކު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް ބަންދު މަޖިލީހުގައި އޭނާ ދެއްކި ވާހަކަތަކާއި، މި މައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ލިއެކިއުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އާދަމް މުޙައްމަދުއެވެ.