ހަކަތައިގެ ސިޔާސަތަށް އިންގިލާބީ ބަދަލެއް ގެންނަން ޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ހޯމް ސޯލާރ ޕްރޮގްރާމް ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަކީ ރާއްޖެ ކަމަށާއި ރާއްޖެ ނެތި ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖޭގައި ކުރެވޭ ކޮންމެ ކަމަކީ ރާއްޖޭގެ ވިލުންވެރިކަން އިތުރުކުރަން ކުރާ ކަމަކަށް ވާން ޖެހޭ ކަމަށާއި ތަންފީޒު ކުރާ ސިޔާސާތުގައި ވެސް އެކަން ބައްޓަން ވެފައި އޮންނަން ޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.
ހަކަތައިގެ ސިޔާސާތަށް އިންގިލާބީ ބަދަލެއް ގެންނަން ޖެހޭކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ އެކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. ތެލަށް ބާރޯސާވާ މިންވަރު މަދުކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.
2019 ވަނަ އަހަރު ތެޔޮ އެތެރެކުރުމަށް އެއް ބިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރި ކަމަށާއި މަސައްކަތް ކުރަމުންދަނީ 2030 ވަނަ އަހަރަށް ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމަށް އައިރު ޖުމްލަ ހުރީ 16.5 މެގަވޯޓްގެ ސޯލާރ ކަމަށާއި އިތުރު 20 މެގަވޯޓްގެ ސޯލާރ ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 26 ރަށެއްގައި 11 މެގަވޯޓްގެ ސޯލާރ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.
ޝައުނާ އިތުރަށް ވިދާޅުވީ މި ދައުރު ނިމޭއިރު މަދުވެގެން 52.8 މެގަވޯޓްގެ ކަރަންޓް އިރުގެ އަލިން އުފައްދާނެ ކަމަށާއި އެއީ އަހަރަކު 248 މިލިއަން ރުފިޔާގެ ޚަރަދު ކުޑަކުރުމެއް ކަމަށެވެ.
ހޯމް ސޯލާރ ޕްރޮގްރާމަކީ 20 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފަށާ ރިވޯލްވިންގ ބަޖެޓްކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ އެއްހާސް ގޭގެ ފުރާޅުގައި ސޯލާރ ޕީވީ ހަރުކުރާނެ ކަމަށެވެ.
ރަށްރަށުގައި ސޯލާރ ޕީވީ ހަރުކުރާއިރު ދިމާވާ ދަތިތައް އެބަހުރި ކަމަށާއި ސޯލާރ ޕީވީ ހަރުކުރާއިރު ބިމުގެ ޖާގައިގެ ދަތިކަން އެބަހުރި ކަމަށް ޝައުނާ ވިދާޅުވިއެވެ. އެހެންނަމަވެސް ސޯލާރ ހަރުކުރުމަށް ރައްޔިތުންގެ ގޭގެ ފުރާޅުތައް ބޭނުންކުރަން ފެށުމުން އެއީ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށާއި ވަރަށް ބާރު ސްޕީޑުގައި މި ޕްރޮގްރާމު ކުރިއަށްދާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.