އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ޕަބްލިކް ހެލްތް ފަންޑް ހިންގުމުގެ ގަވާއިދު، އެ ފަންޑު ލޯންޗްކުރިތާ 2 އަހަރު ފަހުން އާންމުކޮށްފިއެވެ.
މި ގަވާއިދަކީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 96 ވަނަ މާއްދާގެ ދަށުން، އެ ގާނޫނު ތަސްދީގުކުރާތާ ގިނަވެގެން 12 މަސް ދުވަހުގެ ތެރޭގައި ހަދައި އާންމު ކުރަން ޖެހޭ ގަވާއިދެކެވެ. އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަކީ 2012 ވަނަ އަހަރު ތަސްދީގުކުރި ގާނޫނެކެވެ.
މި ފަންޑް ހިންގުމުގެ ގަވާއިދަކީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 77 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ރިއާޔަތްކޮށް، އާންމު ސިއްހަތު ދެމެހެއްޓުމަށާއި، ބަލިމަޑުކަމުން ރައްކާތެރިވެ ތިބުމަށާއި، އާންމު ސިއްހަތުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އާންމު ސިއްހަތާ ގުޅޭ ހަރަކާތްތައް އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކީ އާންމު ސިއްހަތަށް ހޭލުންތެރި ރައްޔިތަކަށް ހެދުމަށް އިސްކަންދިނުމަށް ގާއިމު ކޮށްފައިވާ ޕަބްލިކް ހެލްތު ފަންޑު ހިންގުމުގެ އިޖުރާއަތުތައް ބަޔާންކުރުމުގެ ގޮތުން، އެ ގާނޫނުގެ 96 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
މި ފަންޑަށް 5 ގޮތަކަށް ފައިސާ ޖަމާކުރެވޭނެއެވެ. އެއީ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ހިމަނައި، ފަންޑަށް ޖަމާކުރުމަށް ދޫކުރާ ފައިސާއާއި، އާންމު ސިއްހަތުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ނުވަތަ ގާނޫނުގެ ވަކި ބައެއް ތަންފީޒު ކުރުމަށްޓަކައި، ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި އެކިއެކި ފަރާތްތަކުން ދޭ ފައިސާއެވެ.
މީގެ އިތުރުން އާންމު ސިއްހަތުގެ ޕްރޮގްރާމް ހިންގުމަށްޓަކައި، އެހީގެ ގޮތުގައި ދިވެހި ސަރުކާރަށް ދިވެހި ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ނުވަތަ އެނޫންވެސް ގައުމެއްގެ ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްއިއްޔާއަކުން ނުވަތަ ޖަމާއަތަކުން ދޭ ފައިސާ ހިމެނެއެވެ.
ފަހުގޮތަކީ ގާނޫނުގެ ދަށުން އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއެވެ.
އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ތެރޭގައި ހިމެނެނީ؛
- ގާނޫނުގެ ދަށުން ދޫކުރާ ލައިސަންސް ފީގެ ގޮތުގައި ލިބޭ ފައިސާ
- ގާނޫނުގެ ދަށުން ދޭ ޚިދުމަތަށް ނަގާ ފީގެ ފައިސާ
- ގާނޫނުގެ ދަށުން ތައްޔާރުކުރާ ރިޕޯޓުތައް ނުވަތަ އެކިއެކި ކަންކަމާ ގުޅޭ ދިރާސާތައް ވިއްކައިގެން ލިބޭ ފައިސާ
- ގާނޫނުގެ ދަށުން ހިންގާ ތަމްރީނުތަކާއި ހަރަކާތްތަކުން ލިބޭ ފައިސާ
- ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާގެ ފައިސާ
- ސިނގިރޭޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނަގާ ޑިއުޓީގެ 3 އިންސައްތަ
- ސިއްހަތަށް ނުރައްކާވާ ތައްޔާރީ ކާނާ (މިސާލު: އެނަރޖީ ޑްރިންކްސް ފަދަ ތަކެތިން ނަގާ ޑިއުޓީގެ ވަކި މިންވަރެއް)
މި ގަވާއިދުގެ ދަށުން ފަންޑު ހިންގުމަށާއި ފަންޑުގައިވާ ފައިސާއަށް ޒިންމާ އުފުލާނީ ވަޒީރެވެ. ފަންޑުގެ ފައިސާ ބޭނުންކުރާނީ ގާނޫނުގެ ދަށުން، އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ސީދާގޮތުން ކުރަންޖެހޭ، ކަންކަމަށެވެ. މި ގަވާއިދުގައި 6 ކަމެއް ވަނީ ހިމަނާފައެވެ.
ފަންޑުން ފައިސާ ބޭނުންކުރެވޭނީ ސިއްހީ ނުރައްކާތަކަށާއި، ގައިންގަޔަށް އަރާ ބަލިތަކާއި ނުރައްކާތެރި ބަލިތަކާއި ރިޕޯޓުކުރަންޖެހޭ ބަލިތައް ދެނެގަތުމަށާއި، އެ ބަލިތައް ފެތުރޭ ނިސްބަތް ބެލުމުގެ މަސައްކަތާއި، އެއިން ބައްޔެއް ފެތުރުމުން އެ ބައްޔަކާ ގުޅޭ ގޮތުން އެޅިދާނެ ފިޔަވަޅަކީ ކޮބައިތޯ ބެލުމަށް ކުރާ މަސައްކަތްތަކަށާއި، ގައިންގަޔަށް އަރާ ބަލިތައް ބޭރުގެ ގައުމުތަކުން ރާއްޖެއަށް ތައާރަފުވުން ކޮންޓްރޯލް ކުރުމަށާއި، ރާއްޖޭގައި އެފަދަ ނުރައްކާތެރި ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށެވެ.
އަދި މީގެ އިތުރުން ގައިންގަޔަށް އަރާ ބައްޔާއި ނުރައްކާތެރި ބަލި ރާއްޖެއަށް ފެތުރެމުންދާ ނިސްބަތް ނުވަތަ ފުރުސަތު އޮތް ނިސްބަތް ބެލުމަށް ޓަކައި ހިންގަންޖެހޭ މަޝްރޫއުތަކާއި ޕްރޮގްރާމުތަކާއި ދިރާސާތައް ހިންގުމަށާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، މުޖުތަމައުގެ އާންމު ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށާއި، އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ސީދާގޮތުން ކުރަންޖެހޭ އެންމެހައި ކަންކަމަށް ޚަރަދުކުރުމަށެވެ.
މި ގަވާއިދުގެ ދަށުން ޕަބްލިކް ހެލްތު ފަންޑު ކޮމިޓީ އުފައްދައި، އެކުލަވާލަންޖެހެއެވެ. އެގޮތުން ޖެނުއަރީ 2022 ގެ 7 ވަނަ ދުވަހުގެ ކުރިން ޕަބްލިކް ހެލްތު ފަންޑު ބަލަހައްޓައި ހިންގުމަށްޓަކައި ''ޕަބްލިކް ހެލްތު ފަންޑު ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލާންވާނެ ކަމަށް ބުނެފައިވެއެވެ. މި ކޮމިޓީގެ މައިގަނޑު މަސައްކަތަކީ، ޕަބްލިކް ހެލްތު ފަންޑަށް ފައިސާ ހޯދުމާއި، ފަންޑަށް ލިބޭ ފައިސާ ބޭނުންކުރާނެ އުސޫލުތައް ކަނޑައަޅައި އެކުލަވައިލުމެވެ. އަދި ކޮމިޓީ އެކުލަވާލާނީ ހެލްތް މިނިސްޓަރު ނުވަތަ މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވި އެންމެ އިސް ފަރާތެކެވެ.
ކޮމިޓީގައި 9 މެންބަރުން ހިމެނެއެވެ. އެއީ މިނިސްޓަރުގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، އެޗްޕީއޭގެ 2 މުވައްޒަފުންނާއި، އެމްއެފްޑީއޭގެ މުވައްޒަފަކާއި، މިނިސްޓްރީގެ ލީގަލް އޮފިސަރުގެ އިތުރުން މިނިސްޓްރީގެ 3 މުވައްޒަފުންނެވެ. މި ކޮމިޓީގެ އިދާރާ މަސައްކަތް ބެލެހެއްޓުން ހަވާލުވާނީ އެޗްޕީއޭއިންނެވެ.
މި ގަވާއިދުގައި ބުނެފައިވަނީ ޕަބްލިކް ހެލްތު ފަންޑުން އެއްވެސް ޚަރަދެއް ކުރެވޭނީ، އެ ޚަރަދެއް ކުރުމަށް ކޮމިޓީން ނިންމުމުންނެވެ. އަދި ކޮމިޓީން ނިންމުމުން އެ ޚަރަދެއް ކުރަންވާނީ، މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާއާއި އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް ނުވަތަ އެޖެންސީ ހިންގުމާ ހަވާލުވެހުރި ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔަކާ ދެ މީހުން، ޚަރަދުކުރުމުގެ ހުއްދައިގައި ސޮއިކުރުމުން، އެ ޚަރަދުކުރުމަށް މިނިސްޓަރު ހުއްދަ ދިނުމުންނެވެ.