ތ. އަތޮޅުގެ ތިން ރަށެއްގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުނި މެނޭޖް ކުރުމަށް ހަދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ.
ތިން ރަށެއްގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 58.4 މިލިއަން ރުފިޔާއެވެ.
މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އާއި، ވެމްކޯގެ ފަރާތުން ޖެނެރަލް މެނޭޖަރ، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިންގ އިސްމާޢިލް އުބައިދެވެ.
މި މަޝްރޫޢުގެ ދަށުން ތ. ގުރައިދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް 32.8 މިލިއަން ރުފިޔާއަށް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، ތ. މަޑިފުށީ އަދި ތ. ގާދިއްފުށީ ޞިއްޙީ މަރުކަޒުތަކުގެ އައު އިމާރާތުގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެއެވެ. މި ދެ މަޝްރޫޢުގެ އަގަކީ ކޮންމެ މަޝްރޫޢަކަށް 12.8 މިލިއަން ރުފިޔާއެވެ.
މި ރަސްމިއްޔާތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާވެސް ދެ މަޝްރޫޢެއް ހަވާލުކުރެވުނެވެ. މިގޮތުން އދ. ކުނބުރުދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 8.2 މިލިއަން ރުފިޔާއަށާއި، ފ. ފީއަލީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 21.6 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނެވެ.
ވެމްކޯއާ ހަވާލުކުރެވުނު ތިން މަޝްރޫޢުވެސް ނިންމުމަށް ދެވިފައިވަނީ 325 ދުވަހުގެ މުއްދަތެކެވެ. އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރެއިން ކުނބުރުދޫ ޞިއްޙީ މަރުކަޒުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ނިންމުމަށް ދެވިފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.