Advertisement
ކ. މާލެ
|
23 ނޮވެންބަރ 2025 | އާދީއްތަ 13:13
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަޖިލީހަށް ހާޒިރު ކުރުން. / 07.05.2025
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަޖިލީހަށް ހާޒިރު ކުރުން. / 07.05.2025
މަޖިލިސް
އެމްޓީސީސީ
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
ޓެކްސީ ފްލީޓުގެ ފުރިހަމަ މައުލޫމާތު ނުދިނުމުން ޑްރައިވަރުން ކަންބޮޑުވެ ހިއްސާކޮށްފައިވޭ
ޓެކްސީ ފްލީޓަށް ފުރަތަމަ އަހަރު 150-200 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވޭ
3000 އަށް ވުރެ ގިނަ ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ސީދާ ގޮތުން އަސަރުކުރާނެ

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، ދައުލަތަށް ގެއްލުން ވުމު ގެ ކުރިން އިސްތިއުފާ ދެއްވުމަށް ޑްރައިވަރސް އެސޯސިއޭޝަނުން ބުނެފި އެވެ.

އެ އެސޯސިއޭޝަނުން އެފަދައިން ބުނެފައި ވަނީ ޓެކްސީ ފްލީޓާއި މެދު އަމަލުކުރަމުންދާ ގޮތުން އާއްމު ކުރި ބަޔާނެއްގަ އެވެ.

ޓެކްސީ ފްލީޓު ގެ ފުރިހަމަ މައުލޫމާތު ނުދޭތީ އެކަމު ގެ ކަންބޮޑުވުން އެ ޖަމިއްޔާ އިން ވަނީ ހިއްސާކޮށްފަ އެވެ. އެކި ފަހަރުމަތިން ޓްރާންސްޕޯޓް މިނިސްޓަރ އަމީން ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވާ އެކަމު ގެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެއިން އެއްވެސް މައުލޫމާތެއް ހިއްސާކުރައްވާފައި ނުވާ ކަމަށް ޑްރައިވަރުން ބުނެ އެވެ. އަދި މިހާރު އެމްޓީސީސީ އިން ޑްރައިވަރުން ނެގުމަށް އިއުލާން ކުރުމުން އެނގިގެން ދަނީ އަޚްލާގީ މިންގަނޑުން ބޭރުވެ މިނިސްޓަރ ޓެކްސީ ޑްރައިވަރުންނަށް އޮޅުވާލާފައިވާ މިންވަރު ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އިޚުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރައްވާ ނަމަ ޤައުމަށާއި ޓެކްސީ ޑްރައިވަރުންނަށް ލިބިދާނެ ހުތުރު ނަމަކަސްޓަކާ ޓެކްސީ ފްލީޓުން ގެއްލުން ވުމު ގެ ކުރިން މިނިސްޓަރކަމުން އިސްތިއުފާދެއްވުމަށް އެ މަނިކުފާނަށް އެ އެސޯސިއޭޝަނުން ގޮވާލާފައިވެ އެވެ. ޓެކްސީ ލައިނެއް ތައާރަފްކޮށްގެން ޓެކްސީ ދާއިރާ ފުނޑާލުމަކީ ޓެކްސީ އާއިލާތަކާއި، ދައުލަތަށް ޓެކްސް ދައްކާ ފަރާތްތަކަށް ވެސް ލިބޭ ގެއްލުމެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ޓެކްސީ ފްލީޓު ވެގެން ދާނީ ފަހު ގެ ތާރީހުގައި ހިންގާ އެންމެ ބޮޑަށް ފެއިލްވާ ޕްރޮޖެކްޓަށް ކަމަށް އެ އެސޯސިއޭޝަނުން ދެކެ އެވެ. ޑްރައިވަރުން ގެ މުސާރަ އާޢި ވެހިކަލް މެއިންޓެނަންސް އަށް އަދި އިދާރީ މަސައްކަތްތަކަށް ކުރާ ޚަރަދާއި އެކު 150-200 މިލިއަން ރުފިޔާ ފުރަތަމަ އަހަރު އެކަނި ވެސް މި ފްލީޓަށް ހޭދަކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ޓެކްސީ ފްލީޓު ގެ ސަބަބުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އެތައް ޓެކްސީ އަކަށް ސީދާ ގޮތުން އެކަމު ގެ އަސަރުކުރާނެ ކަމަށް ޑީއޭއެމް އިން ވަނީ ބުނެފަ އެވެ. އެކަމު ގެ ސަބަބުން ޑްރައިވަރުން ގެ ދިރިއުޅުމަށް ސީދާ ގޮތުން އަސަރުކުރާނެ ކަމަށާއި ދިވެހިން ގެ މާލިއްޔާ އަށް އިއާދަކުރަން ދަތި ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެ އެސޯސީއޭޝަނުން ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ޓެކްސީ ފްލީޓު ގެ މަސައްކަތް ކުރަމުން ދަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށް ވެސް އެ އެސޯސީއޭޝަނުން ވަނީ ބުނެފަ އެވެ. މިދާއިރާގައި މަސައްކަތް ކުރާ ޓެކްސީ ސެންޓަރތަކާއި، އެޕްތައް ހިންގާ ފަރާތްތަކާއި، ޓެކްސީ ޑްރައިވަރުންނާއި، ޕްރައިވެޓް ކާރުތައް ދުއްވާ ފަރާތްތަކާއި ދާއިމީކޮށް ޓެކްސީ ޚިދުމަތް ހޯދާ ފަރާތްތަކާއި އެކަމާއި މެދު މަޝްވަރާ ނުކުރުމަކީ އެ ދާއިރާ އަށް އަހައްމިއްޔަތުކަން ނުދެވޭކަން ހާމަވާ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. މިހާތަނަށް އައި އިރު ވެސް މި ސަރުކާރށް އިތުބާރު ހިފޭ މާލީ އަދި އިގްތިސާދީ ޕްލޭނެއް ހާމަކޮށް ލަފަޔަކަށް އެދިފައި ނުވުމަކީ އެ ދާއިރާ އާއި މެދު އެ މަނިކުފާނު ގެ ދުރު ވިސްނުމެއް ނެތްކަން ހާމަވާ ކަމެއް ކަމަށް ޑީއޭއެމް އިން ބުނެ އެވެ.

ޓެކްސީ ޚިދުމަތަކީ 3000 އަށް ވުރެ ގިނަ އަމިއްލަ ޑްރައިވަރުން މަސައްކަތް ކުރާ ދާއިރާ އެކެވެ. އެ ފަރާތްތަކާއި އެ ފަރާތްތަކު ގެ އާއިލާތަކު ގެ ހައްގަށް މި ސަރުކާރުން އިޚްތިރާމް ނުކުރާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެ އެވެ.

- ކޮމެންޓް