ފެނަކައިން ފުވައްމުލައް ސިޓީގެ ގެތަކަށް ދޫކޮށްފައިވާ ސަޕްލައިން ފެނުގައި ކޮލިޓީ މައްސަލަ ޖެހި މުޅި ރަށް ފެނަށް ޖެހިއްޖެ އެވެ.
ރާއްޖެޓީވީ އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ފުވައްމުލައް ސިޓީގެ ގެތަކަށް ފެނަކަ ކޯރަޕޭޝަން މެދުވެރިކޮށް ދެމުންދާ ސަޕްލައިން ފެން ދިނުން ހުއްޓުވީ މީގެ 6 ދުވަސް ކުރިން އެ ސިޓީ އަށް އެޗްޕީއޭގެ ޓީމެއް ގޮސް ކުރި ޓެސްޓްތަކުން ފެން ބޭނުން ކުރުން އެކަށީގެން ނުވާކަން ކަށަވަރު ކުރުމަށްފަހު އެވެ. ނަމަވެސް މިހާތަނަށް އައި އިރު އެޗްޕީއޭ އިން މިކަމާއި ގުޅޭ އެއްވެސް އެއްޗެއް ހާމަ ކޮށްފައި ނުވެ އެވެ.
ފުވައްމުލައް ސިޓީ ފެނަކަ އޮފީހުން ހޯމަ ދުވަހު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ފެނުގެ ނެޓްވޯކް ސާފު ކުރުމަށްޓަކައި ހައި ޑޯޒެއްގެ ކުލޮރިން ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރަމުން އަންނަ ކަމަށެވެ. އެހެން ކަމުން މިވަގުތު ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، ފެން ބޭނުން ނުކުރުމަށް ވަނީ އަންގާފަ އެވެ. އެ އެންގުމުގައި އިތުރަށް ބުނެފައި ވަނީ ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް ނިމުމުން އެކަން އިއުލާނު ކުރެވޭނެ ކަމަށެވެ.
ކުލޮރިން ފެނުގެ ނެޓްވޯކު ތެރެއަށް ދޫކުރިކަން ފެނަކަ އިން އިއުލާން ކުރީ އެތައް ގަޑިއިރުތަކެއް ވަންދެން ފެންކަނޑާލުމަށް ފަހު އެވެ.
ރަށުން ފެން ކެނޑިފައިވާ އިރު ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ކުއްލި ބައްދަލުވުމެއް ވެސް ބާއްވަމުންނެވެ. ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ އާއި ގުޅިގެން ސިޓީ ކައުންސިލާ ފެނަކަ ފުވައްމުލައް އޮފީހާ އެކު ބާއްވާ ކުއްލި ބައްދަލުވުން ކުރިއަށްދާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި މި ވަގުތު ފެނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ފެނަކަ އިން ކުރަމުންދާ މަސައްކަތްތައް ކައުންސިލާއި ވަނީ ހިއްސާކޮށްފަ އެވެ.
ފުވައްމުލައް ސިޓީ އިން ފެން ކެނޑި ފެނަށް ޖެހިފައިވާ އިރު، އެރަށު ފިހާރަތަކުން މީހަކަށް ދެނީ 5 ކޭސް ފެނެވެ. މިހާތަނަށް ސަރުކާރުން މިކަމުގައި އެއްޗެއް ބުނެފައި ނުވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފެނުގެ މައްސަލަ ޖެހުނީ މި ފަހުންނެވެ. އަދި ފެން ކަނޑާލަން އެޗްޕީއޭ އިން އެންގީ ފެނުގައި ބެކްޓީރިއާ ހުރެގެންނެވެ. ނަމަވެސް މިހާތަނަށް އައި އިރު ފެނަކައިން މިކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެ ސިޓީގެ އާންމު މީހަކު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ފުވައްމުލަކު ފެން ހަދާ ޕްލާންޓު ހަލާކުވެ މައްސަލަ ޖެހުނީމަ ވެސް އެކަން ހައްލު ނުކޮށް އާ ޕުލާންޓެއް ނުބަހައްޓާ ރައްޔިތުންނަށް ބެކްޓިރިއާ ހުރި ފެން ބޯންދެމުން ދިޔަ ކަމަށެވެ. އަދި ތަންތަނަށް ނާގާބިލު ވެރިންލީމަ ވާނެ ހައެތި މިވަނީ ކަމަށާއި، ރަށުގެ ރައްޔިތުން މިހާރު ތިބީ ފުވައްމުލަކު ހެޕީމާކެޓު ކުރިމަތީގަ ފެން ގަންނަން ކިއުގަ މުޅި ސަރުކާރު ހެޕީގަ ނާޗަރަންގީ ގައި ކަމަށެވެ.