އޭޑީކޭ ހޮސްޕިޓަލުން ބޫސްޓަރ ޑޯޒް ޖެހޭނީ ކިޔުބީ އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ބޫސްޓަރ ޑޯޒް ޖެހުމަށް ވަކި އަދަދަކަށް އެ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ދޫކުރަމުންދާނެ ކަމަށާއި އެޕޮއިންޓްމަންޓަކާ ނުލާ ކުރިން ހޮސްޕިޓަލަށް ގޮސް ވެކްސިން ޖެހިޔަސް، މިހާރު އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ.
މާލެ ސަރަހައްދުގައި 6 ސެންޓަރަކުން ގެންދަނީ ވެކްސިން ޖަހައިދެމުންނެވެ. އަދި ތިން މޯބައިލް ޓީމް ހަރަކާތްތެރިވަމުންދެއެވެ. އަތޮޅުތެރޭގައި 176 ސެންޓަރަކުން ވެކްސިން ޖަހައި ދެމުންދެއެވެ. ކޮވިޑް-19ން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ކެމްޕެއިނުގެ ތެރެއިން، ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓަރ ޑޯޒު) ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ވެކްސިންގެ ތިންވަނަ ޑޯޒް ޖެހޭނީ އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލުން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށެވެ. މިހާރު ރާއްޖޭގައި ތިންވަނަ ޑޯޒު ޖެހޭނީ ހަމައެކަނި ފައިޒަރ ވެކްސިންގެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މާލެ ސަރަހައްދުގައި ތިންވަނަ ޑޯޒުގެ ފައިޒާ ވެކްސިން ޖެހުމަށް ދާން ޖެހޭނީ އޭޑީކޭ، ހުޅުމާލޭ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްއަށެވެ. ބޫސްޓަރ ޑޯޒް ޖެހޭނީ ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސްދުވަސްވެފައިވާ ފަރާތްތަކަށެވެ.
އާންމުންނަށް ޑިސެމްބަރު މަހުގެ މެދު ތެރޭގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ކަމަށް ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މިހާރު ބޫސްޓަރ ޑޯޒް ޖަހަމުންދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. ސިއްހީ ޚިދުމަތްތެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެއަރޕޯޓުގެ ފްރަންޓް ލައިން މުވައްޒަފުންނަށް މި ހަފްތާގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ބޫސްޓަރ ޑޯޒް ޖެހޭ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.