އާންމުންނަށް ޑިސެމްބަރު މަހުގެ މެދު ތެރޭގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ބޫސްޓަރ ޑޯޒް ޖަހަމުންދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. ސިއްހީ ޚިދުމަތްތެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އެއަރޕޯޓުގެ ފްރަންޓް ލައިން މުވައްޒަފުންނަށް މި ހަފްތާގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ބޫސްޓަރ ޑޯޒް ޖެހޭ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މާލެ ސަރަހައްދުގައި 6 ސެންޓަރަކުން ގެންދަނީ ވެކްސިން ޖަހައިދެމުންނެވެ. އަދި ތިން މޯބައިލް ޓީމް ހަރަކާތްތެރިވަމުންދެއެވެ. އަތޮޅުތެރޭގައި 176 ސެންޓަރަކުން ވެކްސިން ޖަހައި ދެމުންދެއެވެ. ކޮވިޑް-19ން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ކެމްޕެއިނުގެ ތެރެއިން، ވެކްސިންގެ ތިންވަނަ ޑޯޒު (ބޫސްޓަރ ޑޯޒު) ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ވެކްސިންގެ ތިންވަނަ ޑޯޒް ޖެހޭނީ އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލުން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހަށެވެ. މިހާރު ރާއްޖޭގައި ތިންވަނަ ޑޯޒު ޖެހޭނީ ހަމައެކަނި ފައިޒާ ވެކްސިންގެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މާލެ ސަރަހައްދުގައި ތިންވަނަ ޑޯޒުގެ ފައިޒާ ވެކްސިން ޖެހުމަށް ދާން ޖެހޭނީ އޭޑީކޭ، ހުޅުމާލޭ ހޮސްޕިޓަލް އަދި އައިޖީއެމްއެޗްއަށެވެ.
ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 9058 އަރާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ބުރާސްފަތި ދުވަހު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 556 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 295 މީހުންނާއި އަތޮޅުތަކުން 261 މީހުންނެވެ.
ތިން ވަނަ ޑޯޒްގެ ގޮތުގައި ޖަހަމުން އަންނަނީ ފައިޒަރ ވެކްސިން އެކަންޏެވެ. ބޫސްޓަރ ޑޯޒް ޖެހޭނީ ދެވަނަ ޑޯޒް ޖެހުމަށްފަހު 6 މަސްދުވަސްވެފައިވާ ފަރާތްތަކަށެވެ.