ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙުމަދު ލަޠީފުގެ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެކަމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2019 ނޮވެންބަރު 26 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް އިސްމެޖިސްޓްރޭޓް އަޙުމަދު ލަޠީފަށް ނޯޓިސް ދީފައިވާ ކަމަށެވެ.
އަދި ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް 2021 ނޮވެންބަރު 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 86 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށްވެސް ޖޭއެސްސީން މައުލޫމާތު ދެއެވެ.
ޖޭއެސްސީން މީގެ ކުރިން ވަނީ އޭނާ ސަސްޕެންޑުވެސް ކޮށްފައެވެ. އެ މައްސަލައަކީ، ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ޖިނާއީ 05 މައްސަލައެއްގައި ހިމެނޭ ޚަޞްމަކާ އޮންނަ ގުޅުމަކާ ގުޅިގެން ކަމަށް ބުނެ އެ މައްސަލަތައް ބެލުމުން އިސްމެޖިސްޓްރޭޓް އަޙުމަދު ލަޠީފު ތަނާޒުލްވެ، ހަމަ އެ ޚަސްމާ ގުޅޭގޮތުން ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް ބެލުމުން އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފު ތަނާޒުލުވުމެއްނެތި، އެ މައްސަލައިގައި ހިމެނޭ ޚަސްމުގެ ބަންދާމެދު ގޮތެއް ނިންމާފައިވާތީއާއި، އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމާފައިވަނީވެސް ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ކަމަށްވާތީ ކަމަށް ބުނެ ޖޭއެސްސިން ބެލި މައްސަލައެކެވެ.
އޭނާގެ މި އަމަލު ތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫގެ 7 ވަނަ މާއްދާއާއި، 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ)އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާ އަމަލެއް ކަމަށް ޖޭއެސްސީން ބުނެއެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، 18 ނޮވެންބަރު 2021 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް 2 (ދޭއް) ހަފުތާގެ މުއްދަތަށް ފަނޑިޔާރު ކަމުގެ މަސައްކަތުން ދުރުކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.